21 ޖުލައި 2016 - 10:43

މެންޗެސްޓާ (ޖުލައި 21) - މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޮނީ ކްރޫސް އާއި ޝާލްކާގެ ވިންގް ލިރޯއީ ސާނޭ އަށް ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސިޓީގެ ކޯޗު ޕެފް ގާޑިއޯލާ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މިހާތަނަށް ދެ ކުޅުންތެރިއަކު ވަނީ ގެނެސްފަ އެވެ. ޖަރުމަނުގެ އިލްކާއި ގުންޑޮގާން އާއި ސްޕެއިންގެ ނޮލީޓޯގެ އެ ޓީމާ ގުޅުނުއިރު އިިތުރު ކުޅުންތެރިންނަށް އެ ޓީމުން އަންނަނީ ފާރަލަމުންނެވެ.
އުމުރުން 26 އަހަރުގެ ކްރޫސް ރެއާލް މެޑްރިޑަށް ބަދަލުވީ ބަޔާންގެ ކޯޗުކަމުގައި ގާޑިއޯލާ ހުއްޓަ އެވެ. ރެއާލުގައި ފާއިތުވި ސީޒަނުގައި ކްރޫސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ޓީމުގެ މެދުތެރޭގައި ކްރޫސް މުހިއްމު ދައުރެއް އަދާކުރި އެވެ.
ރިޕޯޓްތައް ބުނާގޮތުން ކްރޫސް ގެންނަން ސިޓީން އަންނަނީ 50 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
އުމުރުން 20 އަހަރުގެ ސާނޭ އަކީ ފާއިތުވި ދެ ސީޒަނުގައި ޖަރުމަނު ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިއާ އެވެ. މިދިޔަ ސީޒަނުގައި ޝާލްކާގައި ސާނޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ބަލަމުންނެވެ.
ސިޓީން ވަނީ ސާނޭ ހޯދަން ދެ ފަހަރެއްގެ މަތިން ޝާލްކާއާ މަޝްވަރާ ކޮށްފަ އެވެ. އަދި ވަރަށް އަވަހަށް 40 މިލިއަން ޕައުންޑުގެ ބިޑެއް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭ ސިޓީ ކުޅުނު މެޗުން ވަނީ ގާޑިއޯލާގެ ކުރީގެ ކްލަބް ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވެފަ އެވެ.