ތީ ޔާރަކީ...
ތީ ޔާރަކީ...

(ބުދަ ދުވަހާ ގުޅޭ)

އަހަރެންގެ ވާހަކައިން އަޔާން އަށް އަސަރު ކުރިކަން ގައިމެވެ. ޖެހިގެން އައި ދުވަހު ލީނާގެ ގެއިން ފެނިގެން އޭނަ ވާހަކައެއް ނުދައްކަ އެވެ. ސޯފާގެ އެއްކޮޅުގައި ލަޔާލްގެ އިސްތަށިގަނޑުގައި ފުނާ އަޅުވައިދޭން އަހަރެން އިންއިރު އަޔާން އިނީ އަނެއްކޮޅުގައި ފޯނާއި ކުޅޭށެވެ. އިރުކޮޅަކުން ތެދުވެގެން ގޮސް ގެއިން ނިކުތެވެ.

އަޔާންގެ އުނދަގުލުން ސަލާމަތް ވާނެ މަގު އަހަރެންގެ ކުރިމަތީން ނިކަން ރީތިކޮށް ފެންނަން ފެށި އެވެ. ލީނާ ބުނިހެން އަޅައިނުލައި ހުރުމަކީ ހައްލެއް ނޫނެވެ. އަޔާން ދުރަށް ލާން ޖެހޭނީ ކުރިމަތީ ހުރެ ދުރަށް ދާން ބުނެގެންނެވެ. އޭނަގެ އެބޭކާރު ބަސްތަކުން އަހަންނަށް އަސަރު ނުފޯރާކަން ދައްކައިގެންނެވެ. ފަސްޖެހުމެއް ނެތި ކުރިމަތިލައިގެންނެވެ.

އެކުވެރިޔާގެ ކައިވެނީގެ ދުވަސް ކައިރިވެގެން އައިއިރު އަޔާން ލޮލަށް ފެނުނީ މަދު ފަހަރަކު އެވެ. އަހަރެން ވެސް އޮފީހުގައި އަވަދިނެތި އުޅެން ޖެހުނު ދުވަސްކޮޅެކެވެ. ލީނާ ވިހަން ކައިރިވެފައި ނެތް ނަމަ އެ ލިބޭ ހުސްވަގުތު އަހަރެން ގެއިން ނުވެސް ނިކުތީމުހެވެ.

ޕާޓީ އޮތް ރޭ ލީނާމެން ޕާޓީ އަށް ދިޔަ އެވެ. އަހަރެން އެ ރޭ އިނީ އޮފީހުގަ އެވެ. ސަބާ ޕާޓީން އައިސް އަހަންނަށް ގުޅައިގެން ފޮނި ކެނޑި އެވެ. ކެއުމުގެ މީރު ވާހަކައިން ފެށިގެން ތައްޔާރީތަކުގެ މޮޅުކަމުގެ ވާހަކަ އަށް ދާންދެން ކިޔެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ ސަބާ އެންމެ ފަހުން ބުނި ވާހަކައަށެވެ. އެއީ އަޔާން ފުރަންވެގެން ޓިކެޓް ނެގި ވާހަކަ އެވެ.

ފޯނު ބާއްވާފައި ފެން ހޫނުވަންދެން އުނދުން ކައިރީ ހުރިއިރު ހިތާ ދިމާލުގައި ފިރުމާލެވުނެވެ. ސަބާ ދިން ޚަބަރުން ހިތަށް އެނގުންވި ކަމާ މެދު ޝައްކެއް ނުކުރަމެވެ. އިރެއްގައި އެއީ އަހަރެން ހިތާއި ފުރާނައިން ލޯބިވި އަޔާން އެވެ. އަހަރުތަކަކަށް ފަހު ދެވަނަ ފަހަރަށް ދިމާވުމަކީ ތަގުދީރު ކަމުގައި އެއްފަހަރު ވެސް ހިތަކަށް ނާރައޭ ބުނުން ވާނީ ދޮގަކަށެވެ. އެކަމަކު އެ ކުށްހީ ވެސް އިސާހިތަކު ފިލައިގެން ދިޔައީ އެވެ. އަޔާން ފުރުމާއެކު އޭނަގެ ބާބު ނިމުނީ އެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލި ގޮތަށް އަހަރެން ދިޔައީ ލީނާގެ ގެއަށެވެ. އާންމުކޮށް ހުކުރު ދުވަހު މެންދުރު ކެއުން އަހަރެން ކަނީ އެ ގެއިންނެވެ.

