16 އެޕްރީލް 2018 - 23:08

ރެމޯ ޑި ސޫޒާގެ ފިލްމް "ރޭސް 3" ގެ މަސައްކަތް ކުރަމުން ސަލްމާން ހާން، އަލީ އައްބާސް ޒަފަރްގެ ފިލްމް "ބާތަރު" ގެ ޝޫޓިން ވެސް ފަށައިފި އެވެ.
އަލީ ވަނީ ފިލްމްގެ ޝޫޓިން ހޯމަ ދުވަހު ފެށިކަން ޓްވީޓަކުން ފޭނުންނާ ހިއްސާކޮށްފަ އެވެ. "ބާރަތު" އަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމް "ޓައިގާ ޒިންދާ ހޭ" އަށް ފަހު، އަލީއާ އާއި ސަލްމާން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ މި ދެ މީހުން އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.
އަލީއާ އެކު ސަލްމާން ފުރަތަމަ މަސައްކަތް ކުރީ 2016 ގެ "ސުލްތާން" ގަ އެވެ. "ބާރަތު" އަކީ ސަލްމާންގެ އަމިއްލަ ފިލްމް ކުންފުނި ސަލްމާން ހާން ފިލްމްސް (އެސްކޭއެފް) އިން އުފައްދާ ފިލްމެކެވެ.
އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" ގެ ޝޫޓިން މި ފެށީ މީގެ ބަތަލާއަކީ ކޮބައިކަން އިއުލާން ނުކޮށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ބަތަލާގެ ރޯލް ޕްރިޔަންކާ ޗޯޕްޅާ އަށް ހުށަހެޅި ނަމަވެސް، އޭނާ ފިލްމަށް އެއްބަހެއް ނުވެ އެވެ.
އެހެންވެ މި ފަހަރު ވެސް ސަލްމާނާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ކެޓްރީނާ ކައިފް ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ޓައިގާ ޒިންދާ ހޭ" ގެ ވެސް ބަތަލާއަކީ ކެޓްރީނާ އެވެ. އަދި "ބާރަތު" އަށް އޭނާ ސޮއިކޮށްފި ނަމަވެގެން ދާނީ ސަލްމާނާ އެކު ކުޅޭ 8 ވަނަ ފިލްމަށެވެ. އަދި އަލީއާ އެކު މަސައްކަތް ކުރާ ތިން ވަނަ ފިލްމަށެވެ.
ޝާހްރުކް ހާންގެ "ޒީރޯ" ކުޅެމުން އަންނަ ކެޓްރީނާ މި ވަގުތު ހުރީ ކުރު ޗުއްޓީއަކަށް އާއިލާ ކައިރި އަށް ލަންޑަނަށް ގޮހެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ބާރަތު" އަކީ 2014 ގައި ނުކުތް ސައުތު ކޮރެއާ ފިލްމް "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އަދި ސަލްމާންގެ ވަރަށް ތަފާތު ލުކްސްތަކެއް ފިލްމުން ފެނިގެން ދާނެ ކަމަަށްވެ އެވެ.
ސަލްމާން ދެން އެންމެ އަވަހަށް ފެނިގެންދާ "ރޭސް 3" ސިނަމާތަކަށް އަންނާނީ އަންނަ ފިތުރު އީދުގަ އެވެ.