25 މެއި 2016 - 06:36

އޮސްކާ ހާސިލްކޮށްފައިވާ އަދި އިންސާނިއްޔަތަށް އަގު ހުރި ހިދުމަތްތަކެއް ކޮށްދެމުން އަންނަ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ އިނގިރޭސި ވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް (އެލްއެސްއީ) ގެ ލެކްޗަރާއަކަށް ހަމަޖައްސައިފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެ މިހާރު ޑައިރެކްޝަންގައި ވެސް މަސައްކަތް ކުރާ ބަތަލާ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާނީ އަންހެނުންނަށް ތައުލީމް ދިނުމުގެ މުހިއްމުކަމާ ގުޅޭ ގޮތުންނެވެ. އެގޮތުން ދޭތެރެ ދޭތެރެ އިން އޭނާ އެލްއެސްސީގައި ކުލާސްތައް ނަގައިދޭނެ އެވެ.
ޖޯލީ އާ އެކު މިކަމުގައި އިނގިރޭސި ވިލާތުގެ ކުރީގެ ފޮރިން ސެކްރެޓަރަކީ ވިލިއަމް ހޭގް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެ ދެ މީހުން ލެކްޗާ ނަގައިދޭނީ އެލްއެސްސީގެ ސެންޓަ ފޮ ވިމެން، ޕީސް އެންޑް ސެކިއުރިޓީ ދާއިރާ އިން މާސްޓާސް ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށެވެ.
ޔޫއެންގެ ރެފިއުޖީ އެޖެންސީގެ ގުޑްވިލް އެމްބެސެޑަރެއްގެ ދައުރު ވެސް އަދާ ކުރާ ޖޯލީ ބުނީ އިނގިރޭސި ވިލާތުގެ މަޝްހޫރު އަދި އެހާމެ މަގުބޫލް ޔުނިވަސިޓީއަކާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.
"އަހަރެން މިހިރީ އެލްއެސްސީން އަންހެނުންނަށް ހާއްސަކޮށްގެން ކުރި އަށް ގެންދާ މާސްޓަ ޕްރޮގްރާމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި. މިއީ އަންހެނުން ބާރުވެރި ކުރުވަން ކުރާ މަސައްކަތަށް ރަނގަޅު ފާލެއް،" މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ ކައިވެނިކޮށްގެން އުޅޭ ބަތަލާ ބުންޏެވެ. "އަހަރެން އުންމީދު ކުރަން ކުރި އަށް އޮތް ތަނުގައި މި ނަމޫނާ އިން ހިތްވަރު ލިބިގެން އެހެން ޔުނިވަސިޓީތަކުން ވެސް މިފަދަ ޕްރޮގްރާމްތައް ކުރި އަށް ގެންދާނެ ކަމަށް."
ޖޯލީ ބުނީ ކުލާހަށް ހާޒިރުވެ ދަރިވަރުންނާ މުހާތަބުކޮށް، ފިލާވަޅު ނަގައިދޭން މިހާރު ކެތްމަދުވެފައިވާ ކަމަށެވެ.
ޖޯލީ އެންމެ ފަހުން ސްކްރީނުން ފެނުނީ ފިރިމީހާ ބްރެޑް ޕިޓް ހިމަނައިގެން މިދިޔަ އަހަރު އޭނާ ޑައިރެކްޓްކޮށް، އެކްޓް ކުރި ފިލްމް "ބާއި ދަ ސީ" އިންނެވެ.