16 އެޕްރީލް 2018 - 16:06

ކަޝްމީރު (އެޕްރީލް 16) - އިންޑިއާގެ ކަޝްމީރުގައި އަށް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލި ކަމަށް ތުހުމަތުކުރި އަށް މީހުން މިއަދު ކޯޓަށް ހާޒިރުކޮށްފި އެވެ.
އަވަސް ނިޔާ ކޯޓަށް އެ މީހުން ހާޒިރު ކުރުމުން އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެ މީހުންގެ ޝަރީއަތް ފެށި އިރު ވަނީ ހުޅަނގުގެ ގުޖްރާތު ސްޓޭޓުގައި ކުޑަ ކުއްޖެއްގެ ރޭޕުގެ އެހެން ހާދިސާއެއް ހިންގައިފަ އެވެ.
ކަޝްމީރުގެ ސިޓީއެއް ކަމަށްވާ ކަތުއާ އަށް ނިސްބަތްވާ އާސިފާ ބާނޯ މަރާލާފައި އޮއްވާ ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ނޫސްތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ މި ހަފުތާގަ އެވެ. އެއީ ހިންދޫންގެ އަށް މީހުން ހައްޔަރު ކުރުމާ ގުޅިގެން ކަނާތު ފިޔައިގެ ހިންދޫ ގްރޫޕްތަކުން ހަމަނުޖެހުން ހިންގަން ފެށުމުންނެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އާސިފާގެ މަރުގެ ތުހުމަތުގަ އެވެ. ހައްޔަރު ކުރި އަށް މީހުންގެ ތެރޭގައި ފުލުހުންގެ ހަތަރު މީހުންނާއި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ ޝަރީއަތް ހިންގާނީ ވަކިންނެވެ.
މި މައްސަލަ އަށް ޖައްމޫ އެންޑް ކަޝްމީރު ސަރުކާރުން ވަނީ ޚާއްސަ ދެ ޕްރޮސެކިއުޓަރުން ކަނޑައަޅައިފަ އެވެ.
އަށް އަހަރުގެ ކުއްޖާ ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ދަނީ އިހްތިޖާޖް ކުރަމުންނެވެ.