15 އެޕްރީލް 2018 - 15:45

އއ. މަތިވެރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ މަސައްކަތްތައް އެ ރަށު ކައުންސިލުން ފަށައިފި އެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ އެއީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާފައިވާ ރަށަކަށް އަންނަ އަހަރު ނިމުމުގެ ކުރިން ހެދުމަށް ކަމަށެވެ. އެ ކަން ކާމިޔާބު ކުރުމަށް މިހާރު ވެސް ވަނީ ގޮތްތަކެއް ނިންމައިފަ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ގެސްޓް ހައުސްތަކުން ޕްލާސްޓިކް ބޭނުން ކުރުން މި މަހު ހުއްޓާލަން ޖެހޭނެ ކަމަށެވެ. ފިހާރަތަކާއި ކެފޭ އަދި ހޮޓާ ތަކުންނާއި ގޭގެގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ޖެހެނީ ކުރިއަށް އޮތް ހަތަރު މަސް ތެރޭގަ އެވެ.
ޗުއްޓީ އަކަށް ނުވަތަ ހަފުތާ ބަންދު ހޭދަކޮށްލަން ވެސް މަތިވެރި އަކީ މީހުންގެ މެދުގައި މަގުބޫލު ރަށެކެވެ. އެ ރަށުގައި މިހާރު ވެސް 10 ގެސްޓް ހައުސް ހިންގަ އެވެ.
އާތިފް ވިދާޅުވީ، ޕްލާސްޓިކަކީ އިންސާނުންގެ ދިރިއުޅުމާ ރައްޓެހި އެއްޗެއް ނުވި ނަމަވެސް އެއާ ނުލައި ދިރިނޫޅެވޭ ވަރަށް އެ އަށް ބަރޯސާ ވަމުން އަންނަ ކަމަށެވެ. އެކަމަކު އެ އާދަ ނައްތާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ޕްލާސްޓިކަކީ] އިންސާނުން ދިރިއުޅުމާ އެހާ ރައްޓެހި އެއްޗެއް ނޫން. އެއާ ދުރުވާންޖެހޭ. އެހެންވެ މި ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ހިތްފަސޭހަ ރީތި ތަނަކަށް ހެދުމުގެ މަސައްކަތް މި ފެށީ. އެއީ ހާސިލް ނުވާ ވަރުގެ އުނދަގޫ ކަމެއް ނޫން. މިހާރު ވެސް އެކަމުގެ ނަތީޖާ އެބަ ނުކުމޭ،" އާބާދީގައި 930 އެއްހާ މީހުން ދިރިއުޅެމުން އަންނަ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މަތިވެރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ މަސައްކަތުގައި، އެ ރަށުގެ ގެސްޓް ހައުސްތަކާއި ވިޔަފާރިވެރިންގެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށް ރަށު ކައުންސިލުން ބުންޏެވެ. އެ ތަންތަނުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުން، ރަށުގެ 75 ޕަސެންޓުން ޕްލާސްޓިކް މަދުކުރެވުނީ ކަމަަށް ވެސް ވިދާޅުވި އެވެ.
ވިޔަފާރިވެރިންނާއި ގެސްޓް ހައުސްތައް ގުޅިގެން ކައުންސިލުން ނިންމާފައިވަނީ، މުޅި ރަށަށް ފޮތި ދަބަސް ބެހުމަށެވެ.
ޗުއްޓީ ހޭދަކޮށްލަން މިދިޔަ ހަފުތާގައި އެކަނި ވެސް މަތިވެރި އަށް 400 އެއްހާ މީހުން ޒިޔާރަތްކުރި ކަމަށް ކައުންސިލުން ބުންޏެވެ.