އެސޯސިއޭޝަން ކަޕް މޯލްޑިވިއަން އިން ކާމިޔާބުކޮށްފި
އެސޯސިއޭޝަން ކަޕް މޯލްޑިވިއަން އިން ކާމިޔާބުކޮށްފި

ލީގު ބުރުގައި އަދި ސެމީ ފައިނަލުގައި ބަލިވި ބަލިވުމުގެ ބަދަލު ހިފައި، ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައި ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް މިރޭ ކާމިޔާބުކޮށްފި އެވެ.

އެސޯސިއޭޝަން ކަޕް މޯލްޑިވިއަން އިން ކާމިޔާބުކޮށްފި
އެސޯސިއޭޝަން ކަޕް މޯލްޑިވިއަން އިން ކާމިޔާބުކޮށްފި

ސިފައިން އަތުން މުބާރާތުގައި ދެ ފަހަރަށް ބަލިވެފައިވާ މޯލްޑިވިއަން އިން މިރޭގެ މެޗަށް ނުކުމެ އިތުބާރާ އެކު ކުޅެ ފުރަތަމަ ދެ ސެޓު ނެގި އެވެ. ތިން ވަނަ ސެޓު ސިފައިން ކާމިޔާބުކޮށް އުއްމީދު އާކުރި ނަމަވެސް ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް މޯލްޑިވިއަން އިން ޗެމްޕިއަންކަން ހޯދި އެވެ.

ފުރަތަމަ ސެޓު ފެށި ގޮތަށް މޯލްޑިވިއަން އިން ލީޑު ނަގައި، 24-13 ގެ ބޮޑު ލީޑެއް ނެގި އެވެ. އެ ޓީމުން މި ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ. ދެ ވަނަ ސެޓުގެ ކުރީކޮޅު ދިޔައީ ވަރަށް އެއްވަރުކޮށެވެ. އެކަމަކު 5-5 އިން އެއްވަރުގައި އޮތުމަށް ފަހު، މޯލްޑިވިއަން އިން 8-5 އިން ލީޑު ނެގި ގޮތަށް ހިންދަމާލީ 25-18 އިން ސެޓު ކާމިޔާބުކުރުމަށް ފަހު އެވެ. މި ދެ ސެޓު މޯލްޑިވިއަން އިން ކާމިޔާބުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ޓީމުގެ ތައިލެންޑް ކުޅުންތެރިޔާ ޖުރާޔޫ ރަކްސަކައޭ އެވެ. އޭގެ ބަދަލުގައި ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ އަހުމަދު ނަސީރުގެ ފަރާތުން ފެނުނީ ގޯސްތަކެވެ.

ތިން ވަނަ ސެޓުގައި، އަހުމަދު ނަސީރުގެ މޮޅު ކުޅުމާ އެކު ސިފައިން ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު ފަހަތުން އަރައި މޯލްޑިވިއަން އިން 16-16 އިން އެއްވަރުކުރި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ސިފައިން ލީޑު ނެގި ނަމަވެސް މޯލްޑިވިއަން އިން ވަނީ 24-23 އަށް ތަފާތު ކުޑަކޮށްފަ އެވެ. އެއްވަރުކުރަން ލިބުނު ފުރުސަތުގައި މޯލްޑިވިއަން ޓީމުގެ ޖުރާޔޫ ކުރި ސާވިސް، ނެޓުގައި ޖެހި ސިފައިންނަށް ލިބުނު ޕޮއިންޓާ އެކު އެ ޓީމުން ސެޓު ކާމިޔާބުކުރި އެވެ.

ހަތަރު ވަނަ ސެޓު ފެށިގެން ދިޔައީ ވަރަށް އެއްވަރުކޮށެވެ. އެކަމަކު 3-3 ގައި އޮއްވާ މޯލްޑިވިއަން އިން ނެގި ލީޑު ހަނިކުރުމާ ގާތަށް ސިފައިން ދިޔަ އެވެ. އެގޮތުން 20-17 ގައި އޮއްވާ، ސިފައިންގެ ޓީމުގެ އަހުމަދު ނަސީރު އަށް ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި މޯލްޑިވިއަން އިން ތަފާތު ބޮޑުކުރި އެވެ. އަދި 25-19 އިން ކުރި ހޯދައި ސެޓު ނަގައި މެޗު ކާމިޔާބުކުރި އެވެ.

މޯލްޑިވިއަން ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، ހާސްނުވާ ކަމަށާއި ފައިނަލް މެޗުގައި ތަފާތު ފެންނާނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

"މުބާރާތުގައި ތިން މެޗު ކުޅެން ޖެހޭ. އަހަރެމެން ކުރިން ބޭނުންނުކުރާ އެތައް ކަމެއް ފައިނަލުގައި ކުރަން ހުރި. އެހެންވެ ވަރަށް ބޮޑު އުއްމީދެއް އޮތް ފައިނަލް މެޗު ކާމިޔާބުކުރެވޭނެކަމުގެ،" އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދި ސަތޯ ބުންޏެވެ.

ސިފައިންގެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނީ އޭނާގެ ޓީމުގެ ފެށުން ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި މޯލްޑިވިއަން އިން އޭގެ ފައިދާ ނެގި ކަމަށެވެ.

"މެޗުގެ ކުރީކޮޅު ލިބުނު ޕޮއިންޓްތަކާ އެކު މޯލްޑިވިއަން އިން ވަރަށް އިތުބާރާ އެކު ކުޅެމުން ދިޔައީ. ސިފައިންގެ ޓީމުގެ ފެށުން ދަށްކޮށް ދިޔައީ. އެތަން ފެނިގެން ދިޔައީ މެޗުން،" އަދީލް ބުންޏެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ބެސްޓް އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. ދެ ވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. އެންމެ މޮޅު ބްލޮކަރަކަށް ސިފައިންގެ ޓީމުގެ އަހުމަދު އަނިލް ނަސީރު ހޮވުނުއިރު ދެ ވަނަ އަށް އެންމެ މޮޅު ބްލޮކަރަކީ މޯލްޑިވިއަންގެ އަލީ އާމިރެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކަށް ޕޮލިހުގެ މުހައްމަދު ޝާއިން ހޮވުނުއިރު އެންމެ މޮޅު ސެޓަރަކީ ސިފައިންގެ ޓީމުގެ އިޝާން މުހައްމަދު (ބަޓިސް) އެވެ. އެންމެ މޮޅު ލިބެރޯ އަކީ މޯލްޑިވިއަންގެ ޖަވާމް އަލީ އެވެ.