16 އެޕްރީލް 2018 - 14:51

ކާރު ޕާކު ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުންނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ބޭނުންކުރަން ފަށައިފި އެވެ.
އެއް ފަހަރާ 10 ކާރު ޕާކްކުރެވޭ، ޕާކިން ސިސްޓަމް މިދިޔަ އަހަރުގެ ޖުލައި މަހު ބޭނުން ކުރަން ފެށި ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ. އޭގެ ފަހުން އަލުން އެ ސިސްޓަމް ބޭނުން ކުރަން ފަށާފައި މިވަނީ އޭގެ ހަ އެއްކަ މަސް ފަހުންނެވެ. މިހާރު އެ ސިސްޓަމުގައި ކާރު ޕާކްކުރަމުން ގެންދެ އެވެ.
ކުރިން އެ ސިސްޓަމް ބޭނުންކުރުން ހުއްޓާލި ސަބަބެއް ހައުސިން މިނިސްޓްރީން ހާމައެއްނުކުރެ އެވެ.
ކާރު ޕާކިން ސިސްޓަމް ބޭނުންކުރަން ފެށި ނަމަވެސް 100 ސައިކަލް ޕާކްކުރެވޭ ގޮތަށް ހީނާމާގޭ ބިމުގައި ބެހެއްޓި ސިސްޓަމް ބޭނުންކުރާކަށް އަދި ނުވެސް ފަށަ އެވެ.
ހައުސިން މިނިސްޓްރީން 2016 ގައި ނިންމާފައި އޮތީ މާލޭގެ އެކި ހިސާބުތަކުގައި 20 ޕާކިން ސިސްޓަމް ބަހައްޓާ ގޮތަށެވެ. އެކަން އެސްޓީއޯއާ ހަވާލުކުރުމުން މިހާތަނަށް ދެ ސިސްޓަމެއް ވަނީ ބަހައްޓައިފަ އެވެ.
މިނިސްޓްރީން މިދިޔަ އަހަރުގެ ޖުލައި މަހު ބުނެފައި ވަނީ ކޮންމެ މަހަކު އެކަތި ނުވަތަ ދެ ސިސްޓަމް ބެހެއްޓޭނެ ކަމަށެވެ.