20 އެޕްރީލް 2018 - 06:57

ސްމާޓް ގަޑީގެ ދުނިޔޭގައި ނަން ހިނގާ ފިޓްބިޓްގެ އާ ގަޑި ބާޒާރަށް ނެރެފިއެވެ. އެ ކުންފުނިން މިދިޔަ އަހަރުގެ އޮގަސްޓްމަހު ނެރުނު "އަޔޮނިކް" އަށްވުރެ ވާސާ، ބަލައިލަން ރީތިވެފައި އަގުވެސް ހެޔޮވާނެކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މިފަހަރު މި ނެރުނު ގަޑިއަކީ ހުރިހައި އުމުރެއްގެ އެންމެންނާ ވެސް ގުޅޭނެ ގަޑިއެއް ކަމަށްވެ އެވެ.
ފިޓްބިޓް އަޔޮނިކް އާއި ފިޓްބިޓް ވާސާއާ މާބޮޑު ތަފާތެއް ނެތެވެ. މި ދެ ގަޑިން ވެސް ހިތުގެ ހިނގުމާއި ނިދުމާއި ހަރަކާތްތެރިވާ މިންވަރު ބެލޭނެއެވެ. އަދި ފަތާ މިންވަރު ވެސް ބަލައިލެވެއެވެ. ފޯނަށް ކޯލެއް ނުވަތަ މެސެޖެއް އަތުވެއްޖިއްޔާ ވާސާއިން އެކަން ވެސް އަންގައިދެއެވެ. ވާސާގައި މަދުވަނީ އެންމެ ކަމެކެވެ. އެއީ ޖީޕީއެސްގެ ޚިދުމަތެވެ. ޖީޕީއެސް ހޯދަން ޖެހޭނީ އަތުގައި އޮންނަ ފޯނުންނެވެ.
ފިޓްބިޓް ވާސާގައި ދެން ހުރި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ގަޑީގެ މޫނުމައްޗަށް ކަސްރަތުގެ އިރުޝާދާއި ވޯކްއައުޓް ޕްރޮގްރާމްތައް ގެނެސްދެއެވެ. އަދި އެ މީހަކަށް ކުޅަދާނަވާ މިންވަރަކުން ކަސްރަތުތައް ބަދަލުވެސް ކޮށްދެއެވެ. އަދި ހަމައެކަނި އަންހެނުންނަށް ޚާއްސަކޮށް މައްސަރު ބުރު ލަފާކުރެވޭނެ ފުރުސަތު ވެސް މީގައި ވެއެވެ.
މިފަހަރުގެ ފިޓްބިޓް ގަޑީގެ އެންމެ ހާއްސަ ސިފައަކީ ކޮންމެ ފަހަރަކު ޗާޖުކުރުމަށްފަހު ހަތަރު ދުވަހު ގެންގުޅެވޭ ކަމެވެ. މިއީ އަޔޮނިކްގައި ވެސް ހުރި ސިފައެއް ނޫނެވެ. އަދި އެޕަލްގެ ސްމާޓް ގަޑިއަށް ވެސް މިހާތަނަށް ކުރެވުނު ކަމެއް ނޫނެވެ. އެކަމަކު އެޕަލްގެ ގަޑިއެކޭ އެއްގޮތަށް ރަބަރު ނުވަތަ ފޮތި ކަމަރެއް ވާސާގައި އިޚުތިޔާރުކުރެވިދާނެއެވެ. ފިޓްބިޓް ވާސާ ލިބެން ހުރީ ތިން ކުލައަކުންނެވެ. އެއީ ކަޅުކުލަ އާއި ރޯޒް ގޯލްޑާއި ރިހިކުލައިންނެވެ. މީގެ ގަޑިއެއްގެ އަގަކީ 199.95 ޑޮލަރެވެ.