ޕާޓީތަކުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތެއް ނުދޭނަން: އިދިކޮޅު ފަރާތްތައް
ޕާޓީތަކުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތެއް ނުދޭނަން: އިދިކޮޅު ފަރާތްތައް

ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުޅެނީ ޕާޓީތަކުގެ ތެރެއަށް އެ ކޮމިޝަނުން އަތް ބޭނުމަށް ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ޕާޓީތައް ބެލެހެއްޓޭނެ ހަރުދަނާ މެކޭނިޒަމެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ. އަދި އެފަދަ މެކޭނިޒަމެއް ގާއިމު ކުރަން ބޭނުން ވަނީ ޕާޓީތައް ތަޅު އެޅުވުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ސިޔާސީ ޕާޓީތައް މޮނީޓަކޮށް ބެލެހެއްޓުމުގެ އެއްވެސް "ބަހެއް" ހިމަނާފައި ނުވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމެއް/އެއްވުމެއް/ޖަލްސާއެއް/ޕެނަލް ޑިސްކަޝަނެއް ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ހުއްދަ ނެގުމަކީ ސިޔާސީ ޕާޓީގެ ގާނޫނުން ތަސައްވަރު ކޮށްފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނަށް އިސްލާހު ހުށަހަޅާތީ އަނަސް ވަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަކީ މިނިވަން ތަނެއްގެ ގޮތުގައި ގަބޫލު ކުރެއްވެނީ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ކަމަށެވެ. އަދި އެތަނުގައި ތިއްބެވި މެމްބަރުންނަކީ މިނިވަން ބައެއް ނޫން ކަން ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެޓާނީ ޖެނެރަލް މެދުވެރިކޮށް، އެމްއެންޑީއެފުން ހިސޯރު ކޮށްފައި އޮތް މަޖިލީހަށް ހުށަހަޅައިގެން ކަންކަން ނިންމިދާނެ އެވެ.

އެކަމަކު، ރައްޔިތުން އިންތިޚާބު ކޮށްފައި ތިއްބެވި މެމްބަރުން، މިނިވަންކަމާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން، އެކަން ބަދަލުވެގެން ދާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"ކަންބޮޑުވޭ ގާނޫނަށް ބައެއް ބަދަލުތައް ގެންނަ ވާހަކަ ދައްކާއިރު. އިލެކްޝަސް އިން އަހަރީ ރިޕޯޓުގައި ޕާޓީތައް ރެގިއުލޭޓް ކުރަން ބޭނުންވާ ވާހަކައެއް ފާހަގަ ކުރައްވާފައެއް ނެތް." ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ކުރާ ހުރިހާ ކަމެއް ރައީސް ޔާމީނާ ހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި އެކަމާ އިދިކޮޅު ޕާޓީތަކުން ހިތާމަ ކުރާ ކަމަށާއި އެ ފުރުސަތު ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝންގައި މިހާރު ތިއްބެވި މެމްބަރުންނާ އެކު މިނިވަން، އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ނުބޭއްވޭނެ އެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރަނީ ގާނޫނުގެ ތެރެއިން ނޫން ކަމަށާއި މަސައްކަތް ކުރަނީ ޕާޓީތަކަށް ބިރު ދައްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް ވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރައްވަނީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީތަކުން ބޭރު ކުރަން ކަމަށެވެ. ގާނޫނަށް އިސްލާހު ހުށަހަޅަން އުޅެނީ ޖިނާއީ ތުހުމަތެއް ކުރެވޭ ބޭފުޅުންނަށް ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަކީ ގާނޫނީ ހައިސިއްޔަތެއް އޮތް ތަނެއް ނޫން. އިލެކްޝަންސް ކޮމިޝަނަކަށް ސިޔާސީ ޕާޓީތަކުގެ ތެރެއަށް އަތެއް ނުބޭނޭނެ. މިއީ ރެގިއުލޭޓް ކުރުމެއް ނޫން،" އަމީތު ވިދާޅުވި އެވެ.