21 ޖުލައި 2016 - 09:27

ލަންޑަން (ޖުލައި 21) - އިންގްލެންޑު ކޯޗަކަށް ސަންޑަލެންޑުގެ ކޯޗު ސޭމް އެލަޑައިސް ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްކައިސްޕޯޓްސް ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި އެފްއޭ އިން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އެލަޑައިސްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ނެރުނު ދަށް ނަތީޖާގެ ސަބަބުން ކުރީގެ ކޯޗު ރޯއީ ހޮޖްސަން ވަނީ ވަކިކޮށްފަ އެވެ. އެ އަށް ފަހު އިނގިރޭސި އެފްއޭ އިން ވަނީ އިނގިރޭސި ލީގުގެ ތަޖުރިބާހުރި ގިނަ ކޯޗުންނާ މަޝްވަރާ ކޮށްފަ އެވެ. އޭގެ ތެރޭގައި ހަލް ސިޓީގެ ކޯޗު ސްޓީވް ބްރޫސް އާއި ބޯންމައުތުގެ ކޯޗު އެޑީ ހޯވް ހިމެނެ އެވެ.
އިނގިރޭސި އެފްއޭ އިން އެލަޑައިސްއާ މަޝްވަރާ ކުރަން ފެށީ މިދިޔަ ހަފްތާގަ އެވެ. އެލަޑައިސްއާ މަޝްވަރާކުރަން ރަސްމީކޮށް އިނގިރޭސި އެފްއޭ އިން އިއުލާން ނުކުރެ އެވެ. ނަމަވެސް އެލަޑައިސް ހަވާލުވެ ހުރި ކްލަބް ސަންޑަލެންޑުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އުމުރުން 61 އަހަރުގެ އެލަޑައިސް ވަނީ އިނގިރޭސި އަށް ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސްގެ އިތުރުން ވެސްޓް ހޭމް ޔުނައިޓެޑް ހިމެނެ އެވެ.