15 އެޕްރީލް 2018 - 12:41

މިއުނިކް (އޭޕްރީލް 15) - އެއިންޓްރެކް ފްރޭންކްފާޓްގެ ކޯޗު ނިކޯ ކޮވަޗް ބަޔާން މިއުނިކަށް ގެންދަން އެ ޓީމުން މަސައްކަތްކުރީ ޕްރޮފެޝަނަލް އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ފްރޭންކްފާޓުން ބަޔާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ފްރޭންކްފާޓުން މި ސީޒަނުގައި އަންނަނީ ކޮވަޗްގެ ކޯޗުކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ޓީމު އޮތީ ކުޅުނު 30 މެޗުން ހޯދި 46 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.
އަންނަ ސީޒަނަށް ފްރޭންކްފާޓުން ރަނގަޅު ޕްލޭންތަކެއް ހަދަމުން ދަނިކޮށް އެ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބަޔާނުން އަންނަ ސީޒަނުން ފެށިގެން ތިން އަހަރަށް އެ ޓީމުގެ ކޯޗަކަށް ކޮވަޗް ހަމަޖެއްސުމަށް ނިންމުމުންނެވެ. ބަޔާނުން ކޮވަޗް ގެންދަނީ އޭނާ ފްރޭންކްފާޓާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރަން ދައްކަން ޖެހޭ 2.2 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ.
"މިއީ ފްރޭންކްފާޓުން ކުރާނެ ކަމެއް ނޫން. މިއީ ބަޔާން ކަހަލަ ހައިބަތު ބޮޑު ކްލަބަކުން ކުރި ވަރަށް ބޮޑަށް ޕްރޮފެޝަނަލް މިންގަނޑާ ހިލާފުކަމެއް. ކޮވަޗް ހުރީ އަހަރެމެންގެ ކޮންޓްރެކްޓްގައި. ސީޒަން އަދި ނުނިމޭ. އެކަމު ބަޔާނުން މި ގެންދިޔައީ އަހަރެމެންގެ ކޯޗު،" ފްރޭންކްފާޓުގެ ސްޕޯޓިން ޑައިރެކްޓަރު ފްރެޑީ ބޮބިޗް ވިދާޅުވި އެވެ.
ފްރޭންކްފާޓުގެ ފާޑުކިޔުންތަކަށް ރޭ ބަޔާން މިއުނިކްގެ ރައީސް އުއީ ހޮއޭނޭސް ވަނީ ރައްދުދެއްވައިފަ އެވެ.
"ވަރަށް ގަބޫލުކުރަން ދަތި ވާހަކަތަކެއް އަޑު އިވިއްޖެ. ބަޔާނުން އަބަދުވެސް މަސައްކަތްކުރަނީ ޕްރޮފެޝަނަލް މިންގަނޑަށް. އަހަރެމެން ކޮވަޗް ގެނައީ ޕްރޮފެޝަނަލް މިންގަނޑު ތެރެއިން. ކްލަބަށް އަންގަން ޖެހޭ ހިސާބުން އެކަން އަންގައިފިން. މިހާރު ފްރޭންކްފާޓަށް ވެސް ވަގުތު އޮންނާނެ އާ ކޯޗެއް ހަމަޖައްސަން،" ހޮއޭނޭސް ވިދާޅުވި އެވެ.
ބަޔާނުން މި ސީޒަނަށް ނުކުތީ ކާލޯ އަންޗެލޮޓީއާ އެކު އެވެ. އެހެން ނަމަވެސް އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތަށް ދަށްވަމުމާ އެކު އޭނާ މަގާމުން ދުރުކޮށް މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކޯޗަކަށް ޔުޕް ހެއިންކެސް ހަމަޖެއްސި އެވެ. ހެއިންކެސްގެ ކޯޗުކަމުގައި ބަޔާނުން ވަނީ ބާކީ ފަސް މެޗު އޮއްވައި ޖަރުމަނު ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ރޭ އެ ޓީމު ކުޅުނު މެޗުން ވަނީ ލީގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 5-1 އިން މޮޅުވެފަ އެވެ.