17 އެޕްރީލް 2018 - 09:57

ޑޯޓްމަންޑް (އޭޕްރިލް 17) – ޗެލްސީގެ ލޯނެއްގެ ދަށުން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ބެލްޖިއަމް ފޯވާޑް މިޝީ ބަޓްޝުއާއީގެ ކުޑަހުޅަށް އަނިޔާވެ ސީޒަން ނިމި އަދި ވޯލްޑް ކަޕް ގެއްލުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހިއްޖެ އެވެ.
ބަޓްޝުއާއީގެ ވާތު ފައިގެ ކުޑަހުޅަށް ހާނިއްކަވީ ޖަރުމަން ލީގުގައި އާދީއްތަ ދުވަހު ޝާލްކާ އަތުން 2-0 އިން ޑޯޓްމަންޑް ބަލިވި މެޗުގަ އެވެ. ޑޯޓްމަންޑަށް ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަށް ގާތްގަނޑަކަށް ސީޒަން ނިމިފައިވާ ކަމަށެވެ. އެކަމަކު ވޯލްޑް ކަޕުގައި ކުޅެވިދާނެ ކަމަށް ކްލަބުން ބުނެ އެވެ.
ޕިއެރޭ-އެމެރިކް އޯބަމަޔަން ޖެނުއަރީ މަހު ޑޯޓްމަންޑް ދޫކޮށް އާސެނަލަށް ބަދަލުވުމުން ބަދަލުގައި ގެނައި ބަޓްޝުއާއީ އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެ ކްލަބަށް 14 މެޗުން ނުވަ ގޯލް ޖަހައިދީފަ އެވެ. ޗެލްސީގައި އޭނާ އަށް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭއިރު ބެލެވޭ ގޮތުގައި އެ ކްލަބުން އަންނަ ސީޒަނުގައި އޭނާގެ ބޭނުން ހިފާނެ އެވެ.
ބަޓްޝުއާއީ ހުރި ފޯމަށް ބަލާއިރު އޭނާ ނެތުމަކީ ބެލްޖިއަމަށް ގެއްލުމަކަށް ވެދާނެ އެވެ. އެކަމަކު އެ ޓީމުގައި ސީދާ ސެންޓަ ފޯވާޑަށް ކުޅެން މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ނަޕޯލީގެ ފޯވާޑް ޑްރިއެސް މާޓިންސް ވެސް އެބަ ތިއްބެވެ. ބަޓްޝުއާއީ އަށް ފުރުސަތު ގެއްލިއްޖެ ނަމަ އެއީ ކްރިސްޓަލް ޕެލަސްގެ ކްރިސްޓިއަން ބެންޓެކޭ އަށް ލިބޭ ފުރުސަތެކެވެ.