19 އެޕްރީލް 2018 - 06:19

ފިލްމްތަކުން ޝިލްޕާ ޝެޓީ މިހާރު ނުފެނުނަސް އޭނާގެ ފޭނުން އެހާ މާޔޫސްއެއް މިހާރަކު ނުވެ އެވެ. ސަބަބަކީ ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި އޭނާގެ ފަރިކަމާއި ޖާދޫ މިހާރު ވެސް ދައްކަމުން އަންނާތީ އެވެ.
ދާދި ފަހުން ސޮނީ ޗެނެލުން ނިންމައިލި ޑާންސް ޝޯ "ސުޕަ ޑާންސް" ޗެޕްޓަރު 2 އަށް ފަހު، ޝިލްޕާ މިހާރު އަންނަނީ އޭނާ ހޯސްޓްކޮށްދޭ ރިއަލިޓީ ޝޯއަކަށް ތައްޔާރުވަމުންނެވެ. އެކަމަކު މި ފަހަރު ޓީވީ ޗެނެލަކުންނެއް ނޫނެވެ. ސްޓްރީންގެ ހިދުމަތް ދޭ އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ. "ހިއާ މީ، ލަވް މީ" ގެ ނަން ދީފައިވާ ޝޯވެގެން ދާނީ ޝިލްޕާ ޑިޓިޓަލް ޕްލެޓްފޯމަށް ތައާރަފުވާ ޝޯއަށެވެ.
ޒުވާނުން އަންހެނުންނަށް ކަމުދާ ކަހަލަ ލޯބިވެރިޔަކު ހޯދައިދޭ ގޮތަށް ފަރުމާކޮށްފައިވާ "ހިއާ މީ، ލަވް މީ" އަކީ ފްރެމެންޓަލް މީޑިއާގެ އިޒްރޭލްގެ ގޮފި އެބޮޓް ހަމެއިރީ އާއި ފްރެމެންޓަލް މީޑިއާ އިންޑިއާ ގޮފި ގުޅިގެން ގެނެސްދޭ ޝޯއެކެވެ. މި ޝޯ އިން ފުރުސަތު ދޭނީ އުމުރުން 21-32 އަހަރާ ދެމެދުގެ އަންހެނުންނަށެވެ.
"ހިއާ މީ، ލަވް މީ" އާ ބެހޭ ގޮތުން ޝިލްޕާ ބުނި ގޮތުގައި ޝޯ ހޯސްޓް ކުރަން އެއްބަސްވި މައިގަނޑު ސަބަބަކީ މީގެ ކޮންސެޓް އޭނާ އަށް ވަރަށް ކަމުދިއުމެވެ.
"ތަންކޮޅެއް އާދަޔާހިލާފު ކޮންސެޕްޓެއް މިއީ. އަހަންނަށް ހީވަނީ މި ޝޯގެ ސަބަބުން ޑޭޓް ކުރުމާ ގުޅޭ ގޮތުން މީހުން ދެކޭ ގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލައެއް އަންނާނެ ކަމަށް،" ބާޒީގަރް އާއި ދަޅްކަން ފަދަ ފިލްމްތައް ކުޅެފައިވާ 42 އަހަރުގެ ބަތަލާ ބުންޏެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިންޑިއާގެ ކޮންޓެންޓް ޑިރެކްޓަރު ވިޖޭ ސުބްރަމާނިއަން ބުނީ "ހިއާ މީ، ލަވް މީ" އަކީ އިންޑިއާގެ އޯޑިއަންސަށް ތާޒާ ރަހައެއް ގެނުވައި ދޭނެ ޝޯއަކަށްވާތީ، ޝޯ މަގުބޫލުވާކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"މި ކަހަލަ ޝޯއެއް ހޯސްޓްކުރަން ޝިލްޕާ ވަރަށް ފިޓް،" އޭނާ ބުންޏެވެ.
"ހިއާ މީ، ލަވް މީ" ގެނެސް ދޭން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.