ދިހައެއް: މަހުޖަނު
ދިހައެއް: މަހުޖަނު

(ޖުލައި 19 ދުވަހު ޖެހި ބަޔާ ގުޅޭ)

އޭނާގެ ލޮލަށް ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟ މީހުން ވަކިކުރަން އެނގޭ ހެއްޔެވެ؟ ކުރިމަތީގައި މި ތިބީ ދިވެހިންގެ ބައެއްކަން ރޭކާލާ ހެއްޔެވެ؟ މިކަހަލަ އެތައް ސުވާލެއް ނާވިޝްގެ ހިތަށްއެރި އެވެ.

ނާދިރާ އަކީ އުފަންވީ ދުވަހުން ފެށިގެން އެތައް ލޯތްބަކުން މަހުރޫމްވި ކުއްޖެކެވެ. ބައްޕަ އާއި މަންމަގެ ލޯތްބެއް ނުލިބުނެވެ. އުޅެބޮޑުވީ ނިކަމެތިކަމުގަ އެވެ. ލޭގެ ގުޅުމެއް ނެތް މީހުންގެ އެހީތެރިކަމުގަ އެވެ. އެކަމަކު އޭނާގެ އަޒުމެއް އޮތެވެ. އޭނާގެ އުއްމީދުތަކެއް ދިރިގެން އަ އެވެ. އޯލެވެލްގެ އެއް ވަނަ މަގާމަށް އެރީ އެ ހުވަފެންތައް ހަގީގަތަކަށް ހަދަން ކުރި މަސައްކަތުގެ ސަބަބުންނެވެ. އަދި އޭލެވެލް އަށް ފަހު ބޭރަށް ކިޔަވަން ދެވޭނެކަމުގެ ޔަގީންކަން މަހުޖަނު އިބްރާހިމް ދިނެވެ.

އެހާ ނިކަމެތިކޮށް ބޮޑުވި ކުއްޖަކަށް އެއީ ވަރަށް ބޮޑު ވަރެކެވެ. އެކަމަކު އޭނާގެ ނަސީބު އޭނާ ހީކުރިހާ ރަނގަޅެއް ނުވި އެވެ. ދުނިޔެ އަދި އޮތީ އެވެ. ދެރަކަމަކީ އެ ދުނިޔޭގައި މިހާރު އޭނާ އަށް އުފަލެއް ނެތުމެވެ. އޭނާ އިނީ އެންމެ ކުޑަމިނުން އަމިއްލަ ސިފަ ވަކިކުރަން ނޭނގޭ ހާލަތުގަ އެވެ. ބިދޭސީ ގައުމެއްގައި، އަޅާލާނެ އެއްވެސް މީހަކު ނެތި، އުމުރުގެ ދެން އޮތް ބައި، ބުއްދިއެއް ނެތް ހާލަތުގައި ހޭދަކުރާށެވެ.

ނާދިރާގެ ފޮޓޯތައް ނެގީ ވަގަށެވެ. ތަން ކިތަންމެ ފަގީރަސް ކޮންމެ ކޮންމެ މީހަކަށް އެތަނަށް ވަނުމުގެ ފުރުސަތެއް ނުލިބެ އެވެ. ޒަވީން އާއި ނާވިޝް އެތަނަށް ވަނީ، ރާއްޖޭގައި އަމިއްލަ ޖަމިއްޔާއެއް ހިންގާ ބަޔަކަށް ހެދިގެންނެވެ. ނިކަމެތިންނަށް އަޅާލާ ގޮތްތަކާއި ފައިސާ ހޯދަން ރާވާ ޕްރޮގްރަމްތައް ދެނެގަތުމުގެ ޝައުގުވެރިކަމުގައި އިންޑިއާގައި ދަތުރުކުރާ ބަޔަށް ވެގެން، އޮޅުވާލައިގެންނެވެ.

އެތަނަށް އެހީއެއްގެ ގޮތުން އެ މީހުން 1،000 ޑޮލަރު ދިނެވެ. އެއީ ތަނުގެ މެނޭޖްމަންޓަށް އެކެއްގެ ފަރާތުން އެއް ފަހަރާ ލިބުނު އެންމެ ބޮޑު އެހީ އަށް ވި އެވެ.

