ނިއު އަށް ކޮސޯވޯ ފޯވާޑެއް
ނިއު އަށް ކޮސޯވޯ ފޯވާޑެއް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޮސޯވޯގެ ފޯވާޑެއް ގެނެސްފި އެވެ.

އެ ޓީމަށް ރޭ ސޮއިކުރި އުމުރުން 28 އަހަރުގެ އަޑިސް ސަލީހީ އަކީ ފާއިތުވި ފަސް އަހަރު މޮންޓެނީގްރޯގެ ފުރަތަމަ ޑިވިޝަންގެ ޑެސިޗަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ސަލީހީ ރޭ ނިއު އަށް ސޮއިކުރިއިރު ނަމަވެސް އޭނާ އައީ މިދިޔަ ހަފުތާ އިން ފެށިގެން އެ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.

ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭ މެޗުގައި ސަލީހީ ކުޅޭނެ ކަމަށް ލަފާކުރެވެ އެވެ.

ސަލީހީއާ އެކު ނިއުގައި ބިދޭސީ ހަތަރު ކުޅުންތެރިން ހަމަވީ އެވެ. އެއީ ކީޕަރު ސުލެއިމާން އަބޫ އާއި ދެ ޑިފެންޑަރުން ކަމަށްވާ ސެގުން މައިކަލް އަދި ވެލިޗްކޯވް މިޓްކޯވް އެވެ. އެކަމަކު ގަވާއިދު ބުނާ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިން ލިސްޓުގައި ޖަހާނަމަ އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު ވާން ޖެހޭނީ އޭޝިއާ ކުޅުންތެރިޔާއަށެވެ.

މިދިޔަ ހަތަރު އަހަރު ލީގު ޗެމްޕިއަންކަން ހޯދި ނިއު މި އަހަރު ފެންނަނީ ކުރިއަށް ވުރެ ބަލިކަށިކޮށެވެ. ތާވަލުގެ ހަ ވަނައިގައި އޮތްއިރު އެ ޓީމަށް ދިމާވެފައިވާ އެންމެ އެއް މައްސަލައަކީ ފޯވާޑުންގެ މައްސަލަ އެވެ. ބަލްގޭރިއާގެ ކޯޗު ޔޮރްދާން ސްޓޮއިކޮފްގެ އިރުޝާދުގެ ދަށުން ލީގުގައި މި ފަހަރު ކުޅުނު އަށް މެޗުގެ ތެރެއިން ނިއު މޮޅުވީ ދެ މެޗުންނެވެ. ދެ މެޗުން ބަލިވިއިރު އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.