18 އެޕްރީލް 2018 - 09:34

ބާސެލޯނާ (އޭޕްރިލް 18) – ހޮނިހިރު ދުވަހުގެރޭ އޮންނަ ސްޕެނިޝް ކަޕް ފައިނަލަށް މުހިއްމު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީގެން ނުކުތް ބާސެލޯނާ ރޭ ސްޕެނިޝް ލީގުގައި ސެލްޓާ ވީގޯއާ 2-2 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، 83 ޕޮއިންޓާ އެކު އޮތް ބާސެލޯނާ ވަނީ ތާވަލުގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު ދެ ވަނައިގައި 71 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑަށް މިވަނީ ނުވަ ޕޮއިންޓަށް ތަފާތު ކުޑަކުރަން ފުރުސަތު ލިބިފަ އެވެ. އެތުލެޓިކޯ އިން މާދަމާރޭ ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ. ތިން ވަނައިގައި އޮތީ 67 ޕޮއިންޓާ އެކު ރެއާލް މެޑްރިޑެވެ.
ރޭގެ މެޗުގައި ލުއިސް ސުއަރޭޒާއި އަންދްރެސް އިނިއެސްޓާ އާއި ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ އާއި ސެމުއެލް އުމްޓީޓީ އަދި ސާޖިއޯ ބުސްކެޓްސް ނުކުޅޭއިރު ލިއޮނަލް މެސީ އެރީ ދެ ވަނަ ހާފުގަ އެވެ.
ސެލްޓާގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ވަނީ ބާސެލޯނާ އަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖޮނީ ކާސްޓްރޯގެ ލަނޑުން ސެލްޓާ އިން އެއްވަރުކުރި އެވެ.
ޕަކޯ އަލްކަސެޔާގެ ލަނޑުން 64 ވަނަ މިނެޓުގައި ބާސެލޯނާ އިން އަލުން ލީޑު ނަގާފައިވަނިކޮށް އެ ޓީމަށް މައްސަލަތަކެއް ދިމާވީ 71 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯ އަށް ރަތްކާޑު ދެއްކުމުންނެވެ. އަދި ބާސެލޯނާ އިން އެކަކު މަދުވުމުގެ ފައިދާ ނަގައި 82 ވަނަ މިނެޓުގައި އިއާގޯ އަސްޕަސް ވަނީ ސެލްޓާ އަށް އެއްވަރުކޮށްދީފަ އެވެ.
މި މެޗުން އެއްވަރުވުމާ އެކު ބާސެލޯނާ ވަނީ ލީގުގައި ބަލިނުވެ 40 މެޗު ހަމަކޮށްފަ އެވެ. ސްޕެނިޝް ލީގުގެ ތާރީހުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް އޮތީ އެ ޓީމުގެ އަތުގަ އެވެ. މިހާރު ޓާގެޓަކީ ބަލިނުވެ ސީޒަން ނިންމާލުމެވެ.