22 ޖުލައި 2016 - 06:35

ޖަރާސީމުން ދުރުވެވިދާނެ ވަރަށް ރަނގަޅު ގޮތެއް ސައިންސްވެރިންނަށް ހޯދިއްޖެ އެވެ. ސައިންސްވެރިން ބުނަނީ ކްރޭންބެރީ ޖޫހުގައި ހިމެނޭ ބައެއް މާއްދާތަކުގައި ޖަރާސީމާ ކުރިމަތިލުމުގެ ފުރިހަމަ ގާބިލްކަން އެބަހުރި ކަމަށެވެ.
ރިސާޗަރުންގެ ޓީމަކުން ކޮށްފައިވާ ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ކްރޭންބެރީގައި އެކުލެވޭ ކަމްޕައުންޑްތަކުން، ޖަރާސީމު އަށަގަތުމުގެ ބިރު އޮންނަ އެންމެ ފުރަތަމަ ހަރުފަތުން އެތަކެތި ބްލޮކްކުރުމުގެ ގާބިލްކަން އިތުރުކޮށްދެ އެވެ.
މި ދިރާސާގެ ނަތީޖާއިން އެންޓިބައޮޓިކް ޑްރަގް ތަރައްގީކުރުމަށް މުޅިން އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ސައިންސްވެރިން އުންމީދުކުރެ އެވެ.
އަލަށް ސުޕަބަގްސްތަކެއް ފެންނަމުން ދާއިރު އަދި މިއީ މިހާރު ބޭނުންކުރަމުންދާ އެންޓިބައޮޓިކްސްތަކަށް ނުގުޑާ އެއްޗިއްސެވެ. ސައިންސްވެރިން އުންމީދުކުރަނީ ބެކްޓީރިއަލް އިންފެކްޝަންގެ މެކޭނިޒަމް ރަނގަޅަށް ދެނެގަނެ ސުޕަބަގަށް އަމާޒުކޮށް މުޅިން އާ އެންޓިބައޮޓިކް ބޭސް އުފެއްދުމަށް ވެސް މިކަމުން ބާރަކަށް ވާނެ ކަމަށެވެ.
އިންފެކްޝަނެއް އުފެއްދުމަށްޓަކައި ޖަރާސީމު އެންމެ ފުރަތަމަ ވަކި ތަނެއްގައި ތަތްވެގެން ތިބެ ޖަރާސީމުގެ ފަނިތައް އެތަނަށް އިތުރުކުރަމުން ދެ އެވެ. މިއީ ބައޮފިލްމެއް އުފެއްދުމަށް ޖަރާސީމު ކުރާ ކަމެކެވެ.
ސައިންސްވެރިން ތައްޔާރު ކުރި ކަރުދާހުގައި ފާހަގަކޮށްފައިވާ ގޮތުގައި ކްރޭންބެރީ ޖޫހުގައި އެކުލެވޭ ފްލެވްނޯލްސް ކިޔާ ކަމްޕައުންޑަކުން ބެކްޓީރިއާ އީ-ކޮލީ އެއްތަނަކަށް ޖަމާވެގެން ތިބުމަށް ބޮޑު ހުރަހަކަށް ވެއެވެ. އީ-ކޮލީގެ ތަފާތު ސްޓްރެއިންތަކަކީ ވަރަށް ގިނަ ވައްތަރުތަކުގެ އިންފެކްޝަންސް ޖެހުމުގެ ސަބަބަކަށްވާ ޖަރާސީމެވެ. ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތައް ވެސް އޭގައި ހިމެނެ އެވެ.
މި ޓީމުން މީގެ ކުރިން ކޮށްފައިވާ ދިރާސާ މަސައްކަތްތަކުން ހާމަވެފައިވާ ގޮތުގައި ބެކްޓީރިއާ އެއް ތަނަކަށް ޖަމާވުމަށް ހުރަސް އަޅާ އެކައްޗަކަށް ކްރޭންބެރީ ޖޫހުގައި ހުންނަ ޕްރޯއެންތޮސިއޭނިޑިންސް (ޕީއޭސީއެސް) ކިޔާ ޕައުންޑެއް ވެ އެވެ.
މިދިރާސާ ކުރި ޓީމުން ބުނަނީ ކްރޭންބެރީގައި އެކުލެވޭ އެންޓި މައިކްރޮބައިލް ޕްރޮޕަޓީޒްތަކާއި ތަފާތު އެހެން ބެކްޓީރިއާތަކަށް އެއިން ކުރާ އަސަރުތައް ވެސް ވަކިވަކިންނާއި އެހެން އެއްޗިއްސާ ގުޅުވައިގެން ޓެސްޓްކުރަން ޖެހެ އެވެ. ސުޕަބަގްއަށް ހަނގުރާމަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ކްރޭންބެރީޒްގައި އެކުލެވޭ ކަމްޕައުންޑްތަކުން ރަނގަޅު ބޭސްތަކެއް އުފެއްދިދާނެ ކަމަށް މި ޓީމުން އުންމީދު ކުރެ އެވެ.
މި ދިރާސާ ރިޕޯޓު ޝާއިއުކޮށްފައި ވަނީ ޖާނަލް ފުޑް އެންޑް ފަންކްޝަންގަ އެވެ.