ފާތިރަށް ފެނުނީ ނާދިރާގެ ހަމައެކަނި ފޮޓޯތަކެވެ. އެކަމަކު ޒަވީން އާއި ނާވިޝް އަށް ވުރެ މާ ބޮޑު އަސަރެއް އޭނާ އަށް ކުރި އެވެ. ފާތިރުގެ ހިތުގައި އެހެން މީހުންނާ މެދު އުފެދޭ ލޯބި އަބަދުވެސް އުތުރިއަރަ އެވެ. އޭނާގެ ހަޔާތުގެ ހިތްދަތިކަމަކީ އެހެން މީހުންނަށްޓަކައި އޭނާގެ މުއްސަނދިކަން ހޭދަކުރަން އޮތް ހުރަހެއް ނޫނެވެ. ދަރިއަކު ލިބެން ނެތުމާއި ދެ ކައިވެނި ރޫޅުމަކީ ހަގީގަތުގައި އޭނާގެ ދިރިއުޅުން ބަނަކުރި ހުސްކަމެކެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އެއީ، އަނިޔާ ލިބުނު ދިވެހިންނަށްޓަކައި، އޭނާގެ މުއްސަނދިކަން ބޭނުންކޮށްގެން، އިންސާފުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަން މާތްﷲ ކުރިމަތިކުރުވި ސަބަބެކެވެ.

ނާދިރާ މަރުވާނެ ދުވަހަކަށް އިންޑިއާގެ އެ ފަގީރު މަރުކަޒަށް އޭނާ ދޫކޮށްލާކަށް ފާތިރު ބޭނުމެއް ނުވި އެވެ. އެކަމަކު އެ ކުއްޖާގެ ހަގީގަތުން ދިވެހިންގެ ތެރެއަށް ޝޮކް ހަބަރުތަކެއް ފަތުރާލުމުގެ ކުރިން، ކުރަން ޖެހިފައި އޮތީ އިބްރާހިމާ މެދު ގޮތެއް ނިންމުމެވެ. ނާދިރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާނީ އޭގެ ފަހުންނެވެ.

މުހައްމަދުގެ މޫނަށް ބަލަހައްޓައިގެން ފާތިރު އިރުގަނޑެއް ވަންދެން ހުއްޓެވެ. މޭޒު މަތީގައި ބާރަށް އަތް ޖަހާފައި ތެދުވި ގޮތުން ޒަވީން އާއި ނާވިޝް އަށް ލިބުނު ސިހުމުގައި އެމީހުން ތިބީ، ފާތިރު ދެން ހަދާ އެއްޗެއް ބަލާށެވެ. އޭނާގެ ރުޅި ކުއްލިއަކަށް ގަދަވާހެން، ހަމަ އެހާމެ އަވަހަށް މަޑު ވެސް ވެ އެވެ.

"ކަލެއަށް ފެނޭތަ އެހެރަ އެއްޗެހި؟" އެއް ފަރާތު ފާރުގައި އަޅުވާލައިފައި ހުރި ކަޓަރާއި މަރުތޭލާއި ކަށިގަނޑުތަކާއި ކީސްތަކާ ދިމާއަށް އަތުން އިޝާރަތްކުރަމުން ފާތިރު ސުވާލުކުރި އެވެ.

އިބްރާހިމް އެދިމާއަށް ބަލައިލި އެވެ. ފާތިރު ހިނގައިގަތެވެ. ދެން އައީ ބޮޑު ކަޓަރަކާއި ހެޔޮވަރު މަރުތޭލެއް ހިފައިގެންނެވެ. އޭނާ އެ އެއްޗެހި މޭޒުމަތީ ބާއްވާފައި ގޮނޑީގައި އިށީނެވެ.

"މި ކަޓަރު އަހަރެމެން ބޭނުންކުރަނީ އަނިޔާވެރިންގެ އިނގިލިތައް ބުރިކުރަން. މަރުތެޔޮ ބޭނުންކުރަނީ، ހިތަށްއަރައިފި ނަމަ، އިނގިއްޔެއް ޗިސްކޮށްލަން،" އާދޭހާއި ނިކަމެތިކަމުގެ އަސަރުތައް ހުރި އިބްރާހިމްގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ ފާތިރު ބުންޏެވެ.

"ކަލޭ ގަބޫލުކުރަންތަ ކަލެއަކީ އަނިޔާވެރިއެއްކަން؟" ފާތިރު ސުވާލުކުރި އެވެ. އިބްރާހިމަށް ޖަވާބެއް ނުދީ ވާކަށް ނެތެވެ. އަދި ކޮންމެ ކޮންމެ ޖަވާބަކުން އޭނާ ސަލާމަތެއް ވެސް ނުވާނެ އެވެ.

"އާނ،" އޭނާ އަށް ބުނެވުނެވެ.

"ހިތުގެ އަޑިންތަ ތި ބުނީ، ނޫނީ އަހަރެން ދެކެ ބިރުންތަ؟" ފާތިރު އެހި އެވެ.