ބެލް ޖެހުމުން ދޮރު ހުޅުވީ އަޔާން އެވެ. އޭނަ އެހާ އަވަހަށް ތެދުވެ އުޅޭތަން ފެނުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ.

"ތެދެއް ފުރަނީތަ މިރޭ؟" އަޔާން އަހަރެން ވަންނަން ތަން ދައްކާފައި ދާން ފެށުމުން ސުވާލުކޮށްލީމެވެ.

އަޔާން އެނބުރި ބަލާލައިފައި ޖަވާބު ދިނީ ބޯޖަހައިލުމަކުންނެވެ. އަހަރެން ހީކުރީ އެ ހިސާބުން ނިމުނީ ކަމަށެވެ. އެކަމަކު އެއީ ކުށްހީ އެކެވެ. ލަޔާލް އަށް ގޮވަން ލީނާ ފޮނުވާލައިފައި ސައި ކައްކަން ހުއްޓާ އަޔާން ވަނެވެ.

"ފުރާ ވާހަކަ ތި އެހީ އަހަރެން ދާތީ ދެރަވެގެންތަ؟" އަޔާން ވާހަކަދެއްކި އަޑު އިވުނެވެ.

އަހަރެންގެ ތުންފަތަށް ފެތުރުނީ ހިނިތުންވުމެކެވެ. އޭނަ އަށް އަހަރެން ދޭން އޮތް ޖަވާބު އަހާފައި ވާގޮތް ނިކަން ދެކޭނަމެވެ.

"އުހު. އަޔާން ފުރީމައެއްނު އަހަރެންގެ ދައްތަގެ ގޭގައި ހަމަޖެހިލައިގެން އުޅެވެން އޮތީ. އެހެންވެ،" އެނބުރި އަޔާންގެ ލޮލަށް ބަލަން ހުރެގެން އަހަރެން އިއްވައިލީމެވެ.

އޭނަ ދެން ވާހަކައެއް ނުދައްކާނެއޭ ހީވި ފަހުން އަހަރެންގެ ނަމުން ގޮވައިލި އަޑު އިވުނެވެ.

"އަހަރެން މާފަށް އެދެފިއްޔާ މާފު ކުރާނަންތަ؟" އަޔާން ސުވާލުކުރި އެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ ކޮންދިމާއަކުން އަޔާންގެ ސިކުނޑިއަށް އައި ސުވާލެއް ހެއްޔެވެ؟

އަހަރެން ލޯ ބޮޑުކޮށްގެން ބަލަން ހުއްޓާ އޭނަ ތެދުވެގެން އައިސް ހުއްޓުނީ އަހަރެންގެ ކައިރިއަށެވެ. އޭނަގެ މޫނުގެ ކުލަ ރަނގަޅަށް ދެކެން ވެގެން އަހަންނަށް ޖެހުނީ ފަހަތަށް ޖެހިލާށެވެ.

"އަހަރެން އޭރު ކުރި ކަންތައްތަކާއިމެދު ހިތާމަ ކުރަމޭ ބުނިއްޔާ ސާޖީ ގަބޫލު ކުރާނަންތަ؟" އަޔާންގެ އަޑުގައި ސީރިއަސްކަން ވި އެވެ.

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އިރުކޮޅަކުން ލީނާ ވަދެގެން އައުމުން އަހަރެމެންނަށް ވާހަކަދައްކާނެ ފުރުސަތު ގެއްލިގެން ދިޔައެވެ. އަޔާން އަތް ހިއްލާލައިފައި ފަހަތުން ކަނދުރާ މަތީ ހިފަހައްޓާލައިގެން ނިކުންނަން ދިޔަ އެވެ. އަހަރެންނަށް އެނބުރެވުނީ އުނދުނާ ދިމާއަށެވެ. ކެކިގެން ހިނދެމުން ދިޔަ ފެންފޮދަށް ނަޒަރު ހުރި ނަމަވެސް ސިކުނޑި ވީ އެހެން ތަނެއްގަ އެވެ. އަހަރެންނަށް ރޭކާލީ ލީނާ އައިސް އުނދުން ނިވާލީމަ އެވެ.

