ސްމާޓް އުޅައެއް؛ އެހީއަށް ގޮވާނީ އަމިއްލައަށް
ސްމާޓް އުޅައެއް؛ އެހީއަށް ގޮވާނީ އަމިއްލައަށް

އެކަނި މަގުމަތީ އުޅޭއިރު ނުރައްކަލެއް ދިމާވެދާނެތީ ހުންނަންޖެހެނީ ފާރަވެރިވެގެންނެވެ. މި ކަމަށް ހާއްސަކޮށް ހަދާފައިވާ، އަތުކުރީ ގަޑި އާއި އުޅާ މިހާރު ބާޒާރުގައި ލިބެން ހުރެއެވެ. ގިނަފަހަރަށް މިފަދަ ތަކެތި މަސައްކަތްކުރަނީ ފިތަކަށް ފިތާލީމައެވެ. ނުރައްކަލަށް ތިމާ ވެއްޓުމުން ސަލާމަތަށް އެދި އަޑު އިއްވައި އިޝާރާތްކުރާ އާލާތަކަށް މިހާރު މި ތިބީ ބޭނުންވެފައެވެ. އެކަން ފުރިހަމަކޮށްދޭނީ ސްމާޓް ޖުވެލެރީ ބްރޭސްލެޓް ކަމަށް ވެދާނެއެވެ.

އަތުގައި އަޅާ ނަލަ އުޅައެއްހެން ފަރުމާކޮށްފައިވާ މި ޑިވައިސް އިން، މީހާ އަރިއަޅައިލިޔަސް އެނގެ އެވެ. ސްޕީޑާއި ފިނިހޫނުމިން ބެލޭނެ ގޮތް ވެސް ހުރެ އެވެ. ޕްރެޝަރު ސެންސަރުތައް ވެސް ހުރެ އެވެ. އަދި ޖީޕީއެސް އާއި މައިކް ވެސް ހުރެއެވެ.

ބާމިންގްހަމްގެ ޔުނިވަސިޓީ އޮފް އެލަބާމާގައި ފައްކާކުރަމުން އަންނަ މި އުޅާ އަޅައިގެން ހުންނައިރު މީގައިވާ އެކި ސެންސަރުތަކުން ދާނީ އުޅާ އަޅައިގެން ހުންނަ މީހާގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ. އޮށޯވެ އޮތަސް ކޮޅަށް ހުއްޓަސް މިއަށް އެނގެއެވެ. އަދި އާދަޔާ ޚިލާފް ހަރަކާތްތަކެއް ފާހަގަކުރެވިއްޖެ ނަމަ އިންޒާރުގެ ސިގްނަލެއްގެ ގޮތުން، މި އުޅާގައިވާ ރަތްބޮކި ދިއްލި، ބާރު އަޑެއް އިވޭނެއެވެ. އަދި ރައްކާކޮށްފައިވާ ނަމްބަރުތަކަށާއި ފުލުހަށް، ސަލާމަތަށް އެދި މެސެޖެއް ފޮނުވާލައެވެ. މި މެސެޖު ދާނީ މި ނަލަ އުޅާގެ ބްލޫޓޫތު މެދުވެރިކޮށް ސްމާޓްފޯނުންނެވެ.

މި އުޅާގެ މޭސްތިރިކަމަށްވާ ޖާޔަން ޕަޓޭލް ބުނާ ގޮތުން ސްމާޓް ޖުވެލަރީ ބްރޭސްލެޓްގެ ޓެކްނޮލޮޖީ، ބޫޓާއި ކަންފަތުލާ މުދީގައި ބޭނުންކުރުމަށް މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ. މިއީ ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޭނުންތެރި ޓެކްނޮލޮޖީއަކަށްވާނެ ކަމަށް ބެލެވެއެވެ.