21 އެޕްރީލް 2018 - 06:45

އަޑިގުޑަން މަގެއްގައި ބައިސްކަލު ދުއްވުމަކީ ވޭން ހުރި ކަމެކެވެ. މިކަމަށް ހައްލެއް ލިބޭތޯ ޝޮކްޕްރޫފް ފްރޭމް ހަރުކޮށް އެ ކަހަލަ ދަގަނޑު ބައިސްކަލު ހެދުމުން ބައިސްކަލު ބަރުވެ، އެ ދުއްވުމަކީ ބުރަ ކަމަކަށްވެ އެވެ. އެހެންވެ މިހާރު އުފައްދައިގެން އުޅެނީ ޝޮކްސްޓޮޕް ސީޓްޕޯސްޓެވެ. މިއީ ސީދާ މަޑި ޝޮކްޕްރޫފްކޮށްދޭ ސިސްޓަމެކެވެ.
ބައިސްކަލަށް ބޭނުންވާ ބައިތައް އުފައްދާ ކުންފުންޏެއް ކަމަށްވާ ރެޑްޝިފްޓުން އުފެއްދި ޝޮކްސްޓޮޕަކީ މަޑި ހަރުކޮށްފައިވާ ދަގަނޑަށް ލައްވާ އިސްފިރޭނު ދަގަނޑު ހޮޅިއަކާއި މަޑި ދަށުގައި ހަރުކުރާ ވަކި ހުޅެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މައިގަނޑު މަގްސަދަކީ ވަޅުގަނޑުތައް ގިނަ މަގުތަކުން ދުއްވާއިރު ބުރަކަށްޓަށް ކުރާ ބާރު ކުޑަކުރުމެވެ. ބުނެވޭ ގޮތުގައި ޝޮކްސްޓޮޕްގެ ސަބަބުން މި ޕްރެޝަރު، 60 ޕަސެންޓަށް ކުޑަކޮށްދެއެވެ. ވަޅުގަނޑުގަނޑަށް ޖެހުނަސް ސީދާ މަޑިއަށް އޭގެ ބާރު އައުން ކުޑަވާނެއެވެ. މަޑި ދަށުގައިވާ ހުޅާއި އޭގެ ދަށުން ދަގަނޑަށް ލައްވާފައިވާ އިސްފިރޭނު ހޮޅިން މަޑި ސަލާމަތްކޮށްދެއެވެ.
މިޒަމާނުގައި އުފައްދާ ގިނަ ބައިސްކަލުތައް ފަރުމާކޮށްފައިވަނީ ބާރު ދުވެލީގައި ދުއްވާށެވެ. ހައްޓަށް ފަސޭހަވުމަކަށް ވިސްނާފައެއް ނުހުރެއެވެ. ޝޮކްސްޓޮޕަކީ މަގުމަތީގައިވާ އަޑިގުޑަންތަކަށް ނުވިސްނާ ސާފު ސީދާ ބުރެއް ޖަހާލަދޭން އެހީތެރިވެދޭނެ އެއްޗަކަށް ވާނެ އެވެ. މި ބުރު އިތުރަށް ފުރިހަމަކޮށްދޭނީ ޝޮކްސްޓޮޕް ސްޓެމްގެ ވެސް ބޭނުންކޮށްގެންނެވެ. މިއީ ހުންގާނުގައި އަޅުވާ އާލާތެކެވެ.