"ނާދިރާ އަށް ވެސް ދެވުނީ އަނިޔާއެއް ނޫންތޯ؟" އިބްރާހިމަށް ބުނެވުނެވެ.

"ރީތި ބަހުން މިތަނުގައި ވާހަކައެއް ނުދައްކާނެ. ނޫންތޯގެ ބަދަލުގައި އާދައިގެ ގޮތަކަށް ބުނޭ!" ފާތިރު އަމުރުކުރި އެވެ.

"ނާދިރާ އަށް ދެވުނީ އަނިޔާއެއް. ވަރަށް ބޮޑު އަނިޔާއެއް. އެކަން އަހަރެން ގަބޫލުކުރަން،" އިބްރާހިމް ބުންޏެވެ.

"އެހެންވިއްޔާ ކަލޭ ނޫސްވެރިން އެއްކޮށްފައި، ލައިވްކޮށް އެއްބަސްވެދާނަންތަ އެކަމަށް؟" ފާތިރު ސުވާލުކުރި އެވެ.

އިބްރާހިމަށް މިފަހަރު ޖަވާބު ދޭކަށް ފަސޭހައެއް ނޫނެވެ. އެގޮތަށް ކަން ކޮށްފި ނަމަ އޭނާ ދާން ޖެހޭނީ ސީދާ ޖަލަށެވެ. އޭނާގެ ބާރު ކިތައްމެ ގަދަޔަސް ރައްޔިތުން އޭނާގެ ގެއަށް އަރައިގަތުން ކައިރި އެވެ. އެހާ ހިސާބުން ފުލުހުންނަށް ވެސް ހެދޭނެ ގޮތެއް ނޯންނާނެ އެވެ.

"ކީއްވެ ޖަވާބެއް ދިނުން ލަސްވަނީ؟ ކަލޭގެ އަނިޔާވެރިކަން ހިތުގެ އަޑިން ގަބޫލުނުކުރަނީތަ؟" ކަޓަރު ނަގައި، އޭގެ ތިލަ ނެރެލަމުން އިބްރާހިމް އެހި އެވެ.

ކަޓަރާ ދިމާއަށް އިބްރާހިމަށް ނަޒަރު ހުއްޓާލެވުނެވެ.

"އެއީ އަމިއްލަ އަށް މަރުވުން ކަހަލަ ކަމެއް،" އިބްރާހިމް ބުންޏެވެ.

"ކަލޭމެން ކަހަލަ މީހުން އަމިއްލަ އަށް މަރުވެގެން ވެސް މި ގައުމު ސަލާމަތް ވެއްޖެ ނަމަ އަހަރެމެންނަށް ރަނގަޅު. ރައްޔިތުންގެ ހައްގުތަކުގައި ކޮޅުފައިން ޖަހާއިރު މުޅި ސަރުކާރު ތި ހިފަހައްޓަނީ ކަލޭ. ކަލޭގެ ލާރި ފުލުހުންގެ ތެރެއަށް އަޅަނީ. ފަނޑިޔާރުންނަށް އަޅަނީ. ރައްޔިތުންގެ މަޖިލިހަށް އަޅަނީ. ދޮގެއްތަ؟" ފާތިރު ބާރަށް ބުނެލި އެވެ.

"އާނ. އަހަރެން ހޭދަކުރަން،" އިބްރާހިމް ބުންޏެވެ.

"ކަލޭ ދޫކޮށްލާނެ އޮތީ ދެ ޝަރުތެއް. އެއް ޝަރުތަކީ ނާދިރާ އަށް ހެދި ގޮތް ހުރިހާ ޓީވީއަކުން ލައިވްކޮށް ކިޔައިދިނުން. އޭގެ ފަހުން ޖެހޭނެ ސަރުކާރުގެ ހިމާޔަތުގައި ކަލޭ ކުރަމުން އަންނަ ހޭދަތައް ހާމަކުރަން. ރިޝްވަތު ހިފާ ބޮޑެތި މީހުންގެ ނަންތައް ކިޔައިދޭން. ދެ ވަނަ ޝަރުތު، މިދިއަ ހަފުތާގައި ޖެހިޖެހިގެން ތިން ރޭ އިރާކޮޅު ރައީސް ކީއްވެ ކަލޭގެ ރިސޯޓްގައި ކަލެއާ ބައްދަލުކުރީ؟ ކޮންމެ ފަހަރަކު ދެ ގަޑިއިރު ހޭދަކުރި. އަހަރެމެންނަށް އެނގިފައި އޮތީ ހަމައެކަނި ކަލެއާއޭ ބައްދަލުކުރީ،" ފާތިރު ބުންޏެވެ.

