15 އެޕްރީލް 2018 - 10:03

ލަންޑަން (އޭޕްރީލް 15) - ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުން ވުލްވްސް ޖާގަ ހޯދައިފި އެވެ.
ވުލްވްސް އަށް ޕްރިމިއާ ލީގުގެ ޖާގަ ޔަގީންވީ ދެ ވަނަ ޑިވިޝަނުގެ ތިން ވަނައިގައި އޮތް ފުލަމް ރޭ ކުޅުނު މެޗުން ބްރެންޓްފޯޑާ 1-1 އިން އެއްވަރުވުމުންނެވެ. ލީގުގައި ބާކީ ތިން މެޗު އޮތްއިރު، ވުލްވްސް އެއް ވަނައިގައި އޮތީ 42 މެޗުން 92 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ 42 މެޗުން 83 ޕޮއިންޓާ އެކު ކާޑިފް ސިޓީ އެވެ.
ވުލްވްސް އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. ޕޯޗުގަލްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވުލްވްސް އަންނަނީ މިިދިޔަ ނޮވެމްބަރު މަހުން ފެށިގެން ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓަމުންނެވެ.
ވުލްވްސް ޕްރިމިއާ ލީގަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އެ ކްލަބްގެ ވެރިޔާ ޗައިނާގެ ފޮސުން ގްރޫޕް އެވެ. އޭނާ ވަނީ އެ ޓީމާ ހަވާލުވުމަށް ފަހު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ހާއްސަކޮށް ޓްރާންސްފާގެ ކަންތައްތަކުގައި ރަނގަޅު ބަދަލުތަކެއް ގެނަ އެވެ.
މިދިޔަ މާޗް މަހު ލީޑްސް ޔުނައިޓެޑްގެ ވެރިޔާ އަންދްރެއާ ރަޑްރިޒާނީ ވަނީ ވުލްވްސްއާ ދެކޮޅަށް އިނގިރޭސި އެފްއޭ އަށް ސިޓީ އެއް ހުށަހަޅައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ވުލްވްސް އަށް ގާވައިދާ ހިލާފަށް އެކި ފަރާތުންތަކުން ހަރަދުކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި މަޝްހޫރު އޭޖެންޓް ޖޯޖް މެންޑޭސް ވެސް ހިމެނޭ ކަމަށެވެ.
މިިދިޔަ އަހަރު މެއި މަހު ވުލްވްސްއާ ހަވާލުވުމަށް ފަހު ނޫނޯ ވަނީ ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެ. އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާގޮތުގައި ނޫނޯގެ ކޯޗުކަމުގައި ވުލްވްސް އިން އެކުލަވާލި ޓީމަކީ އިނގިރޭސި ދެ ވަނަ ޑިވިޝަން ތާރީހުގައި ކުޅުނު އެންމެ ވަރުގަދަ އެއް ޓީމެވެ.
ވުލްވްސްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސް އެވެ. މި ފަހަރު ވުލްވްސްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މި ފަހަރު ރަޝިއާ އަށްދާ ޕޯޗުގަލް ސްކޮޑުން އޭނާ އަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.