21 ޖުލައި 2016 - 08:46

ފުރާވަރުގެ އެހެން އަންހެންކުދިން ފަދައިން މި އަންހެންކުއްޖާ އަކީ ވެސް ވިސްނުން ތޫނު އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އަމިއްލަ ފިހާރައެއް ހުޅުވުމެވެ.

ނަމަވެސް ރަހްމާ ހަރޫނާ އަކީ ގޮތްނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. އަބަދުވެސް ތަންތަނުގައި ވޭން އަޅާތީ އުޅޭ މި ކުއްޖާގެ އެއްވެސް އަނގުނެއް ނެތެވެ. އަދި އޭނާއަށް ގިނަ ވަގުތު ހޭދަކުރަން ޖެހިފައި ވަނީ ކުޑަކުޑަ ޕްލާސްޓިކް ތައްޓެއްގެ ތެރޭގަ އެވެ.

ޑެއިލީމެއިލްގައިވާ މި ރިޕޯޓުގައިވާ ގޮތުން ނައިޖީރިޔާގެ ކާނޯގައި ދިރިއުޅޭ އުމުރުން މިހާރު 19 އަހަރަށް އަޅާފައިވާ ރަހުމާ އަކީ އުފަންވީއިރު ސިއްހަތު ރަނގަޅު ކުއްޖެކެވެ. ނަމަވެސް އުމުރުން ހަ މަސް ފުރުނުތަނާ އޭނާގެ ހެދިބޮޑުވުން ކުއްލިއަކަށް ހުއްޓުނެވެ. އަދި އޭނާގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކުގެ އުފެދުންވެސް އެހިސާބުން ހުއްޓުނީ އެވެ.
ރަހުމާގެ މަންމަ ފަދީ ބުނެފައިވާ ގޮތުގައި ދަރިފުޅަށް މި ބަލި ފުރަތަމަ ޖެހުނީ ހަ މަހުގައި، އުނަގަނޑު ހަރުލައި ތަންތަނުގައި އިށީނދެ އިނދެވެން ފެށިތަނާ އެވެ. އެހެންކަމުން ދަރިފުޅަށް ދުވަހަކު ވެސް ފިރުކެން ދަސްނުވި ކަމަށް އޭނާ ބުންޏެވެ.
"އެންމެ ފުރަތަމަ ވާން ފެށިގޮތަކީ ގަދަ ހުމެއް އައީ. އެއާ އެކު ވަރަށް ގަދަޔަށް ބަނޑަށް ތަދުވާތީ އުޅުނީ. އޭގެ ފަހުން ދެ ފަޔާއި ދެ އަތުގައި ރިއްސަން ފެށީ. ތަދުވާން ފެށުމުން އަތާއި ފައި އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ވަރަށް ރިއްސާ،" އޭނާގެ މަންމަ ކިޔައިދިނެވެ.
ރަހުމާގެ ހަޔާތަށް ވީހާވެސް އުފާވެރިކަން ގެނެސްދެވޭތޯ އޭނާގެ އާއިލާއިން ވަރަށް މަސައްކަތް ކުރެ އެވެ. އެގޮތުން ޕްލާސްޓިކް ބޯތައްޓަކަށް ލައިގެން އޭނާ ގޮވައިގެން އަވަށު ތެރޭގައި ހިނގާލަން ގެންގޮސް ހަދަ އެވެ.
"އެމީހުން (އާއިލާއިން) އަހަންނަށް ވަރަށް އެހީތެރިވޭ. އެމީހުން އެގޮތަށް ކަންތައް ކުރަނީ ކީއްވެގެން؟ އަހަރެން ބޭނުން ހުރީ ކަމެއް އެމީހުން ކޮށްދޭ،" ރަހްމާ ބުންޏެވެ.
އާއިލާގެ އެހެން ހުރިހާ މެމްބަރުންނަށް ވުރެ ވެސް ރަހްމާ އެންމެ ގާތީ އޭނާގެ 10 އަހަރުގެ ކޮއްކޮ ފަހަދް އާ އެވެ. ފަހަދް އޭނާގެ ދައްތަ ދެކެ އިންތިހާއަށް ލޯބިވެ އެވެ.
ފަހަދު ބުނި ގޮތުގައި ދައްތަ ފެންވެރުވުމާއި ބޭރަށް ހިނގާލަން ގެންދިއުން ފަދަ ކަންކަމަކީ ދައްތަ އަށް އެހީތެރިވުމުގެ ގޮތުން އޭނާ ކުރާ ކަންތައްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގަވާއިދުން ކުރަމުންދާ ކަންތައްތަކެވެ.
