ޓޮޓެންހަމް އެއްވަރުވުމުން ޗެލްސީ އަށް އުއްމީދެއް
ޓޮޓެންހަމް އެއްވަރުވުމުން ޗެލްސީ އަށް އުއްމީދެއް

ބްރައިޓަން، އިންގްލެންޑް (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންއާ 1-1 އިން ޓޮޓެންހަމް ހޮޓްސްޕާސް އެއްވަރުވުމުން ގަދަ ހަތަރަކަށް ވަނުމަށް ޗެލްސީ އިން ކުރަމުން އަންނަ މަސައްކަތުގައި އުއްމީދުއާ ވެއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެގެން ލީގުގެ ހަތަރު ވަނައިގައި ރަނގަޅު ލީޑެއް ނަގަން ޓޮޓެންހަމަށް ރަނގަޅު ފުރުސަތެއް ލިބިފައި އޮތެވެ. އެހެން ނަމަވެސް މޮޅެއް ނުލިބި، އެ ޓީމު މި ވަގުތު ހަތަރު ވަނައިގައި އޮތީ 34 މެޗުން 68 ޕޮއިންޓް ހަމަކޮށްގެންނެވެ. ފަސް ވަނައިގައި ޗެލްސީ އޮތީ 33 މެޗުން 60 ޕޮއިންޓް ހަަމަކޮށްގެންނެެވެ. މާދަމާރޭ ރަށުންބޭރުގައި ބާންލީ ބަލިކޮށް ގަދަހަތަރަކާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ލީޑުނެގީ ޓޮޓެންހަމް އިންނެވެ. ބްރައިޓަން ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަަގައި ޓޮޓެންހަމްގެ ސޮން ހެއުން މިން ދިން ބޯޅަ އަކުން މި ލަނޑު ޖެހީ ހެރީ ކޭން އެވެ. މިއީ ލީގުގައި ކޭން ޖެހި 26 ވަނަ ގޯލެވެ.

ޓޮޓެންހަމުން ލީޑުނެގިތާ 143 ސިކުންތު ފަހުން ލިބުނު ޕެނަލްޓީ އަކުން ބްރައިޓަން އަށް އެއްވަރުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޕަސްކާލް ގްރޮސް އެވެ. މި ޕެނަލްޓީ އަކީ ޓޮޓެންހަމްގެ ސާޖް އޯރިއޭ ބްރައިޓަންގެ ހޯސޭ އިޒްގުއޭޑޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޓޮޓެންހަމުން ރޭގެ މެޗުގައި ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެއީ އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ސެމީ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އޮތުމުންނެވެ. ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުން ޓާގެޓް ކުރީ މޮޅަކަށް ކަމަށާއި އެކަން ނުވެދިޔަސް ހިތްހަމަ ޖެހުމަކީ ޕޮއިންޓެއް ލިބުން ކަމަށެވެ.

ރޭގެ ނަތީޖާއާ އެކު ބްރައިޓަން އަށް ވަނީ ރެލިގޭޝަން ޒޯނާ ފެއަށް ޖެހިލަން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފަ އެވެ. ލީގުގެ 13 ވަނައިގައި އޮތް ބްރައިޓަންއާ ރެލިގޭޝަން ޒޯނާ ދެމެދު އޮތީ އަށް ޕޮއިންޓުގެ ފަރަގެކެވެ. ބްރައިޓަން އަށް 36 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ 18 ވަނައިގައި އޮތް ސައުތެމްޓަނަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.