ޒެޑްޓީއީ އަށް ކުއަލްކޮމް ޗިޕް ވިއްކުން މަނާކޮށްފި
ޒެޑްޓީއީ އަށް ކުއަލްކޮމް ޗިޕް ވިއްކުން މަނާކޮށްފި

އެމެރިކާގައި އުފައްދާ މުދަލާއި ޓެކްނޮލޮޖީ ޒެޑްޓީއީ އިން އީރާނަށާއި ނޯތު ކޮރެއާ އަށް ވިއްކިކަން ވަނީ ސާބިތުވެފަ އެވެ. އިގްތިސާދީ ގޮތުން ދަތިކުރުމަށްޓަކައި އެމެރިކާގައި އުފައްދާ މުދަލާއި ޚިދުމަތްތައް އެ ގައުމުތަކަށް ފޯރުކޮށްދިނުމަކީ އެމެރިކާއިން މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި އީރާނާ އެކު ވިޔަފާރިކުރާ ކުންފުނިތަކާ މެދު ވެސް ހަރުކަށި ފިޔަވަޅުއަޅަން އެމެރިކާ ވަނީ ނިންމާފަ އެވެ.

ޒެޑްޓީއީ އަކީ ޗައިނާ ކުންފުންޏެކެވެ. މައިގަނޑު ވިޔަފާރި އަކީ މުއާސަލާތީ އާލާތްތައް އުފައްދައި ވިއްކުމެވެ. އޭގެ ތެރޭގައި ނެޓްވޯކް ސްވިޗް، އޮޕްޓިކް ފައިބާ މޮޑިއުލްތައް، ވަޔަލެސް ޓެކްނޮލޮޖީ އަދި ސްމާޓްފޯން ހިމެނެ އެވެ.

އެމެރިކާ ހުއްދަނުކުރާ ވިޔަފާރި މުއާމަލާތްތަކެއްގައި ޒެޑްޓީއީ ބައިވެރިވެފައި ވާތީ އެކަމާ ކަންބޮޑުވާކަން ޔޫއެސް ޑިޕާޓްމަންޓް އޮފް ކޮމާސް އިން ވަނީ ހާމަކޮށްފަ އެވެ. އެކަމުން އަރައިގަތުމަށް ޒެޑްޓީއީ ކުރަންޖެހޭ ކަމަށް އެމެރިކާ ގަބޫލުކުރާ ބައެއް ކަންތައްތައް ޒެޑްޓީއީ އަށް ވަނީ ނުކުރެވި އެވެ. ކުއަލްކޮމް ޗިޕްތައް ޒެޑްޓީއީ އަަށް ވިއްކުން މަނާކުރި ހިސާބަކީ މިއީ އެވެ.

ޒެޑްޓީއީ އުފައްދާ މުއާސަލާތީ އާލާތްތަކުގައި ކުއަލްކޮމް ޗިޕްތައް ބޭނުންކުރެ އެވެ. ކުއަލްކޮމްގެ އިތުރުން އެމެރިކާގެ ބައެއް އެހެން ކުންފުނިތަކުން ވެސް ޒެޑްޓީއީ އަށް މައިކްރޮ ކޮމްޕޯނެންޓްތައް ވިއްކަ އެވެ. މި ފަދަ ހުރިހާ މުއާމަލާތެއް ވަނީ މާޗް 13، 2025 އާ ހަމަ އަށް، ހަތް އަހަރު ދުވަހަށް މަނާކޮށްފަ އެވެ.

ކުއަލްކޮމް ޗިޕްތައް ޒެޑްޓީއީ އަށް ނުގަނެވޭ ގޮތް ހެދުން ވާނީ އެ ކުންފުންޏަށް ލިބޭ ބޮޑު ގެއްލުމަކަށެވެ. ސެމްސަންގް އަދި އެލްޖީ ފަދަ ކުންފުނިތަކުން ޒެޑްޓީއީ އަށް އެހީނުވެއްޖެ ނަމަ ކުންފުންޏަށް މާލީ ގުޑުމެއް އެރުމަކީ ކައިރިކަމެކެވެ.