15 އެޕްރީލް 2018 - 08:53

ލަންޑަން (އޭޕްރީލް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގު ހޯދުމާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 33 މެޗުން 87 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 32 މެޗުން 71 ޕޮއިންޓާ އެކު އެވެ.
ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މި ހަފްތާގައި ކުރިއަށް އޮތް ދެ މެޗުން ކުރެ އެއް މެޗުން ވެސް ބަލިވެއްޖެނަމަ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ޔުނައިޓެޑް މިރޭ ނުކުންނާނީ ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ދެކޮޅަށެވެ. އެ އަށް ފަހު ބުދަ ދުވަހު އެ ޓީމު ކުޅޭނީ ބޯންމައުތާ އެވެ.
އެންމެ ފަހުން ކުޅުނު ތިން މެޗުން ސިޓީ ބަލިވެފައިވުމުން ރޭގެ މެޗަށް އެ ޓީމުން ނުކުތީ ޖެހިޖެހިގެން ހަތަރު ބަލިނުވުމުގެ އުއްމީދުގަ އެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ 22 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް އެވެ. އޭގެ ތިން މިނިޓް ފަހުން ލިބުނު ޕެނަލްޓީ އަކުން އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. ސިޓީ އަށް ދިން މި ޕެނަލްޓީގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ސިޓީގެ ރަހީމް ސްޓާލިން އަށް ފައުލުކުރީ ބޭރުންނެވެ. އެހެން ނަމަވެސް ރެފްރީ ޖޯން މޮސް އަށް އެ މަންޒަރު އެންމެ ރަނގަޅަށް ނުފެނުނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓޮޓެންހަމް އަލުން މެޗުގެ ތެރެއަށް ގެނެސްދިނީ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން ޖެހި ގޯލުންނެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި ސްޓާލިން ވަނީ ސިޓީ އަށް ތިން ވަނަ ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ތިން ޕޮއިންޓް ހޯދައިދީފަ އެވެ.
މި ބައްޔާ އެކު ލީގުގެ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ޓޮޓެންހަމަށް ވަނީ ގެއްލިފަ އެވެ. ޓޮޓެންހަމް ހަތަރު ވަނައިގައި އޮތީ 33 މެޗުން 67 ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި އޮތީ ރޭ 3-0 އިން ބޯންމައުތު އަތުން މޮޅުވި ލިވަޕޫލެވެ.
މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ސަޑިއޯ މާނޭ، މުހައްމަދު ސަލާހު އަދި ރޮބާޓޯ ފިރްމީނޯ އެވެ. ރޭގެ ލަނޑާ އެކު ސަލާހު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 30 ލަނޑު ހަމަކޮށްފަ އެވެ. އޭނާ އަކީ ލީގުގެ ތާރީހުގައި އެއް ސީޒަނެއްގައި 30 ގޯލު ޖެހި އަށް ވަނަ ކުޅުންތެރިޔާ އެވެ. އަދި ސަލާހު ވަނީ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 40 ލަނޑު ހަމަކޮށްފަ އެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު އިނގިރޭސި ލީގުގެ ސީޒަނެއްގެ ހުރިހާ މުބާރާތެއްގައި 40 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.
އެންޓޯނިއޯ ކޮންޓޭގެ ޗެލްސީން ވަނީ ރޭ ރަށުންބޭރުގައި ފަހަތުން އަރައި 3-2 އިން ސައުތެމްޓަން ބަލިކޮށް ގަދަ ހަތަރެއްގެ އުއްމީދު އާ ކޮށްފަ އެވެ. ޑޫސާން ޓަޑިޗް އާއި ޔެން ބާޑްނަޔެކްގެ ލަނޑުތަކުން ސައުތެމްޓަން ދެ ލަނޑުގެ ލީޑެއް ނަގާފައި އޮއްވައި ޗެލްސީ ކޮޅަށް ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އޮލިވިއޭ ޖިރޫޑް އެވެ.
ޗެލްސީ ތިން ގޯލު ޖެހީ އަށް މިނިޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑު ޖިރޫޑް ޖެހީ 70 ވަނަ މިނިޓްގަ އެވެ. އޭގެ ފަސް މިނިޓް ފަހުން ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޑެން ހަޒާޑް އެވެ. ޗެލްސީ މޮޅުކޮށްދިން ލަނޑު ޖިރޫޑް ކާމިޔާބުކުރީ އޭގެ ތިން މިނިޓް ފަހުންނެވެ.
މި މޮޅާ އެކު ޗެލްސީ ވަނީ 33 މެޗުން 60 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގައި ބާކީ ފަސް މެޗު އެ ޓީމަށް އޮތްއިރު ގަދަ ހަތަރަކާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.