19 އެޕްރީލް 2018 - 06:15

ކޮންމެ ދުވަހަކު ތިން ތަށި ކޮފީ ބުއިމާ އެކު، ނަޓްސްގެ ބާވަތްތައް ކާ ނަމަ، ހިތަށް ދިމާވާ ތަފާތު މައްސަލަތަކުން ރައްކާތެރިވުމަށް އެހީއަކަށްވާ ކަމަށް ދިރާސާތަކެއްގައި ބުނެފި އެވެ.

އޮސްޓްރޭލިއާގެ ޓީމަކުން ހެދި ދިރާސާގައި ބުނާ ގޮތުން ކޮފީއަކީ ކެފެއިން އެކުލެވޭ ބުއިމަކަށްވާތީ ހަށިގަނޑުގައި އެކުލެވޭ މުހިއްމު ކެމިކަލެއް ކަމަށްވާ އެޑެނޯޒިން ބޭރުކޮށް ދިނުން ހުއްޓުވައި ދެ އެވެ. އޭގެ ސަބަބުން ހަށިގަނޑު ގުނަންތަކުގެ ހިނގުން ދުޅަހެޔޮކޮށްދެ އެވެ.
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ދުވާލަކު މަދުވެގެން ތިން ތަށި ކޮފީ ބޯ ނަމަ ހިތަށް ދިމާވާ އެޓްރިއަލް ފިބްރިލޭޝަނުން ރައްކާތެރިކޮށްދެ އެވެ. އެއީ ހިތުގެ ވިންދު އަވަސްވުމާއި ލޭގަނޑުވުން ފަދަ މައްސަލަތަކާ އެކު ސްޓްރޯކް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ.
ދިރާސާ ޓީމްގައި ހިމެނޭ ޑރ. ޕީޓާ ކިސްލާ ވިދާޅުވި ގޮތުގައި ކޮފީގައި އެކުލެވޭ ކެފެއިންއަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން މާއްދާއެއް ކަމަށް ބެލެވިފައި އޮތަސް، ހިތާ ގުޅުން ހުރި ސިއްހީ މައްސަލަތަކަށް ރިޔާތް ކުރާ އިރު، ކެފެއިން އަކީ ހަށިގަނޑަށް މުހިއްމު ވެސް މާއްދާއެކެވެ.
"އަހަރެމެން މި ހެދި ދިސާރާ އިން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ އާންމުކޮށް ކޮފީ ބޭނުން ކުރާ މީހުންނަށް ދިމާވާ ހިތުގެ މައްސަލަތައް މަދުކަން." އޭނާ ވިދާޅުވި އެވެ.
ދެން އޮތީ ކޮންމެ ދުވަހަކު ނަޓްސް ކެއުމުން ލިއްބައިދޭ ފައިދާތަކުގެ ވާހަކަ އެވެ.
ސްވިޑްންގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ހަފުތާ އަކު މަދުވެގެން ތިން ދުވަހު ނަޓްސްގެ ބާވަތްތައް ކާ މީހުންނަށް، ނާރުތަކަށް ދިމާވާ މައްސަލަތައް 18 ޕަސެންޓް ކުޑަކޮށްދެ އެވެ. ނަޓްސްއަކީ ވިޓަމިން އީ އެކުލެވޭ، އޭގައި ހުންނަ ސިއްހަތަށް ފައިދާހުރި ފެޓާއި އޮމެގާ 3 ގެ ސަބަބުން ހަށިގަނޑުގެ ނާރުތައް ދުޅަހެޔޮކޮށްދޭ އެއްޗެކެވެ.
ޑރ. ސުޒާން ލާޒަން ވިދާޅުވި ގޮތުގައި ދުޅަހެޔޮ ޑައިޓަކަށް މީހާ ބަދަލުވާ ނަމަ، އޭގެ ތެރޭގައި ނަޓްސްގެ ބާވަތްތައް ހިމެނުން ކޮންމެހެން ވެސް މުހިއްމެވެ.