ރެމޯ ޑި ސޫޒާގެ ކްލޯތިން ލައިނެއް ލޯންޗްކުރަނީ
ރެމޯ ޑި ސޫޒާގެ ކްލޯތިން ލައިނެއް ލޯންޗްކުރަނީ

އިންޑިއާގެ ކުޅަދާނަ ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑި ސޫޒާގެ އަމިއްލަ ކްލޯތިން ލައިނެއް ލޯންޗްކުރަން ނިންމައިފި އެވެ.

މިހާރު "ރޭސް 3" ގެ މަސައްކަތް ކުރަމުން އަންނަ ރެމޯ ބުނި ގޮތުގައި ކްލޯތިން ލައިން ލޯންޗް ކުރުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފަ އެވެ.

"އެކަމަކު ރޭސް ތިނެއްގެ މަސައްކަތުގައި މި ވަގުތު ބިޒީކޮށް އުޅޭތީ މި މަސައްކަތް ނިންމާފައި ރަސްމީކޮށް ކްލޯތިން ލައިން ލޯންޗް ކުރާނީ،" ފިލްމް ބަޖިރާއޯ މަސްތާނީ (2015) ގެ "ދިވާނީ މަސްތާނީ" ލަވައިގެ ކޮރިއޯ ހަދައިގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ހުނަރުވެރިޔާ ބުންޏެވެ.

ރެމޯ ބުނީ ކްލޯތިން ލައިން ޕްރޮމޯޓް ކުރުމުގެ ގޮތުން ވަރަށް އަވަހަށް މިއުޒިކް ވީޑިއޯއެއް ނެރޭނެ ކަމަށެވެ. އެ ވީޑިއޯ އިން އޭނާ ވެސް ފެންނާނެ އެވެ.

ރެމޯ، 44، އަކީ ވަރަށް ގިނަ ފިލްމަކަށް ނެށުން ތައްޔާރުކޮށް ދީފައިވާ އިންޑިއާގެ އެންމެ ޑިމާންޑް ބޮޑު އެއް ކޮރިއޮގްރާފަރެވެ. އިންޑިއާގެ ޑާންސް ރިއަލިޓީ އެތައް ޝޯއެއްގެ ޖަޖްކަން ވެސްކޮށްފައިވާ ރެމޯ ފިލްމް ޑައިރެކްޝަނަށް ނުކުތީ 2011 ގެ ފިލްމް "ފަލްޓޫ" އިންނެވެ.

އޭގެ ފަހުން އޭނާ ގެނެސް ދިން ފިލްމްތަކުގެ ތެރޭގައި "އޭބީސީޑީ"، "އޭބީސީޑީ 2" އަދި "ފްލައިން ޖަޓް" ހިމެނެ އެވެ.

ޖޫން 15 ގައި ރިލީޒް ކުރާ "ރޭސް 3" އަށް ފަހު، ރެމޯ ގެނެސް ދޭނީ ވަރުން ދަވަން އާއި ކެޓްރީނާ ކެއިފް ލޯޑް ރޯލް ކުޅޭ ޑާންސް ފިލްމެކެވެ. އަދި ނަން ރަސްމީކޮށް އިއުލާންކޮށްފައި ނުވާ އެ ފިލްމް ގެނެސް ދޭން ނިންމާފައި ވަނީ ފޯޑީ ފޯމެޓްގަ އެވެ.