19 އެޕްރީލް 2018 - 06:18

މާސް އަށް ފުރަތަމަ ދާނީ އަންހެން އެސްޓްރޮނޯޓެއް ކަމަށް އެމެރިކާގެ ޖައްވީ ސްޓޭޝަން ނާސާ އިން ބުނެފި އެވެ.

ހިއުސްޓަންގައި ހުންނަ ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރު ސީނިއާ އިންޖިނިއަރު އެލިސަން މެކްއިންޓައިރް ވިދާޅުވީ މިހާތަނަށް ގިނަ އަދަދެއްގެ ފިރިހެން އެސްޓްރޮނޯޓުން ހަނދަށް ދަތުރުކޮށްފައި ވާއިރު މާސް އަށް ދާ ފުރަތަމަ މީހަކަށް އަންހެނަކު ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
އެހެންވެ ދެން އެންމެ އަވަހަށް އެ ފުރުސަތު ލިބުން ގާތީ އަންހެން އެސްޓްރޯނަޓަކަށް ކަމަށް ވިދާޅުވި އެވެ. އަންހެނަކު އެންމެ ފަހުން ހަނދަށް ދަތުރުކުރީ މީގެ 40 އަހަރު ކުރިންނެވެ. އެއީ ރަޝިއާގެ އެސްޓްރޮނޯޓެކެވެ.
އެލިސަން ވިދާޅުވީ ގޮތުގައި އެސްޓްރޮނޯޓުންގެ ގޮތުގައި މަސައްކަތް ކުރާ ފިރިހެނުންގެ ނުފޫޒު މި ދާއިރާގައި ގަދަ ނަމަވެސް، 21 ވަނަ ގަރުނުގައި ހިތްވަރު ގަދަ އަދި ކެރޭ އަންހެނުން އަންނަނީ މި ދާއިރާ އަށް މިހާރު ނުކުންނަމުންނެވެ. އެގޮތުން މިހާރު ވެސް އެސްޓްރޮނޯޓުންގެ ގޮތުގައި ގިނަ އަންހެނުންތަކެއް ނާސާގައި ޓްރެއިނިން ހަދަމުން އަންނަކަން އެލިސަން ފާހަގަކުރި އެވެ.
"އަހަރެންގެ ކުރީގެ ޑިވިޝަން ޗީފަކީ ވެސް އަންހެނެއް. އަދި އޭނާއާ އެކު ވަރަށް ގިނަ އަންހެން އެސްޓްރޮނޯޓުން މަސައްކަތް ވެސްކޮށްފި،" ބީބީ ރޭޑިއޯ 5 އަށް އެލިސަން ވިދާޅުވި އެވެ. "އެހެންވެ ދެން އެންމެ އަވަހަށް ހަނދަށް ނުވަތަ މާސް ދާ މީހަކަށް ވާނީ އަންހެނެއް."
އޭނާ ވިދާޅުވީ ގޮތުގައި މާސް އަށް ނުވަތަ ހަނދަށް ދަތުރު ކުރުމުގެ ގާބިލުކަން އަންހެނުންނަށް ނުލިބެންވީ ސަބަބެއް ވެސް ނެތެވެ.
އެކަމަކު ނާސާ ފްލައިޓް ޑައިރެކްޓަރު އެމިލީ ނެލްސަން ވިދާޅުވި ގޮތުގައި އަންހެން އެސްޓްރޯނަޓަކު މާސް އަށް ނުވަތަ ހަނދަށް ދިއުމަކީ ހާލަތަށް ރިޔާއަތް ކުރުމަށް ފަހު ނިންމާނެ ނިންމުމެކެވެ.