އީގަލްސްގެ ޑިފެންސް މައްސަލަ: މޯހަންގެ ކަންބޮޑުވުން
އީގަލްސްގެ ޑިފެންސް މައްސަލަ: މޯހަންގެ ކަންބޮޑުވުން

އީގަލްސްގެ އެންމެ ބޮޑު މައްސަލައަކީ ޑިފެންސް ކަމަށާއި އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެކަމަށް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އީގަލްސް އިން އަށް ޕޮއިންޓާ އެކު ތާވަލުގައި އޮތްއިރު ޖުމްލަކޮށް އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު ވެލެންސިއާ މެޗާއި ނިއު ރޭޑިއަންޓް މެޗު އަދި ޓީސީ މެޗުން ވެސް ޕޮއިންޓްތަކެއް ގެއްލުނީ ބައިކޮޅަށް ލަނޑުތަކެއް ވަދެގެންނެވެ. މޯހަން ބުނީ އެންމެ ފަހުން ޓީސީ އަތުން 3-2 އިން ބަލިވި މެޗުގައި ކުޅުން ވެސް ދަށް ކަމަށެވެ.

"އެންމެ ފަހުގެ މެޗުގައި ދަށްކޮށް ދިޔައީ. މައިގަނޑުގެ ގޮތެއްގައި ހުރިހާ ކުޅުންތެރިންގެ ޕާފޯމަންސް ދަށް. އިންޑިވިޖުއަލް މިސްޓޭކްސް ވެސް ވަރަށް ބޮޑަށް ގޯސްކޮށް ފެނުނީ. އުއްމީދުކުރަނީ އެޔަށް ވުރެ ގޯސް ދުވަހެއް ނާންނާނެ ކަމަށް،" މޯހަން ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި އީގަލްސްގެ ކުޅުން ޖުމްލަކޮށް ކުޅުން ރަނގަޅު ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޑިފެންސް ރަނގަޅުކުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުން ކަމަށެވެ.

"އަދި އެކަމަކު އެކަން ކާމިޔާބެއް ނުވޭ. އެކިއެކި ކުޅުންތެރިން ލައިގެން މަސައްކަތްކުރަން އެބަ. އަޅުގަނޑަށް ވެސް ސޮލިއުޝަން ނޭގިގެން މިއުޅެނީ. ކޮމްބިނޭޝަން މައްސަލައެއްތޯ. އެހެން ކުޅުންތެރިން ޑިފެންސިވް ސަޕޯޓްކުރުމުގެ މައްސަލައެއްތޯ. ނުވަތަ ޕޮޒިޝަނިން މިސްޓޭކްތޯ. އެކަމަކު އެންމެ ފަހުން ދުވަހު އެ ފެނުނީ އިންޑިވިޖުއަލް މިސްޓޭކްތަކެއް. ކިތަންމެ ޕްރެކްޓިސް ކުރިޔަސް އެކަމެއް ރަނގަޅެއް ނުވާނެ. މެޗު ފޯކަސް ރަނގަޅުކޮށްގެން ނޫނީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ މި ފަހަރު ޖުމްލަކޮށް ލީގު ވާދަވެރި ކަމަށާއި އެކަމަކު ގިނަ ޓީމުތަކަށް ދިމާވާ މައްސަލައަކީ އެއް ފެންވަރެއްގައި ނުހިފެހެއްޓުން ކަމަށެވެ. އެހެންވެ ކުރިއަށް އޮންނަ މެޗުގައި ވެދާނެ ގޮތެއް ލަފާކޮށްލަން ވެސް ނޭގޭ ކަމަށެވެ. އެއާ އެކު މެޗު ފަސޭހަކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ނޯންނަ ކަމަށް އޭނާ ބުންޏެވެ.

ޑިފެންސް މައްސަލައިގެ އިތުރުން އީގަލްސް އަށް މި މެޗަށް އޮތް ކަންބޮޑުވުމަކީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލް ފޯވާޑް އެޑުއާޑޯ އަށް އަނިޔާވެ ނުކުޅެވުމުގެ ބިރު އޮތުމެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އެޑުއާޑޯ އަކީ މި ވަގުތު ރާއްޖޭގައި ކުޅޭ އެންމެ މޮޅު އެއް ފޯވާޑް ކަމަށާއި އޭނާ ނެތުމުން އީގަލްސް އަށް ގެއްލުންތަކެއް ވެދާނެ ކަމަށެވެ. އެކަމަކު ޔުނައިޓެޑް ވިކްޓަރީ އެކަމާ އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ހާލަތު ރަނގަޅުކޮށްގެން އިތުރު އިމްޕުޓެއް ލެވޭތޯ. އެޑުއާޑޯ ކުޅޭނެތޯ ނުވަތަ ނޫންތޯ ނުވިސްނަން. އެކަމަކު އަޅުގަނޑުމެން އީގަލްސް އަންޑައެސްޓިމޭޓެއް ނުކުރަން. އެ ޓީމަކީ އެންމެ ރަނގަޅަށް ކުޅޭ އެއް ޓީމު. ޓީސީ މެޗުގައި ވެސް ތިން މިސްޓޭކެއް ހެދިގެން ބަލިވީ. އެ ތިން މިސްޓޭކް ނެގީމާ މެޗު އިންނާނީ އީގަލްސް ކޮޅުގައި،" ނަޒީހު ބުންޏެވެ.

ފުރަތަމަ ދެ މެޗުން މޮޅުވި ޔުނައިޓެޑް ވިކްޓަރީ ވަނީ އޭގެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. ނަޒީހު ބުނީ ޓީމުގެ ތެރޭގައި ހުރި ވަރަށް ގިނަ ކަންކަން ރަނގަޅުކުރެވިއްޖެ ކަމަށެވެ. އޭނާ ބުނީ އެންމެ ބޮޑު މައްސަލައަކީ މަސައްކަތްކުރަން ބޭނުންނުވާ ކުޅުންތެރިންތަކެއް ޓީމުގައި ތިބުން ކަމަށާއި އޭގެ ސަބަބުން މަސައްކަތްކުރަން ތިބޭ ކުޅުންތެރިންނަށް ވެސް އަސަރުކުރާ ކަމަށެވެ.

"މުސްކުޅިން ބުނެ އުޅެއެއްނޫންތޯ އަހިވަކާ ޖެހި އަހިވަށް ފާވާނެޔޭ،" ނަޒީހު ބުންޏެވެ. "އަދިވެސް އެއްކޮށް ރަނގަޅެއް ނުކުރެވޭ. އެކަމަށް ވަގުތު ވެސް ނަގާނެ."

އޭނާ ބުނީ ޔުނައިޓެޑް ވިކްޓަރީން ކުރީކޮޅު މެޗުތަކުން މޮޅުވީ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަޗް) ވަރަށް ގިނަ ބޯޅަތަކެއް ސަލާމަތްކޮށްގެން ކަމާށާއި އަދިވެސް މޮޅުވާން ބޭނުމިއްޔާ އޭނާގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަމަށެވެ