15 އެޕްރީލް 2018 - 13:33

ތެލް އަވީވް (އެޕްރީލް 15) - އީރާނުން މިދިޔަ ފެބްރުއަރީ މަހު ޑްރޯނެއް ފޮނުވާލީ ހަމަލާ ދޭން ކަމަށް އިޒްރޭލުން ބުނެފި އެވެ.
ގޮވާތަކެއްޗާ އެކު އިޒްރޭލަށް ހަމަލާ ދޭން ފޮނުވާލި ޑްރޯން ވައްޓާލީ އިޒްރޭލުގެ ކޮމްބެޓް ހެލިކޮޕްޓަރުތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އީރާނުން މަސައްކަތް ކުރީ އިޒްރޭލަށް ހަމަލާ ދޭން ކަމަށް ނިންމީ ޑްރޯނުގެ ފްލައިޓް ޕާތު ދިރާސާކޮށް އަދި ވައްޓާލި ޑްރޯނުގެ ބައިތަކުގެ ތަހުލީލެއް ކުރުމަށް ފަހު ކަމަށެވެ.
ޑްރޯން އުދުއްސާލާފައި ވަނީ ސީރިއާގެ ވައިގެ މަރުކަޒަކުންނެވެ. އިޒްރޭލުން ފަހުން ވަނީ އެ މަރުކަޒަށް ވައިގެ ހަމަލާދީފަ އެވެ. އެ ހަމަލާތަކުގައި ވަނީ އިޒްރޭލުގެ އެފް-16 ގެ ފައިޓާ ޖެޓެއް ވެއްޓިފަ އެވެ. ނަމަވެސް އޭގެ ދެ ޕައިލެޓުން ވަނީ ސަލާމަތްވެފަ އެވެ.
ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ވެސް އިޒްރޭލުން ވަނީ ޓީ-4 ވައިގެ މަރުކަޒަށް ހަމަލާދީފަ އެވެ. އެ ހަމަލާތަކުގައި މަރުވި 14 މީހުންގެ ތެރޭގައި އީރާނުގެ ހަތް މީހުން ހިމެނެ އެވެ.
ފެބްރުއަަރީ މަހު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ފޮރިން މިނިސްޓަރުގެ ނައިބް ވަނީ އިޒްރޭލަށް ޑްރޯނެއް ފޮނުވާލި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.