ތަފާތު ބޮޑު މޮޅަކާ އެކު އިންޓަ ތިން ވަނަ އަށް
ތަފާތު ބޮޑު މޮޅަކާ އެކު އިންޓަ ތިން ވަނަ އަށް

މިލާން (އޭޕްރިލް 18) – ކަލިއާރީ އަތުން އަމިއްލަ ދަނޑުގައި 4-0 އިން މޮޅުވެ އިންޓަ މިލާނުން އިޓާލިއަން ލީގުގެ ތިން ވަނަ އަށް އަރައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އުއްމީދު އާކޮށްފި އެވެ.

އެއް ވަނައިގައި 84 ޕޮއިންޓާ އެކު އޮތް ޔުވެންޓަސް އާއި ދެ ވަނައިގައި 78 ޕޮއިންޓާ އެކު އޮތް ނަޕޯލީ އަށް ގަދަ ހަތަރެއް ކަށަވަރުވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުވެފައިވާއިރު ބާކީ ދެ ޖާގަ އަށް ވާދަކުރަނީ އިންޓަ، ރޯމާ، ލާޒިއޯ އަދި އޭސީ މިލާނެވެ.

އިތުރަށް އެއް މެޗު ކުޅެގެން އިންޓަ ތިން ވަނައިގައި އޮތީ 63 ޕޮއިންޓާ އެކު އެވެ. ރޯމާ އާއި ލާޒިއޯ އަށް 61 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި އޮތީ ރޯމާ އެވެ. ލާޒިއޯ ފަސް ވަނައިގައި އޮތްއިރު މިލާން އޮތީ ހަ ވަނައިގައި 53 ޕޮއިންޓާ އެކު އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި އޮތް އިންޓަ އިން ރޭ ތަފާތު ބޮޑުކޮށް މޮޅުވިއިރު ގޯލް ޖަހައިދިނީ ޔޮއާއޯ ކެންސެލޯ އާއި ކެޕްޓަން މައުރޯ އިކާޑީ އާއި މާސެލޯ ބްރޮޒޮވިޗާއި އިވާ ޕެރިސިޗެވެ.

ރޭގެ މެޗުގައި އިންޓަ އިން ބޭނުންކުރި ޖާޒީގެ ފަހަތުގައި ކުޅުންތެރިންގެ ނަމުގެ ބަދަލުގައި ޖަހާފައިވަނީ އިންސްޓަގްރަމްގައި ކުޅުންތެރިޔާ ބޭނުންކުރާ ޔޫސާނޭމް އެވެ. މިއީ ސޯޝަލް މީޑިއާގައި އިންޓަ ވަރުގަދަކުރުމުގެ ކެމްޕެއިނެކެވެ.

ލީގުގައި މިރޭ ޖެނޯއާއާ ދެކޮޅަށް ރޯމާ ނުކުންނައިރު ލާޒިއޯ ވާދަކުރާނީ ފިއޮރެންޓީނާއާ އެވެ. މިލާން ބައްދަލުކުރާނީ ޓޮރިނޯއާ އެވެ.