19 އެޕްރީލް 2018 - 06:20

ފިލްމީ ކެރިއަރުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ސްޓީވެން ސްޕީލްބާގަށް ހޮލީވުޑްގެ އެހެން އެއްވެސް ޑައިރެކްޓަރަކަށް މިހާތަނަށް ނުލިބޭ ޝަރަފެއް އަދި އާ ރެކޯޑެއް ލިބިއްޖެ އެވެ.
އޮސްކާ ވެސް ހާސިލްކޮށްފައިވާ ސްޕީލްބާގް، 71، ވެގެން ގޮސްފައި ވަނީ ފިލްމްތައް ޑައިރެކްޓްކޮށްގެން މިހާތަނަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ޑައިރެކްޓަރަށެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ރެޑީ ޕްލެޔާ ވަން" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީއާ އެކު ސްޕީލްބާގްގް ފިލްމްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި ދައްކައިގެން މިހާތަނަށް ލިބުނު އާމްދަނީ މިހާރު ވަނީ 10 ބިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފަ އެވެ.
ބޮކްސް އޮފީސް މޯޖޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕީލްބާގާ އެންމެ ގާތުން ދެން ވާދަކުރަނީ "ލޯޑް އޮފް ދަ ރިންގްސް" އާއި "ހޮބިޓް" ގެ ފިލްމްތައް ގެނެސް ދިން ޕީޓާ ޖެކްސަން އެވެ. ފިލްމްތައް ހަދައިގެން އޭނާ އަށް ވަނީ މިހާތަނަށް 6,502.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
ޕީޓާގެ ފަހަތުން ދެން ޖާގަ ހޯދާފައި ވަނީ "ޓްރާންސްފޯމާ" ގެ ފިލްމްތަކުން ޖީބު ބަރު ކުރަމުން އަންނަ ޑައިރެކްޓަރު މައިކަލް ބޭ އެވެ. އޭނާ އަށް ފިލްމް ހަދައިގެން ލިބުނު އާމްދަނީ 6.45 ބިލިއަން ޑޮލަރަށް އަރަ އެވެ.
ފިލްމަކުން ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ޑައިރެކްޓަރުގެ ރިކޯޑް "އެވެޓާ" ގެ ޑައިރެކްޓަރު ޖޭމްސް ކެމެރަންގެ އަތުގައި އޮތް ނަމަވެސް އޭނާ އަށް މިހާތަނަށް ފިލްމް ހަދައިގެން ލިބުނު އާމްދަނީ އުޅެނީ 6.14 ބިލިއަން ޑޮލަރުގަ އެވެ.
ދެން މީގެ ތެރޭގައި ގަދަ ފައި ވިއްދަނީ "ހެރީ ޕޮޓާ" ގެ ފިލްމްތައް ގެނެސް ދިން ޑޭވިޑް ޔޭޓްސް އެވެ. އެ ސިރީޒްގެ ފިލްމްތައް ހަދައިގެން އޭނާގެ ޖީބަށް ވަނީ 5.347 ބިލިއަން ޑޮލަރު ވަދެފަ އެވެ.
"ޝިންޑްލާޒް ލިސްޓް"، "އޭއައި: އާޓިފިޝަލް އިންޓެލިޖެންސް" އަދި "ސޭވިން ޕްރައިވެޓް ރަޔަން" ފަދަ މޮޅެތި ފިލްމްތައް ގެނެސް ދިން ސްޕީލްބާގް ކެރިއަރަށް ބަލާ އިރު އޭނާގެ އެންމެ ކާމިޔާބު ކޮމާޝަލް ހިޓަކީ 1993 ގައި ގެނެސް ދިން ސައިންސް ފިކްޝަން ފިލްމް "ޖުރަސިކް ޕާކް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 983.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މިދިޔަ އަހަރު "ދަ ޕޯސްޓް" ގެނެސް ދިން ޑައިރެކްޓަރު ގެ އެންމެ ފަހުގެ ފިލްމް "ރެޑީ ޕްލެޔާ ވަން" އަށް ވަނީ 475.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
ސްޕީލްބާގް ޑައިރެކްޓްކޮށް ބެލުންތެރިންނަށް ދެން ގެނެސް ދޭން ހުރި ފިލްމްތަކުގެ ތެރޭގައި "އިންޑިއާނާ ޖޯންސް 5" އާއި "ވެސްޓް ސައިޓް ސްޓޯރީ" ގެ ރިމެކިން ހިމެނެ އެވެ.