ރިހިވެލި ރިސޯޓް ސަބް ލީސްކޮށް ހިންގަމުން އައި ކުންފުނި އަތުން އެ ތަން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް
ރިހިވެލި ރިސޯޓް ސަބް ލީސްކޮށް ހިންގަމުން އައި ކުންފުނި އަތުން އެ ތަން އަތުލީ ރަނގަޅަށް: ސިވިލް ކޯޓް

ރިހިވެލި ބީޗް ރިސޯޓް ސަބް ލީސް އުސޫލުން ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެ ތަން ހިންގަމުން އައި ކުންފުނި އަތުން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކ. މާހަނައެޅިހުރާގައި ހިންގަމުން އަންނަ ތިން ތަރީގެ ރިހިވެލި ރިސޯޓަކީ މާހަލް ޓުއާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ. މާހަލް ކުންފުނިން 2014 ގައި ވަނީ އެ ތަން ސަބް ލީސް އުސޫލުން ހިންގުމަށް ކާސްޓް އަވޭ މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ދީފަ އެވެ. އެކަމަކު މާހަލް ޓުއާސް އިން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ރަށުގެ ސަބް ލީޒް އެއްބަސްވުން ބާތިލްކޮށް، އެ ރަށުން ފައިބަން ކާސްޓްއަވޭ އަށް ނޯޓިސް ފޮނުވައިފަ އެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ކާސްޓްއަވޭގެ ފަރާތުން ކޯޓަށް ހުށަހެޅުމުން މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ސަބް ލީސް އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި ދެވެން ނެތް ކަމަށެވެ.

ހުކުމުގައި ވަނީ ސަބް ލީސް އެއްބަސްވުން ބާތިލް ކުރީ ހެޑް ލީސް ރެންޓްގެ ގޮތުގައި ކާސްޓްއަވޭ އިން މާހަލް ޓުއާސް އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކަމަށް މާހަލް ޓުއާސް އިން ބުނާއިރު، އެ ފައިސާ ނުދެއްކުމަކީ އެއްބަސްވުން ބާތިލް ކުރެވިދާނެ ސަބަބެއް ކަމަށް އެއްބަސްވުމުގައި ވެސް ބުނާ ކަމަށެވެ.

ހެޑް ލީސް ކުއްޔަށް ވާ ފައިސާ ތިން ވަނަ ފަރާތަކުން ދައްކާ ގޮތަށް ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކޮށްފައި އޮތް ކަމަށް ކާސްޓްއަވޭގެ ފަރާތުން ބުންޏަސް، އެކަން އެގޮތަށް ހިނގައިފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައި ވެ އެވެ. އަދި ސަބް ލީސް އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނެވޭނީ ލިޔުމަކުން ކަމަށް ވާއިރު، އެފަދަ އިސްލާހެއް އެއްބަސްވުމަށް ގެނެސްފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ކާސްޓްއަވޭގެ ފަރާތުން ކޯޓުގައި އެދުނީ އެއްބަސްވުން ބާތިލްކުރާ ނަމަ އެކަން ކުރެވޭނީ އެ ކުންފުނިން ކޮށްފައިވާ ޚަރަދާއި ނަގާފައިވާ މާލީ ޒިންމާތަކަށާއި އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ލިބޭނެ ގެއްލުން ދިނުމަށް ފަހު ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމަކު ކޯޓުގެ ހުކުމުގައި ވަނީ އެފަދަ ގޮތަކަށް ކޯޓަށް ކަނޑައަޅައި ދެވޭނީ އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ބާތިލްކުރި ކަން ސާބިތުވާ ހާލަތެއްގައި ކަމަށެވެ.

އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން، ސަބް ލީސް އެއްބަސްވުން ބާތިލްކުރި ނޯޓިހަށް އަމަލު ކުރުން ފަސްކުރަން ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.