އިބްރާހިމް އިނީ ހަގީގަތުގައި ވެސް ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ނާދިރާ އަށް އޭނާ ހެދި ގޮތް ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވުމަކީ އޭނާ އަށް ފަސޭހަ ކަމެއް ނޫނެވެ. ދެން އޮތީ ރާއްޖޭގެ ރައީސާއި އޭނާއާ ދެމެދު އޮތް ބޮޑު ސިއްރުތައް ކިޔައިދޭން މިހާރު އެކުރަމުން ދާ މަޖުބޫރެވެ. އެއީ ވެސް އޭނާ ދިރިހުއްޓާ މަރާލުން ފަދަ ނުރައްކާތެރި ކަމެކެވެ. އެކަން ހިތަށްއަރުވާލިޔަސް އިބްރާހިމްގެ ބުއްދި ސުމަކަށް ދެ އެވެ.

"އަހަންނަކަށް ނުވާނެ، ނުވާނެ...." އެންމެ ފަހުން އިބްރާހިމް ބުންޏެވެ.

ފާތިރުގެ ވާތު ޝަހާދަތް އިނގިލި އޭނާގެ ދަތްދޮޅީގައި ޖައްސާލި އެވެ. ޒަވީން އާއި ނާވިޝް އަށް، އެ އިޝާރާތުގެ މާނަ އެނގުނެވެ. އިބްރާހިމްގެ ދެ އަތް މޮހެލައި، މޭޒު މަތީގައި ބޭއްވުމެވެ. އެކަމަކު ހަމައެކަނި ބިރުދައްކާލަނީ އެވެ. އެއްވެސް އަނިޔާއެއް ނުކުރާނެ އެވެ.

ދެ މީހުން ދެ ފަރާތުން އިބްރާހިމް ފަހަތަށް ގޮސް އަތް މޮހެލާ، ދެ އަތް މޭޒު މަތީގައި ބާއްވައި، ބާރަށް ހިފެހެއްޓި އެވެ.

"ތިހެން ނުހަދާ، ކަލޭމެން ބޭނުން ކޮންމެ އެއްޗެއް ދީފާނަން،" އިބްރާހިމަށް ރޮވޭ ގޮތްވި އެވެ. އެހާވެސް ނިކަމެތި، ބާރެއް ނެތް ހާލަތަކަށް އޭނާ ވެއްޓުނީ އެވެ.

"އަހަރެމެން ބޭނުން ދެ ގޮތް ބުނެފީމެއްނު. ކަލޭ އެއްބަސް ނުވަންޏާ އެއީ އިނގިލިތަކެއް ބުރިވުން. ކަލޭ ކިތައްމެ ވަރަކަށް ރޮއި، ހަޅޭއްލެވިޔަސް މިތަނުން އެ އަޑުތަކެއް ނުނިކުންނާނެ. ކަލޭ ސަލާމަތްކުރާނެ މީހަކު ވެސް ނާންނާނެ،" ދަތްކުނޑިވިކާލައި، ރުޅިވެރިކަން ދައްކަމުން ފާތިރު ބުންޏެވެ. ދެން އިބްރާހިމްގެ ކަނާތު ކުޑަވާ އިނގިލި މަތީގައި ކަޓަރުގެ ތިލަ ޖަައްސާލި އެވެ.

"އެންމެ ތަދުވާނީ ކަށިގަނޑާ ޖެހޭ ހިސާބުން. ގުނަވަނެއް ވަކިވުމަކީ މުޅި އުމުރަށް ވޭނުގައި އުޅުން. މިހާރު ކަލެއަށް 70 އަހަރު ވާން އެ އުޅެނީ. މި އުމުރުގައި ކެތްކުރެވޭނެތަ؟" ބިރުދެއްކުމުގެ ގޮތުން ފާތިރު ބުންޏެވެ.

"އާދޭސްކޮށްފައި މި ބުނަނީ، އަހަރެން މައާފަށް އެދެން، ތިހެން ނުހަދާ،" އިބްރާހިމް ރޯން ފެށި އެވެ.

