16 އެޕްރީލް 2018 - 14:40

ވޮޝިންޓަން (އެޕްރީލް 16) - އެމެރިކާ އިން ބޭނުންވާ ކަންކަން ހާސިލްކޮށްފައި ނޫނީ ސީރިއާގައި ތިބި އެމެރިކާ ސިފައިން ނުބާލާނެ ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިއްކީ ހާލީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ސީރިއާގައި އެމެރިކާ އިން ފުރިހަމަކުރަން ބޭނުންވާ ތިން ކަމަކީ ސީރިއާ އަކީ ކެމިކަލް ހަތިޔާރުގެ ނުރައްކަލުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުން ކަމަށާއި އިސްލާމިކް ސްޓޭޓް (އައިއެސް) ސީރިއާގައި ބަލިކޮށްލުން އަދި ސީރިއާގައި އީރާނުން ހިންގާ ކަންކަން ބެލޭނެ ގޮތެއް ހެދުން ކަމަށެވެ.
"އެމެރިކާ ސިފައިން އެނބުރި ގައުމަށް ގެންދިއުން ބޭނުމަކީ. އެކަމަކު އެމެރިކާ އިން ބޭނުންވާ ކަންކަން ނުނިމެނީސް އެމެރިކާ ސިފައިން ސީރިއާ އިން ނުފައިބާނެ،" ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ހާލީ ވިދާޅުވި އެވެ.
އެހެން އިންޓަވިއުއެއްގައި ހާލީ ވިދާޅުވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވަމުންދާތީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެމެރިކާ އިން އަޅާނެ ކަމަށެވެ.
އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ ސީރިއާ އަށް ވައިގެ ހަމަލާ ދީފަ އެވެ. އެ ހަމަލާތައް ދިނީ ސީރިއާގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާ އަށް ބަދަލު ހިފުމަށެވެ. ރަޝިޔާ އިން ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.