16 އެޕްރީލް 2018 - 13:00

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް އަންނަ ހުކުރު ދުވަހު މާލޭގައި ފަށާނެ އެވެ.
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އޮންނާނީ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގަ އެވެ.
މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ. އެ ގައުމުތަކުން ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު 64 ފަރާތެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި 18 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާއިރު ކެޑޭޓް ކެޓަގަރީގައި ވާދަކުރާނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ ކުޅުންތެރިން ހޯޕްސް ކެޓަގަރީގައި ވާދަކުރާނެ އެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ރާއްޖޭން ވާދަކުރާނެ ކަމަށާއި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފެބްރުއަރީން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭން ވަނީ މި މުބާރާތުގައި މީގެ ކުރިން ވެސް ވާދަކޮށް ކާމިޔާބީ ހޯދައިފަ އެވެ. އެގޮތުން އައިޝަތު ރަފާ ނާޒިމާއި ލައިސާ ފަތުހުﷲ ވަނީ 2016 ވަނަ އަހަރުގެ މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މި މުބާރާތުން ރާއްޖޭގެ ޖޫނިއާ ކުޅުންތެރިން އަންނަނީ މިފަހަކަށް އައިސް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން ކަމަށާއި އެހެންކަމުން މި ފަހަރުގެ މުބާރާތުގައި އެ ކާމިޔާބީތައް ތަކުރާރުކޮށް އަދި ކުރިއަށް ވުރެ ބޮޑު ކާމިޔާބެއް އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ހޯދުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރަމުން ކަމަށެވެ. މުބާރާތް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.