އެ އަޑު އެހުމެއް ނެތި، ތެޔޮހަން ކެނޑޭ ވަރަށް ކަޓަރު ކޮއްޕާލި އެވެ. އެހާ ހިސާބުން "މަޑުކުރޭ، މަޑުކުރޭ، އަހަރެން އެއްބަސް،" އޭ ގޮވާލި އެވެ. އޭނާގެ އިނގިލިން ފާތިރު ކަޓަރު ނެގި އެވެ. އިބްރާހިމްގެ ދެ އަތުން ދޫކޮށްލުމަށް ފަހު ޒަވީން އާއި ނާވިޝް ފާތިރުގެ ދެ އަރިމައްޗަށް ގޮސް ހުއްޓުނެވެ. ކުރިމަތީގައި ހުރި މޭޒު މަތީގައި އިބްރާހިމަށް ބޯ އަޅާލެވުނެވެ. އޭނާ ރޮމުން ގެންދިޔަ އެވެ.

"ރޮއިގެން އަހަރެމެންގެ ހިތަށް ވަންނާނެ ހަމްދަރުދީއެއް ނޯންނާނެ، އިނގޭ. ތިއީ ބޭކާރު ކަމެއް. ނާދިރާގެ ރުއިމުގެ އަޑު ކަލެއަކަށް ނީވުނެއްނު. އެތައް ދިވެހިންނަކަށް ކަލޭ ކުރި ޖެއްސުން މި އޮތީ މި ރިޕޯޓްގައި. އެ މީހުން ވެސް ހަމަ ރުޔޭ. ގަސްދުގައި ކިތައް މީހުންގެ ވިޔަފާރި ކަލޭ ހުރީ ބަނގުރޫޓުކޮށްލާފައި. ކަލޭގެ އާމްދަނީ އަށް ހުރަހެއް އެޅިދާނެ ކޮންމެ ކަމެއް ކަލޭ ހުއްޓުވީނު. ކަލޭ ބޭނުންވީ އަޅުންގެ ގޮތުގައި ދިވެހިން ގެންގުޅެން. އެކަމަކު މިއަދު ކަލެއަށް ވެސް ކަލޭގެ ފުރާނަ މުހިންމު ވެއްޖެ، އެހެންނު،" ފާތިރުގެ އެ ވާހަކަތައް އިބްރާހިމަށް ރަނގަޅަށް އިވެ އެވެ.

ނިކަމެތިވުމަކީ މިއީ އެވެ. އެކަމަކު އިބްރާހިމަށް ޗޮއިސްއެއް ނެތެވެ. އޭނާ ރޮމުން ދިޔައީ އެހެންވެގެންނެވެ. މަރު ދެކެ އޭނާ ބިރުގަނެ އެވެ. ގުނަވަނެއް ބުރިވެ، އޭގެ ވޭން އިހުސާސްކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ހަމައެހެން، އޭނާ އެއްޗެކޭ ނުބުނެ، ގުނަވަންތައް ޗިސްވާން ފުރުސަތު ދީގެން ލިބޭނެ ފައިދާއެއް ވެސް ނެތެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނާ ލައްވާ އެ ވާހަކަތައް ދައްކުވާނެކަން ހަމަ ޔަގީނެވެ. ރޮމުން، އޭނާ ހިސާބު ހަދަމުން ދިޔައީ އެގޮތަށެވެ. އޭނާ ކައިރީގައި ރައީސް ދެއްކި ވާހަކަތައް އާންމުކޮށްފި ނަމަ ކުރިމަތިވާނީ ވެސް ކުޑަކުޑަ ކަމެއް ނޫނެވެ. އެހާ ހިސާބުން ރާއްޖޭގެ ހާލަތު ދާނީ ގޯހުން ގޯހަށެވެ.

އެކަމަކު އިބްރާހިމް އޭނާގެ ނަފުސަށް ވިސްނައިދެމުން ދިޔަ އެވެ. ސިއްރު ވެސް ހިފެހެއްޓޭނީ ވަކި ވަރަކަށެވެ. ސިއްރު ބޭޒާރުވެގެން ދިމާވާ ކަންކަމާ ކުރިމަތިލާން ވެސް ޖެހޭނެ އެވެ. މަރުވުމަށް ވުރެ ޖަލުގައި ހުއްޓަސް ރަނގަޅުވާނެ އެވެ. ޖަލުން ސަލާމްވާނެ ގޮތްތައް ވެސް ހުންނާނެ އެވެ. ރައީސްގެ ހިޔާމަތަކީ އޭނާގެ އަމިއްލަ ކަމެކެވެ. އިބްރާހިމް ކޮންމެހެން ވިސްނާކަށް ނުޖެހޭނެ އެވެ. ސިޔާސީ ވެރިންނަށް، ރައްޔިތުން މަރައިގެން ވެސް އެޅޭނެ ފިޔަވަޅުތައް ހުންނާނެ އެވެ. (މި ވާހަކައިގެ ހަތް ވަނަ ބައި އަންނަ ހޯމަދުވަހު)