15 އެޕްރީލް 2018 - 20:15

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ތިއްބެވި ފަސް މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާހާ ގޮތެއް ހައްދަވަން ތިއްބެވި "އަޅުންތަކެއް" ކަމަށާއި އެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ގޮވާލައްވައިފި އެވެ.
އީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ، ދާދި ފަހުން އެ ކޮމިޝަނަށް އައްޔަން ކުރެއްވި ރައީސް އަހުމަދު ޝަރީފްގެ އިތުރުން ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި އަހުމަދު އަކްރަމާއި އިސްމާއިލް ހަބީބު އަބްދުއްރަހީމް އަދި މުހައްމަދު ޝަކީލެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އަމީތު ވިދާޅުވީ މިހާރު އޮތީ މިނިވަން ކަމެއް ނެތް، އަދި ގާނޫނީ ހައިސިއްޔަތެއް ވެސް ނެތް އިލެކްޝަންސް ކޮމިޝަނެއް ކަމަށެވެ. އެ ކޮމިޝަން އޮވެގެން މިނިވަންކަމާ އެކު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަކީ މިނިވަން ބައެއް ކަމަށް ބުނާ ނަމަ، އެ ބޭފުޅުން އެކަން ސާބިތު ކޮށްދެއްވަން ޖެހޭ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވަނީ މިނިވަންކަމާ އެކު ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި މަސައްކަތަކީ ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ. ޚާއްސަކޮށް، 2015 އިން ފެށިގެން، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކަށް ފިޔަވައި އެއްވެސް ޕާޓީއަކަށް މާލޭގައި ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ނުލިބޭ ކަން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް އެނގިވަޑައިގަންނަވާތޯ އަމީތު ސުވާލު ކުރެއްވި އެވެ.
"ކޮބައިތޯ ސިޔާސީ ޕާޓީތަކަށް ފުރުސަތު ފަހިކޮށް ދިނުމަށް އެ ބޭފުޅުން ކުރެއްވި މަސައްކަތަކީ؟ އެ މަސައްކަތެއް ނުކުރައްވާ، ޝަރީފް މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، މި ވިދާޅުވަނީ ތިމަންނާ ދެން ފާސް ކުރާނީ ގާނޫނެކޭ. އެއީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ރެގިއުލޭޓް ކުރުމުގެ ގާނޫނޭ،" އަމީތު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަނުން އުޅެނީ ޕާޓީތަކުގެ ތެރެއަށް އެ ކޮމިޝަނުން އަތް ބޭނުމަށް ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ ގާނޫނު އިސްލާހު ކުރަނީ ޕާޓީތައް ތަޅު އެޅުވުމުގެ ބޭނުމުގައި ނޫން ކަމަށެވެ.
އަމީތު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް ވަޑައިގަތީ ގާނޫނާ އެއްގޮތަކަށް ނޫނެވެ. އެއީ އިދިކޮޅު 12 މެމްބަރަކަށް މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ނުދިނުމާއި ޖަލުގައި ތިއްބެވި ބައެއް އިދިކޮޅު މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދީފައި ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޝަރީފްގެ ނަން މަޖިލީހުން ފާސް ކުރީ ސައްހަ ނޫން ރައީސެއް މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން އިތުބާރު ކުރެވޭ މަސައްކަތެއް ކުރައްވަން ބޭނުންވާ ނަމަ، މި ފަސް މެމްބަރުން މިއަދުން މިއަދަށް އިސްތިއުފާ ދެއްވަންވީ. އިސްތިއުފާ ދެއްވާފައި ގާނޫނީ ހައިސިއްޔަތު އޮތް ޖަލްސާއެއް މަޖިލީހުގައި ބާއްވާފައި، މަޖިލީހުގެ އިތުބާރު އޮތް އާ މެމްބަރުންތަކެއް ކޮމިޝަނަށް އައްޔަން ކޮށްދެއްވާ. އެހާ ހިސާބުން އަޅުގަނޑުމެންނަށް ކޮމިޝަނާ އެކު މަސައްކަތް ކުރެވޭނެ،" އަމީތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުސްތޫރީ ހަޔާތުގައި އެންމެ ބޮޑެތި ޖަރީމާތަކެއް ހިންގެވި ބޭފުޅުންގެ ތެރޭގައި އީސީގެ މެމްބަރުން ކަމަށްވާ އަމްޖަދާއި އަކްރަމާއި ހަބީބުގެ އިތުރުން ޝަކީލް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް، ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަލީ ސުލައިމާން ހިމެނިވަޑައިގަންނަވާ ގޮތަށް މި ފަސް ބޭފުޅުންގެ މައްސަލަތައް ކޯޓުތަކުގައި ހިނގާނެ ދުވަސް އަންނާނެ ކަމަށް އަމީތު ވިދާޅުވި އެވެ.