ފަހަދު ބުނި ގޮތުގައި މީހުން ދައްތައަށް އެހީތެރިކަން ފޯރުކޮށްދޭތަން ފެނުނީމަ އޭނާ ވަރަށް އުފާވެ އެވެ. އަދި ތިމާގެ މީހުންގެ ގޭގެއަށް ޒިޔާރަތްކުރުމަކީ ދައްތަ ވަރަށް އުފާވާ ކަމަކަށް ވާތީ އޭނާ އަބަދުވެސް ދައްތަ ގޮވައިގެން އާއިލާގެ މީހުން ދިރިއުޅޭ ގޭގެއަށް ގޮސް ހަދަ އެވެ.
ރަހުމާގެ އާއިލާއިން، އޭނާ އަށް ޖެހުނު ބަލި ދެނެގަތުމަށް މިހާތަނަށް ވަރަށް ގިނަ މަސައްކަތް ކޮށްފައި ވިޔަސް އެއްވެސް ޑޮކްޓަރަކަށް އޭނާއަށް ޖެހުނު ބައްޔެއް ބުނެދޭކަށް ނޭނގުނެވެ.
ރަހުމާގެ ބައްޕަ ހުސެއިނީ ބުނި ގޮތުގައި ދަނޑުވެރިކަން ކޮށްގެން ލިބޭ ފައިސާ ޚަރަދުކުރަނީ ރަހުމާ އަށް ބޭސްފަރުވާ ކުރުމަށެވެ. ނަމަވެސް ދަރިފުޅުގެ ބައްޔަކީ ކޮބައިކަން ނޭނގިގެން އުޅޭތާ މިހާރު 15 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ހުސެއިނީ ބުންޏެވެ.
ރަހުމާގެ ބޭސްފަރުވާއަށް ޚަރަދުކުރަމުން ގޮސް ހުސައިނީ މިހާރު ވަނީ އޭނާގެ އަތުގައި ހުރިނަމަ ހުރި އެއްޗެއް ވިއްކާ ހުސްކޮށްފަ އެވެ.
ރަހުމާގެ ބައްޔަކީ ކޮބައިކަން ޚުދް ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ. ބައެއް މީހުން ބުނަނީ އެއީ ޖިންނީގެ ކަމެއް ކަމަށެވެ.
އޭނާގެ އާއިލާއިން އުންމީދުކުރަނީ ކޮންމެވެސް ޗެރިޓީ ފައުންޑޭޝަނަކަށް ރަހުމާގެ ހާލަތު އެނގިގެން އޭނާ ރަނގަޅު ސްޕެޝަލިސްޓަކަށް ދެއްކޭނެގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.
ދާދިފަހުން ރަހުމާގެ ވާހަކަ އެ ރަށުގައި ނެރޭ ނޫހެއްގައި ޖެހުމުން ބައެއް ކަހަލަ އެހީތައް އެކި މީހުން ރަހުމާއަށް ފޯރުކޮށްދިންކަން އާއިލާއިން އުފަލާ އެކު ފާހަގަކުރެ އެވެ.
އަދި އެއް ދުވަހު ރަހުމާ ގޮވައިގެން ސުޕަމާކެޓަކަށް ގޮސް އުޅެނިކޮށް މީހަކަށް ފެނިގެން އެމީހާ ފުރޮޅީގޮނޑިއެއް ހަދިޔާކޮށްފައިވާ ކަމަށާއި މިއީ އާއިލާއަށާއި ރަހުމާއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
"އޭނާ ފޮޓޯ ނަގާފައި މި ރަށުގެ ނޫހެއްގައި ރަހުމާގެ ވާހަކަ ޖެހީ. އޭގެ ފަހުން ގިނަ ބަޔަކު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ރަހުމާގެ މަންމަ ބުންޏެވެ.
ހަޔާތުގައި ހުރި އެތައް ބައިވަރު ގޮންޖެހުންތަކަކާ އެކު ވެސް ރަހުމާގެ އަޒުމާއި އުންމީދެއް ނުގުޑަ އެވެ. ކޮންމެވެސް ދުވަހަކުން ފިހާރައެއް ހުޅުވުމަކީ ރަހުމާ ދެކޭ ހުވަފެނެކެވެ.
"އަހަރެން ކުރާ ކޮންމެ ކަމެއް ކުރަނީ މާތްﷲ އަށް ޝުކުރު ކުރަމުން،" ރަހުމާ ބުންޏެވެ.
ރަހުމާ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ވިޔަފާރިއެއް ފަށާށެވެ. ތަރުކާރީ ވިއްކާ ފިހާރައެކެވެ. އެ ފިހާރައިގައި އެނޫންވެސް މީހުން ގަންނަން ބޭނުންވާ ތަކެތި ހުންނަ ފިހާރައެކެވެ. އޭނާ ބޭނުންވަނީ ހަމައެކަނި އެކަމެވެ.