17 އެޕްރީލް 2018 - 06:11

ދުނިޔޭގައި އެންމެ ގިނައިން ކޮފީ ހައްދާ ގައުމަކީ ބްރެޒިލް ކަމަށާއި އެންމެ ގިނައިން ކޮފީ ބޮނީ ފިންލޭންޑްގައި ކަމަށް އދ. ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ އިން ބުނެފި އެވެ.

އިންޓަނޭޝަނަލް ކޮފީ އޮގަނައިޒޭޝަންގެ ރިކޯޑްތަކާ ހަވާލާދީ އެ ޖަމާއަތުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ބްރެޒިލްގައި މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް، 60 ކިލޯގްރާމްގެ ބަސްތާގެ 51 މިލިއަން ބަސްތާގެ ކޮފީ އުފައްދާފައިވެ އެވެ. އެ ގައުމާ ޖެހިގެން ލިސްޓްގެ ދެވަނާގައި އޮތީ ވިއެޓްނާމެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮފީ ހައްދާ ގައުމުތަކުގެ ތިން ވަނައިގައި އޮތީ ކޮލަމްބިއާ އެވެ. ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަށް ބަލާއިރު ހަތަރު ވަނައިގައި އިންޑޮނީޝިއާ، ފަސް ވަނައިގައި ހޮންޑިއުރަސް، ހަ ވަނައިގައި އިތިއޯޕިއާ، ހަތް ވަނައިގައި އިންޑިއާ، އަށް ވަނައިގައި ޔުގެންޑާ، ނުވަ ވަނައިގައި ޕެރޫ އަދި 10 ވަނައިގައި މެކްސިކޯ އެވެ.
ދެން އޮތީ އެންމެ ގިނައިން ކޮފީ ބޯ ގައުމުތަކުގެ ވާހަކަ އެވެ. އެ ގައުމުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. ހާއްސަކޮށް ފިނި ގަދަ ގައުމުތަކެވެ. ލިސްޓްގެ ގަދަ 10 ގެ ކުރީގައި އޮތީ ފިންލެންޑާއި ސްވިޑްން އަދި އައިސްލޭންޑް އެވެ. ލިސްޓްގައި ދެން ތަރުތީބުން ހިމެނޭ ގައުމުތަކަކީ ނޯވޭ، ޑެންމާކް، އޮސްޓްރިއާ، ސްވިޒްލަންޑް، ގްރީސް، ބޮސްނިއާ، ޖަރުމަން އެމެރިކާ އަދި އިނގިރޭސިވިލާތެވެ.
ރިޕޯޓްގައިވާ ގޮތުން ފިންލެންޑާއި ސްވިޑްންގައި، މީހަކަށް 10 ކިލޯގެ ކޮފީ ބޮއެވެ.
ރިސާޗް ގްރޫޕް އަލެގްރާ ސްޓްރެޓެޖީޒްގެ މިދިޔަ އަހަރުގެ ރެކޯޑްތައް ދައްކާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި 22،700 ބްރޭންޑެޑް ކޮފީ ޝޮޕްތައް ހިންގާ އިރު، އެމެރިކާގައި އެކަނި 27،900 ކޮފީ ޝޮޕް ހިންގަ އެވެ.
ޔޫރަޕްގައި އެންމެ މަގުބޫލް ކޮފީ ބްރޭންޑްތަކަކީ ކޮސްޓާ (2،755 އައުޓްލެޓް)، ސްޓާބަކްސް (2،406 އައުޓްލެޓް)، މެކްކެފޭ (2،253 އައުޓްލެޓް)، ކެފޭ ނީރޯ (755 އައުޓްލެޓް) އަދި ގްރެގްސް (498 އައުޓްލެޓް) އެވެ.
އެމެރިކާ އަށް ބަލާ އިރު 13،532 އައުޓްލެޓާ އެކު ކުރީގައި އުޅެނީ ސްޓާބަކްސް އެވެ. ލިސްޓްގައި ދެން ހިމެނެނީ ޑަންކިން ޑޯނަޓްސް (8،828 އައުޓްލެޓް)، ޓިމް ހޯޓަންސް (638 އައުޓްލެޓް)، ބާނެޒް އެންޑް ނޮބްލް (580 އައުޓްލެޓް) އަދި ކެރިބޯ (490 އައުޓްލެޓް) އެވެ.
ތަފާރު ރަހަތަކުގެ ކޮފީތަކަށް ބަލާ އިރު އެންމެ މަގުބޫލީ ލާޓޭ އެވެ. ދެން ކަޕަޗީނޯ އާއި އެމެރިކާނޯ އެވެ. ލިސްޓްގައި ދެން ހިމެނެނީ ފްލެޓް ވައިޓް، ކެފޭ އޯ ލެއިޓް، މޮޗާ، އެސްޕްރެސޯ ދެން މަޗިއާޓޯ އެވެ.