ދަރިފުޅު ރޭޕްކުރި މީހުން ސިއްރު ކުރަން އާއިލާ އަށް ރިޝްވަތު
ދަރިފުޅު ރޭޕްކުރި މީހުން ސިއްރު ކުރަން އާއިލާ އަށް ރިޝްވަތު

ނިއު ދިއްލީ (އެޕްރީލް 17) - އިންޑިއާގައި މިދިޔަ އަހަރު ގޭންގަކުން ރޭޕްކުރި ފުރާ އުމުރުގެ ކުއްޖެއްގެ ރޭޕުގެ މައްސަލަ ސިއްރު ކުރަން އެ ކުއްޖާގެ މަންމަ އާއި ބައްޕަ ފައިސާ ނަގައިފައިވާކަން ފަޅާ އަރާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ދިއްލީ ފުލުހުން ބުނީ އެ މައްސަލާގައި އަންހެން ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބައްޕަ ވަނީ ފިލާފައި ކަމަށް ވަނީ ބުނެފަ އެވެ.

މިކަން ފަޅާ އެރީ 500،000 ރުޕީސް (ގާތްގަނޑަކަށް 7،600 ޑޮލަރު) އާ އެކު އަންހެން ކުއްޖާ ޕޮލިސް ސްޓޭޝަނަށް ދިއުމުންނެވެ. އަންހެން ކުއްޖާ ބުނީ އެއީ އޭނާ ރޭޕްކުރި މީހުންގެ އަތުން މައިންބަފައިންނަށް ލިބުނު ފައިސާ ކަމަށެވެ. އަންހެން ކުއްޖާ އަށް ފުލުހުން ވަނީ ހިމާޔަތް ދީފަ އެވެ.

ދިއްލީ ފުލުހުންގެ ޑިޕިއުޓީ ކޮމިޝަނަރު ވިދާޅުވީ މައިންބަފައިން ފައިސާ ރައްކާކުރި ތަން އަންހެން ކުއްޖާ އަށް އެނގޭ ކަމަށާއި އެހެންވެ އޭނާ އެ ފައިސާ ވަނީ ފުލުހުންނަށް ހަވާލުކޮށްފައި ކަމަށެވެ. އަދި މި މައްސަލާގައި އެ ކުއްޖާގެ ބައްޕަ ހައްޔަރު ކުރެވުމުން އިތުރު ކަންކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.