އދ. ގެ ނިންމުން ތަންފީޒު ކުރަން ސަރުކާރަށް ލާޒިމު: ޝާހިދު
އދ. ގެ ނިންމުން ތަންފީޒު ކުރަން ސަރުކާރަށް ލާޒިމު: ޝާހިދު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ ކޮމެޓީއަކުން ނިންމި ނިންމުން ތަންފީޒު ކުރަން ދިވެހި ސަރުކާރަށް ލާޒިމުވާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ސިޔާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އދ. އިން ނިންމި ނިންމުމާ ގުޅޭ ގޮތުން މޫކައި ހޮޓެލްގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އދ. ގެ އެ ނިންމުމަކީ ދިވެހި ދައުލަތަށް ކޮށްފައި އޮތް ހުކުމެއް ކަމަށާއި އެއީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ލާޒިމުކުރާ ކަންތައްތަކެއް ކުރަން އަންގާފައިވާ އެންގުންތަކެއް ކަމަށެވެ.

"ދެހާސް ފަސްވަނަ އަހަރު އަޅުގަނޑުމެން ބައިވެރިވި މުއާހަދާއެއް ވިއެނާ ކޮންވެންޝަން އޮން ލޯ އޮފް ޓްރީޓީސް. އެ މުއާހަދާގެ ބޭނުމަކަށް މިއޮންނަނީ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރާނެ ގޮތް އަޅުގަނޑުމެން އެންމެ ފުރަތަމަ އެއްބަސްވެފައި،" ރައީސް މައުމޫންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މުއާހަދާގައި ދިވެހި ސަރުކާރުން ބައިވެރިވެ، ސޮއިކުރި ހިސާބުން އޭގެ ކުރީގެ މުއާހަދާތަކާއި އޭގެ ފަހުގެ މުއާހަދާތަކަށް ވެސް އަމަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާ ބެހޭ ގޮތުން އދ. ގެ ނިންމުން އާއްމުކުރުމާ އެކު ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވަނީ "ނުވާނެ"، "ނުކުރެވޭނެ" ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި މިގޮތަށް ހުރި ގައުމުތައް. އޭގެ ތެރެއިން އެންމެ ފަރިތަ ގައުމަކަށް އޮންނާނީ ނޯތު ކޮރެއާ، އިޒްރޭލް. އދ. އިން އިޒްރޭލުގައި ތިބި ފަލަސްތީނު މީހުންގެ ހައްގުތަކާ ބެހޭ ގޮތުން އެއްޗެކޭ ބުނާއިރަށް ބުނާނެ ނޫނެކޭ. އިޒްރޭލުގެ ސަރުކާރެކޭ ރައީސް ޔާމީންގެ ސަރުކާރެކޭ ހަމަހަމަ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ނަން މުޅިން ޚަރާބުކޮށްލައި ރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން ބާކީވެފައި އޮތް ގައުމަކަށް ހަދާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އެންމެ ސަބަބަކާ ހެދި. ރައީސް ނަޝީދު ދެކެ ގަންނަ ބިރުފުޅުގެ ބޮޑުކަމުން. މިހާރު އެއޮތީ ރައީސް ޔާމީން ކޮންމެ ވާހަކަފުޅެއް ވިދާޅުވިޔަސް ޑރ. ޝައިނީ ކޮންމެ ވާހަކައެއް ވިދާޅުވިޔަސް، ހާރިޖީ ވުޒާރާއިން ކޮންމެ ވާހަކައެއް ބުންޏަސް ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ދިވެހިރާއްޖެ އަށް ލާޒިމްކޮށްފައި އޮތް ނިންމުމެއް އދ. ނެރެފައި،" އޭނާ ވިދާޅުވި އެވެ.

"އިތުރު ވާހަކައެއް ނެތް. ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ."

ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށާއި ކޮމެޓީން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.