18 އެޕްރީލް 2018 - 06:06

އިންޑިއާގެ އެކްޓަރުންތަކަކާ އެކު ފިލްމެއް އުފައްދަން ތައްޔާރަށް ހުރި އީރާންގެ ކުޅަދާނަ އަދި މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީ އިންޑިއާގައި ފިލްމް ހަދާ މީހުންނަށް ދޭން އޮތީ ނަސޭހަތުގެ މެސެޖެކެވެ.
އޭނާ ބުނީ އިންޑިއާގެ ފިލްމްތަކުން "އިންޑިއާވަންތަކަން" މިހާރު ގެއްލެމުންދާ ކަމަށެވެ. އާންމު ދިރިއުޅުމަށް ބިނާކޮށް ގެނެސްދޭ ފިލްމްތަކާއި ހަގީގީ ދިރިއުޅުން ދައްކުވައިދޭ ފިލްމްތައް އިންޑިއާގެ ސިނަމާއާ ވަރަށް ބޮޑަށް ބީރައްޓެހިވަމުންދާ ކަމަށް 1997 ގައި އޮސްކާގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ކެޓެގަރީ އަށް ވާދަކުރި "ޗިލްޑްރެން އޮފް ހެވެން" ގެ ޑައިރެކްޓަރު ބުންޏެވެ.
މާޖިދު ބުނީ ކުރީގެ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ސަތިޔަތުޖީތު ރޭ އާއި ޝިޔާމް ބެނެގާލް އަދި މީރާ ނައިރް ފަދަ އިންޑިއާގެ ޑައިރެކްޓަރުން ކިޔައިދޭ އަސްލު ވާހަކަތައް މިހާރު އިންޑިއާގެ ސިނަމާ އިން ނުފެނުމަކީ އޭނާ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި މަހުގެ 20 ގައި ރިލީޒް ކުރާ "ބިޔޯންޑް ދަ ކްލައުޑްސް" އާ އެކު އިންޑިއާގެ ވާހަކައެއް ބޮޑު ސްކްރީނަށް އޭނާގެ ނަޒަރިއްޔާތުން ކިޔައިދީފައި ދޫކޮށްލާ އިރު، މާޖިދު ބުނީ ބޭނުންވީ އިންޑިިއާގެ ވާހަކައެއް، ވީހާ ވެސް ފުރިހަމަކޮށް ކިޔައި ދޭން ކަމަށެވެ. މި ފިލްމްގައި ފެނިގެން ދާނީ ވަރަށް ފަގީރު އާއިލާއެއްގެ ދެބެއިން އަށް ދިމާވާ ކަންތައްތަކެވެ. އެއީ ދައްތައަކާއި ފިރިހެން ކޮއްކޮއެއްގެ ވާހަކަ އެވެ.
"ބިޔޯންޑް ދަ ކްލައުޑްސް" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްތަރު އާއި މަލްވިކާ މޯހަނަން އެވެ. އޮސްކާ ހާސިލްކޮށްފައިވާ އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށް ދީފައިވާ މި ފިލްމަކީ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
މާޖިދު، 59، ބުނި ގޮތުގައި "ބިޔޯންޑް ދަ ކްލައުޑްސް" އަކީ އިންޑިއާގެ ޒުވާނުންތަކެއްގެ އަސްލު ދިރިއުޅުން ދައްކުވައި ދޭނެ ފިލްމެކެވެ.
"އެއްގޮތަކަށް ވެސް މި ފިލްމްގެ ބޭނުމަކީ އިންޑިއާގެ ފަގީރުކަން ދެއްކުމެއް ނޫން. ބޭނުމަކީ ވަރަށް ޝައުގުވެރި ވާހަކަތަކެއް އިންޑިއާގައި އެބަހުރިކަން ސްކްރީންގައި ކިޔައި ދޭން ޖެހޭ،" ދަ ކަލާޒް އޮފް ޕެރެޑައިސް ފަދަ ފިލްމްތައް ވެސް ގެނެސް ދިން މާޖިދު ބުންޏެވެ.
އޭނާ ބުނީ އިންޑިއާގެ ސިޓީއެއްގެ މަގުމައްޗަށް ނުކުމެއްޖެ ނަމަ ފެންނަނީ ހުސް "އަސަރު ގަދަ ވާހަކަތައް" ކަމަށެވެ.
"ފިލްމް ހަދާނެ ކަހަލަ ކިތަންމެ ހިޔާލުތަކެއް އިންޑިއާގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ. އެހެންވެ ހަގީގީ ވާހަކަތައް ސްކްރީނަށް ގެންނަން ޖެހޭ." މާޖިދު ބުންޏެވެ. "ސަތިޔަޖީތުގެ ފިލްމްތަކަށް އަހަރެން ލޯބި ޖެހުނީ ވެސް އެ ސަބަބާ ހުރެ. އޭނަގެ ފިލްމްތައް ވަރަށް ރިއަލިސްޓިކް ވާނެ."
"ބިޔޯންޑް ދަ ކްލައުޑްސް" ވަނީ މިދިޔަ އަހަރު ބީއެފްއައި ލަންޑަން ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ވެސް ކޮށްފަ އެވެ.
މި ފިލްމަކީ އިޝާން ކުޅުނު ފުރަތަމަ ފިލްމް ކަމަށް ވިޔަސް، އޭނާގެ ބޮލީވުޑަށް ލޯންޗް ކުރާ ފިލްމްގެ ގޮތުގައި ސިފަ ކުރަނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަންނަ ޖުލައި 20 ގައި ރިލީޒް ކުރާ "ދަޅަކް" އެވެ.
ސްރީދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރް ވެސް ބޮލީވުޑަށް ތައާރަފުވާ ފިލްމްގެ ޝޫޓިން މިހާރު ވަނީ ނިންމާލައިފަ އެވެ.