17 އެޕްރީލް 2018 - 16:16

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހަމުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް، މާފުށީ ޖަލުގެ ޑޮކްޓަރު ލަފާދިންތާ 22 ދުވަސް ވީިއިރު ވެސް އެ އަށް އަމަލު ނުކުރާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާޒްގެ ކަނާތު ފައިގެ އިނގިއްޔެއްގެ ނިޔަފަތިގަނޑުގައި ފަންގަސް ޖަހާފައިވާ ކަމަށެވެ.
މާފުށީ ޖަލުގައި ހުންނަ ޑޮކްޓަރަށް ރިޔާޒް ދެއްކުމުން، ބައްޔާ ގުޅޭ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް މީގެ 22 ދުވަސް ކުރިން ލަފާ ދީފައިވާ ކަމަށް ޝާއިރު ވިދާޅުވި އެވެ. ނަމަވެސް އެޕޮއިންޓްމަންޓް ނުލިބޭ ކަމަށް ބުނެ މިހާތަނަށް ޚާއްސަ ޑޮކްޓަރަކަށް ރިޔާޒް ދައްކާފައި ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހް ވިދާޅުވީ ބޭސްފަރުވާގެ ހައްގުން ރިޔާޒް މަހުރޫމް ކޮށްފައި ވާތީ އެ ޕާޓީން ހިތާމަ ކުރާ ކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރިޔާޒް ޑޮކްޓަރަށް ދައްކައި ދީފައި ނުވާތީ ޖުމްހޫރީ ޕާޓީގެ ފަރާތުން އެކަމަށް އިސް ނަގަން ބޭނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ލީޑަރު އެ ފަދަ ހާލެއްގައި އުޅޭކަށް. އަޅުގަނޑުމެންނަށް ފުރުސަތު ދޭނަމަ އަޅުގަނޑުމެން ޕާޓީގެ ފަރާތުން ރިޔާޒް ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަޖައްސާނަން." އަލީ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ބުނިގޮތުގައި ރިޔާޒް ހައްޔަރުކޮށްފައި ވަނީ ސިޔާސީ މީހުންނަށް ބިރު ދެއްކުމުގެ ބޭނުމުގަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްްކަލުގެ ހާލަތުގެ ދަށުން ރިޔާޒް ހައްޔަރު ކޮށްފައި ވަނިކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.
ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޔާޒްގެ މައްޗަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ.
އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ގަދަކަމުން ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރާ ދައުވާ އަކާއި ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން މައްސަލާގައި އޭނާއާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އެކެވެ.