18 އެޕްރީލް 2018 - 06:04

ޕްރިޔަންކާ ޗޯޕްޅާގެ އާ ހިންދީ ފިލްމެއް، އަންނަ އަހަރުގެ ފިތުރު އީދު ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
އެ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ސަލްމާން ހާންގެ ފިލްމް "ބާރަތު" ގެ ބަތަލާއަކީ ޕްރިޔަންކާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އޭނާ އަށް ފިލްމް ހުށަހެޅި ނަމަވެސް، ސޮއި ނުކުރާ ކަމަށް އަޑުތައް ފެތުރުމާ އެކު ރިޕޯޓްތައް ބުނަމުން ދިޔައީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ ފިލްމްގެ ބަތަލާއަކީ މި ފަހަރު ވެސް ކެޓްރީނާ ކެއިފް ކަމަށެވެ. އަލީ މިދިޔަ އަހަރު ގެނެސް ދިން "ޓައިގާ ޒިންދާ ހޭ" ގައި ވެސް ސަލްމާނާ އެކު ބަތަލާގެ ރޯލް ކުޅުނީ ކެޓްރީނާ އެވެ.
ނަމަވެސް "ބާރަތު" ގެ ބަތަލާއަކީ ޕްރިޔަންކާކަން މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެހެންވެ މި ފިލްމްވެގެން ދާނީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އަށް ފަހު، ޕްރިޔަންކާ ފެނިގެންދާ ފުރަތަމަ ހިންދީ ފިލްމަށެވެ.
ސަލްމާނާއި ޕްރިޔަންކާ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2008 ގައި ރިލީޒް ކުރި "ގޯޑް ތުސީ ގްރޭޓް ހޯ" އިންނެނެވެ. އެ ދެ ތަރިން އެކުގައި ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ސަލާމޭ އިޝްގް (2007) އަދި މުޖްސޭ ޝާދީ ކަރޯގީ (2004) ހިމެނެ އެވެ.
އަލީގެ "ބާރަތު" އިން ޕްރިޔަންކާ އެނބުރި ބޮލީވުޑްގެ ސްކްރީނަށް އަންނަ އިރު، އޭނާ 2014 ގައި ގެނެސް ދިން ފިލްމް "ގުންޑޭ" ގެ ބަތަލާއަކީ ވެސް ޕްރިޔަންކާ އެވެ.
އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ޖޫން 8 ގައި ރިލީޒް ކުރާ ހޮލީވުޑް ފިލްމް "އަ ކިޑް ލައިކް ޖޭކް" އިންނެވެ. އަދި މި މަހުގެ 26 ގައި ޕްރިޔަންކާގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ސީޒަން ތިނެއް ދައްކަން ފަށާނެ އެވެ.
އިންޑިއާ އިން ބޭރުގެ ވަރަށް ގިނަ ލޮކޭޝަންތަކުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ "ބާރަތު" ގެ ޝޫޓިން ވަނީ ހޯމަ ދުވަހު ފަށައިފަ އެވެ.