18 އެޕްރީލް 2018 - 12:30

ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، އެ ރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، އިއްޔެ ގިނަ އިރުތަކެއް ވަންދެން އެ ރަށަށް ވާރޭ ވެހުނު ކަމަށެވެ. އޭގެ ސަބަބުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓަށް ފެންބޮޑުވެ ގެތަކަށް ވެސް ފެންގަނޑު ވަދެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިރީހަކަށް ގެއަށް ފެން ވަދެ ހިފައި ގެންގުޅޭ އެއްޗިއްސަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ގެއަކުން ފެން ނުހިއްކިގެން އެ ގޭގެ މީހުން އެހެން ތަނަކަށް ރޭ ބަދަލުކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"ރޭ ވީ އިރު ވެސް ދެ ގެއަކުން ފެން ނުހިއްކިގެން އެ މީހުން، ކައިރި އެހެން ގެއަކަށް ބަދަލުކުރީ. މިހާރު ހިނގައި އުޅޭ ވަރަށް ފެން ހިއްކިފައި ހުރީ. އެކަމަކު އަދިވެސް އެބަހުރި އެކި ހިސާބުތަކުގައި ފެން ބޮޑުވެފައި،" އާބާދީގައި 1400 މީހުން ހިމެނޭ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އެ ރަށުގެ މަގުތަކުން ފެން ހިންދީ ކޯރެއް ކަނޑައިގެންނެވެ.
ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ތިމަރަފުށީގައި ވަރަށް ބޮޑަށް ފެން ބޮޑުވެ އެވެ. އެގޮތަށް ދިމާވާން ފެށީ، އެ ރަށުގައި އެއާޕޯޓެއް ހަދަން ބިން ހިއްކި ފަހުން ކަމަށް ކައުންސިލުން ބުންޏެެވެ.