17 އެޕްރީލް 2018 - 06:14

މައިކްރޮސޮފްޓް ސްޓޯރުން އިންސްޓާގްރާމް ބޭރުކޮށްލައިފި އެވެ. އެކަމަކު އެއީ އެ އެޕްލިކޭޝަންގައި މައްސަލައެއް އުޅޭތީއެއް ނޫނެވެ. އިންސްޓަގްރާމަކީ ފޭސްބުކް މެނޭޖްމަންޓުން ހިންގާ އެޕްލިކޭޝަނަކަށް ވާތީއެއް ވެސް ނޫނެވެ. ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓަށް ލިބުނު ޖާގަ ދެމެހެއްޓުމަށްޓަކައި، ތަމްސީލުކުރާނެ ވިންޑޯޒް ފޯނެއް ނެތުމުންނެވެ.
ޑިވެލޮޕަރުން އެޕްލިކޭޝަން އުފައްދަނީ ކޮންމެ އޮޕަރޭޓިން ސިސްޓަމަކަށް ވަކިވަކިން، އެ އޮޕަރޭޓިން ސިސްޓަމަކަށް ކަމުދާ ގޮތަކަށެވެ. އެ އޮޕަރޭޓިން ސިސްޓަމެއްގައި ހުރިހާ އެޕްލިކޭޝަނަކަށް އާންމު ފީޗާތައް ހިމަނައިގެންނެވެ. އެހެންކަމުން، ވިންޑޯޒް 10 އަށް އެޕްލިކޭޝަން އުފެއްދުމަށްޓަކައި ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
ވިންޑޯޒް 10 ފޯނުތަކަށް މިހާރު އުންމީދެއް ނެތެވެ. މައިކްރޮސޮފްޓުން އެ ފޯނުތައް ތަރައްގީއެއް ނުކުރެ އެވެ. އާ މޮޑެއް އަދި އާ ފޯނެއް ބޭނުންކުރަން ލިބޭނެ ތާރީޚެއް ނޭނގެ އެވެ. އެހެންކަމުން ވިންޑޯޒް 10 މޮބައިލް ފޯނުތަކުގެ ހަޔާތް ނިމުނީ ކަމަށް މި އޮތީ ބަލަންޖެހިފަ އެވެ. އަނެއްކޮޅުން މައިކްރޮސޮފްޓް ސްޓޯރުން މަޝްހޫރު އެޕްލިކޭޝަންތައް ބޭރުންކުރުން ނުވަތަ ތަރައްގީނުކޮށް ހުއްޓާލުމުން ދޭހަވަނީ، ވިންޑޯޒް 10 ފޯނުތަކުގެ ހަޔާތް ނިމުނީ ކަމުގަ އެވެ.
މައިކްރޮސޮފްޓް ސްޓޯރުން އިންސްޓަގްރާމް ބޭރުކޮށްލި ނަމަވެސް، ވިންޑޯޒް 10 މޮބައިލް ފޯނެއް އޮތް ނަމަ، އިންސްޓްގްރާމް މޮބައިލް ވެބްސައިޓް ބޭނުންކުރެވޭނެ އެވެ. އިންސްޓަގްރާމް މޮބައިލް އެޕްލިކޭޝަނާ އެއްވަރުނުވި ނަމަވެސް، މޮބައިލް ވެބްސައިޓުގައި ވެސް އެކަށީގެންވާ ވަރަށް ފީޗާތައް ހުރެ އެވެ.
ވިންޑޯޒް 10 މޮބައިލް ފޯނުތަކަށް އިންސްޓަގްރާމް އަދި ފޭސްބުކް ލިބުނީ ވެސް ވާދަވެރިން އުފާކުރާތާ އަހަރުތަކެއް ފަހުންނެވެ. ނަމަވެސް ވިންޑޯޒް ފޯން މާކެޓް ދެމެހެއްޓުމުގައި މައިކްރޮސޮފްޓަށް ހުރި ހުރަސްތައް ގިރާނުކުރެވުން ވެފައި ވަނީ އިންސްޓްގްރާމް ތަރައްގީނުކޮށް ހުއްޓާލަން ޖެހުނު ސަބަބަށެވެ.