16 އެޕްރީލް 2018 - 09:08

ޕެރިސް (އޭޕްރީލް 16) - އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އަތުން 7-1 އިން މޮޅުވެ ފްރާންސް ލީގު ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފި އެވެ.
ލީގުގައި ބާކީ ނުކުޅެ ފަސް މެޗު އޮއްވައި ޕީއެސްޖީން ލީގު ކަށަވަރުކުރީ އެއް ވަނައިގައި 17 ޕޮއިންޓުގެ ލީޑެއް ނަގައިގެންނެވެ. ޕީއެސްޖީ އެއް ވަނައިގައި އޮތީ 33 މެޗުން 87 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މޮނާކޯ އަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ހަތް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ ލޮ ސެލްސޯ އާއި އެންހެން ޑި މާރިއާ އެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. އަނެއް ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖޫލިއަން ޑްރެކްސްލާ އާއި އެޑިސަން ކަވާނީ ޖެހިއިރު، ދެން ޖެހި ލަނޑަކީ މޮނާކޯގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މޮނާކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ރޮނީ ލޮޕޭޒް އެވެ.
މިދިޔަ ފަހަރު ލީގު ޗެމްޕިއަން ހޯދި މޮނާކޯގެ މުހިއްމު ކުޅުންތެރިން މި ފަހަރު އެ ޓީމު ދޫކޮށްދިއުމުން ލީގުގެ ރޭހުގައި އެ ޓީމު ވަރަށް ބޮޑަށް ފަހަތަށް ވެއްޓުނެވެ.
ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ އެ ކްލަބުން ފްރާންސްގައި ހޯދާ ކާމިޔާބީ އެހެން ލެވެލަކަށް ގެންދިއުމަކީ މިހާރު ކުރަން ޖެހިފައި އޮތް ބޮޑު މަސައްކަތް ކަމަށެވެ.
"އަހަރެމެންނަށް ވުރެން ގިނަ ތަށި ހޯދާފައި ހުރި ޓީމުތައް އެބައޮތް ފްރާންސްގައި ވެސް. އެއީ މުހިއްމު ވާހަކައެއް ނޫން. ބޭނުންވަނީ މި ޓީމު އިތުރަށް މުސްތަގުބަލުގައި ވަރުގަދަވުން. ދެން ކުރަން އޮތް ބޮޑު މަސައްކަތަކީ މި ކާމިޔާބީ އެހެން ލެވެލަކަށް ގެންދިއުން. ޔޫރަޕްގައި ވެސް ކާމިޔާބު ހޯދުން،" އެމެރީ ބުންޏެވެ.
ޕީއެސްޖީގައި އެމެރީގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނީ މި ވަގުތު އެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީން ވަނީ މި ސީޒަނަށް ފަހު އެމެރީ އެ ޓީމުގެ ކޯޗުކަމުން ދުރުކުރަން ނިންމައިފަ އެވެ.