އެންމެ 7 އަހަރުގައި އެފްރިކާގެ އެންމެ އުސް ފަރުބަދަ އަށް އަރައިފި
އެންމެ 7 އަހަރުގައި އެފްރިކާގެ އެންމެ އުސް ފަރުބަދަ އަށް އަރައިފި

އުމުރުގެ ހަގު ކަމަކީ ހުވަފެނެއް ހަގީގަތަކަށް ހަދަން އޮތް ހުރަހެއް ނޫނެވެ. އިންޑިއާގެ ހައިދަރްއާބާދުގެ އުމުރުން އެންމެ 7 އަހަރުގެ ފިރިހެން ކުއްޖަކު މި ވަނީ އޭނާ ކަހަލަ އެތައް ކުދިންނަކަށް ނަމޫނާ ދައްކައިފަ އެވެ.

އެންމެ 7 އަހަރުގައި އެފްރިކާގެ އެންމެ އުސް ފަރުބަދަ އަށް އަރައިފި
އެންމެ 7 އަހަރުގައި އެފްރިކާގެ އެންމެ އުސް ފަރުބަދަ އަށް އަރައިފި

ސަމަންޔޫ ޕޮތޫރާޖް ވަނީ އެފްރިކާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ޓެންޒޭނިއާގެ މައުންޓް ކިލިމަންޖާރޯގެ އެންމެ އުހަށް ދަތުރުކޮށް، އިންޑިއާގެ ދިދަ 5،895 މީޓަރުގެ މަތީގައި ވިހުރުވާލައިފަ އެވެ. އޭނާގެ އެއް ބޭނުމަކީ އެ ފަރުބަދައިގެ އެންމެ މައްޗަށް ދިޔަ އެންމެ ހަގު ކުއްޖާގެ ދުނިޔޭގެ ރިކޯޑް ހާސިލް ކުރުމެވެ. އަނެއް ކަމަކީ އިންޑިއާގެ ތެލެގޫ ސިނަމާގެ ސުޕަސްޓާ ޕަވަން ކަލިއަންއާ ބައްދަލު ކުރުމުގެ ފުރުސަތު ހޯދުމެވެ.

ސަމަންޔޫ އާއި އޭނާގެ ކޯޗާއި މަންމަ އާއި އިތުރު ދެ މީހަކާ އެކު ޓެންޒޭނިއާ އަށް ދަތުރު ފެށީ މިދިޔަ މަހުގެ 29 ގަ އެވެ.

އެ ގައުމަށް ދެވުމާ އެކު ކިލިމަންޖާރޯ އަށް އެރުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު ފަސް ދުވަހުގެ ބުރަ އަދި ވަރުބަލި މަސައްކަތަށް ފަހު، ފަރުބަދައިގެ ކުންނާ ހަމައަށް ސަމަންޔޫ އަށް އެރުނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

އެކަން ހާސިލުވުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ. އަދި އެ ތަޖުރިބާ މީޑިއާތަކާ ހިއްސާ ވެސް ކުރި އެވެ. ސަމަންޔޫ ކިޔައި ދިން ގޮތުގައި ފަރުބަދަތަކަށް އެރުމުގެ ޓްރޭނިންތަކެއް އޭނާގެ ކޯޗް ތައްމިނެނީ ބާރަތުއާ އެކު ފެށިތާ ވެސް އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ކަލިމަންޖާރޯ ފަރުދަބައިގެ އެންމެ މައްޗަށް އެރުމަކީ އެ މަސައްކަތް ފެށި އިރު ވެސް ހުވަފެނެކެވެ.

"އަހަންނަށް ފަރުބައިގެ އެންމެ މައްޗަށް ވާސިލުވެވުނު ދުވަހަކީ ވިއްސާރަވެ، މޫސުން ވެސް ވަރަށް ގޯސްކޮށް އޮތް ދުވަހެއް. އަދި ވަރަށް ފިނި ގަދަ،" ސަމަންޔޫ ބުންޏެވެ. "އެ ދުވަހަކީ ފައިގައި ވަރަށް ރިއްސި ވެސް ދުވަހެއް. އެކަމަކު ކޯޗު ދެމުން ގެންދިޔަ ހިތްވަރާ އެކު، މިކަން ކާމިޔާބު ކުރެވުނީ."

ސަމަންޔޫ އާއި އޭނާގެ ޓީމްގެ ކަލިމަންޖޯރާގެ އުހަށް ކުރި ދަތުރުގައި ޓެންޒޭނިއާގެ ޑޮކްޓަރަކު ވެސް ބައިވެރިވި އެވެ. އެހެންވެ އެއީ ދަތުރު ހުއްޓާނުލައި ކުރިއަށް ދާން ބާރު އެޅި އެއް ކަންތަކެވެ.

"ކަލިމަންޖާރޯގެ އެންމެ އުހަށް ދެވުނީމަ އެންމެ އުފާވީ އަހަރެންގެ ހީރޯގެ ގޮތުގައި ދެކޭ ޕަަވަންއާ ބައްދަލު ވާނެކަމުގެ ޔަގީންކަން ލިބުނީމަ. މަންމަ ބުނެފައި އޮތީ މިކަން ކާމިޔާބުކޮށްފި ނަމަ ޕަވަންއާ ބައްދަލުކޮށް ދޭން މަސައްކަތްކޮށް ދޭނަމޭ،" ސަމަންޔޫ ބުންޏެވެ.

ސަމަންޔޫގެ މަންމަ ލަވަންޔާ ބުނި ގޮތުގައި ދަރިފުޅުގެ ދެން އޮތް މަންޒިލަކީ އޮސްޓްރޭލިއާ އެވެ. އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން އޮސްޓްރޭލިއާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ކޮޒިސްކޯ ފަރުބަދަ އަށް އެރުމެވެ. އެއީ 2،228 މީޓަރު އުސް ފަރުބަދައެކެވެ.

"އަހަރެން ވަރަށް ބޭނުން އަހަރެންގެ ދަރިފުޅުގެ ނަން ދުނިޔޭގެ ރެކޯޑް ފޮތުގައި އޮންނަ ތަން ދެކެން،" ލަވަންޔާ ބުންޏެވެ.

ސަމަންޔޫ ނިސްބަތްވާ އޭޝިއާގައި ހުރި ދުނިޔޭގެ އެންމެ އުސް ފަރުބަދަ އެވަރިސްޓްގެ އެންމެ މަތިން ވެސް ދަރިފުޅު އިންޑިއާގެ ދިދަ ވިހުރުވައިލުމަކީ އޭނާގެ މަންމަގެ އެންމެ ބޮޑު އެއް ހުވަފެނެވެ.