19 އެޕްރީލް 2018 - 06:17

މައިކްރޮވޭވް، އެކްސްރޭ، ޕޭސްމޭކާ އަދި ޕެނިސިލީން އުފެދިވައި ވަނީ، ސައިންސްވެރިން ކޮންމެވެސް އެހެން އީޖާދެއް ކުރުމުގެ ތެރޭގައި، ހިނގި އެކްސިޑެންޓަކުންވެ. އިންސާނިއްޔަތަށް ފައިދާ ހުރި މި ފަދަ ގިނަ އުފެއްދުންތައް ވުޖޫދުވެފައި ވަނީ މުޅިހެން އެކްސިޑެންޓުންނެވެ.
ޕްލާސްޓިކް އޭގެ ޒާތުގައި ނެތި ދިއުމަށް ހަތަރު ގަރުނު ނަގަ އެވެ. މި ނިޒާމު ކުރުގަޅުވާލައި ޕްލާސްޓިކް ފުޅިތައް ހަ ހަފުތާއިން ނައްތާލައިދޭ "ބެކްޓީރިއަމް"އެއް، ސައިންސްވެރިންނަށް އަތުޖެހިގެން އުޅޭތާ މިހާރު ދެތިން އަހަރުވެއްޖެ އެވެ. މިއީ ވެސް ސައިންސްވެރިން ކުރި އެހެން ދިރާސާއެއްގެ ތެރެއިން، ގަސްދަކާނުލައި ހިނގައިދިޔަ އެކްސިޑެންޓަކުން ނިކުތް ނަތީޖާ އެވެ. ޕްލާސްޓިކް – ޕެޓް ފުޅިތައް ނާއްތާލަން މެދުވެރިވަނީ ބެކްޓީރިއަމް އުފައްދާ "އެންޒައިމް" އެކެވެ.
މި އެންޒައިމް އަތުޖެހުމާ އެކު ސައިންސްވެރިން ދެން ބެލީ، ޕެޓް ފުޅިތައް ނައްތާލުމުގައި އެންޒައިމްގެ ދައުރު ހަނިކޮށް، ނަގާ ވަގުތު ލަސްކޮށްލެވޭތޯ އެވެ. ކަންތައްތައް ދެން ހިނގައި ދިޔައީ ވެސް އެ މީހުން ހިކުރި ގޮތާ މުޅިން ޚިލާފަށެވެ. ޕެޓް ފުޅިތައް ނައްތާލަން އެންޒައިމް ނަގާ ވަގުތު ވީ މަދެވެ.
ޕްލާސްޓިކް ނައްތާލުމަށް "ބަޔޮލޮޖިކަލް" ހައްލަކަށް ދުނިޔެ ވަނީ ނުހަނު ބޭނުންޖެހިފަ އެވެ. ކަނޑުގެ ދިރުން ހަލާކުވެ، މުރަކަތައް މަރުވުމަށް ވެސް ޕްލާސްޓިކް ސަބަބަކަށް ވެ އެވެ. ދަނޑުގޮވާންކުރުމަށް އަދި ވަލުޖަނަވާރުންނަށް ވެސް ޕްލާސްޓިކަކީ ނުރައްކަލެކެވެ. އެހެންކަމުން މިއީ ދެމެހެއްޓިނިވި ހައްލެއް ހަމަ ވަގުތުން ވަގުތަށް ވެސް ބޭނުންޖެހިފައި އޮތް ކަމެކެވެ.
ސައިންސްވެރިން މިހާރު ވިސްނަނީ ޕްލާސްޓިކް ގަނޑުކޮށް ހަލާކުކޮށްލުމުގައި ބުނެވި ދިޔަ އެންޒައިމް ބޭނުންކުރެވިދާނެ ގޮތްތަކާ މެދު އެވެ. އެއްތަނަކަށް ޕްލާސްތިކް ފުޅިތައް ޖަމާކޮށް އޭގެ މައްޗަށް އެންޒައިން ސްޕްރޭކުރުމަކީ ވެސް ގޮތެކެވެ. އިންސާނުން އަދި އެހެން އެއްވެސް ދިރުމެއް ވިހަނުވާ ގޮތަށް އެންޒައިން އުފައްދައި ބޭނުންހިފޭނެ މެކޭނިޒަމެއް ލަސްތަކެއް ނުވެ އަތުޖެހިދާނެ ކަމަށް ބެލެވެ އެވެ.