ގެއަށް ގޮސް އެކަނިވުމުން އަޔާންއާ ދޭތެރޭ ވިސްނެން ފެށި އެވެ. ހިޔާލުތައް ދަތުރު ކުރަމުން ދިޔައީ އެކިފަހަރު އެކި މިސްރާބަށެވެ. އަހަރެންނަށް އަޔާންގެ އަމަލުތަކުން ގޯސް މާނައެއް ނެގިގެން އުޅެނީ ބާވައޭ ހިތަށް އެރި އެވެ. އޭނަ ހަޤީޤަތުގައި ވެސް އެގޮތަށް ވާހަކަދައްކަނީ ސާފު ހިތަކައިގެން ކަމަށް ވެއްޖެއްޔާ އަހަރެންނަށް މި ގެއްލުވާލެވެނީ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ.

ވިސްނާ ވިސްނާ ވަކި ކޮޅަކަށް ނުޖެހެވިގެން އަހަރެން ގުޅީ ސަބާ އަށެވެ. އެކަމަކު އެއީ އެފަދަ ލަފައަކަށް އެދެން އަހަރެން ގުޅަންވީ އެންމެ ފަހު މީހާ ކަންނޭނގެ އެވެ.

ސަބާ ކުރެން އަހަރެން އެހީ އެންމެ ސުވާލެކެވެ. އެއީ އަޔާންގެ ވާހަކައާ އަމަލުތަކަށް ބަލާފައި ސަބާއަށް ހީވަނީ ކިހިނެއްތޯ އެވެ. އޭނަ އަހަންނާ ދޭތެރޭ ސީރިއަސްތޯ ނުވަތަ ނޫންތޯ ޖަވާބު ދޭން އެދުނީ އާއެކޭ ނޫނީ ނޫނެކޭ ބުނެފަ އެވެ. ސަބާ ހިމޭނުން ހުންނަން ފެށުމުން އަހަރެންގެ ހިތް އަވަސްވެގެން އައެވެ.

"ސޮރީ ސާޖީ. އެކަމަކު އަހަންނަށް ހީވަނީ އަހަރެން މީ ތި ވާހަކަ އަހަންޖެހޭނެ އެންމެ ފަހު މީހާހެން. ސާޖީ އަށް އެނގެއެއްނު އަހަންނަށް މީހުންނަށް ބަލާފައި ހެޔޮނުބައި ވަކިކުރަން ނޭނގޭކަން. އަހަންނަށް އަބަދު ލިބެނީ ލަނޑު..." ސަބާ ދެރަވެލާފައި ވާހަކަ ދެއްކި އެވެ.

އަހަންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

ފޯނު ބާއްވާފައި އަހަރެން ނިދީ ހުރިހާ ކަމެއް ތަގުދީރުގެ އަތްމައްޗަށް ދޫކޮށްލައިފަ އެވެ. އަޔާންއާ އަހަރެންގެ މެދުގައި ކަމެއް ހިނގަން އޮތްނަމަ އެ ހާލަތު މެދުވެރިވާނެ އެވެ.

ހެނދުނު ހޭލިއިރު ބޮލުގައި ރިހުމެއް ހުއްޓެވެ. އޮފީހަށް ނުގޮސް އަހަރެން އޮތީ ބޭސްކައިގެން އަރާމު ކުރާށެވެ. ކުރެވުނު ކަންތަކާ މެދު ދެރަވެ ލޮލުން ކަރުނަ ހިލެން ފެށި އެވެ. އަޔާން އެ ދިޔައީ އަހަރެންގެ ސަބަބުން މާޔޫސްވެގެން ކަމަށް ވާނަމަ އޭގެ ސަޒާ އަހަރެންނަށް މި ލިބެނީ އެވެ.

މެންދުރު ވާން އުޅެނިކޮށް ސަބާ ގުޅި އެވެ. ފޯނަށް ޖަވާބު ދިންއިރު އަހަރެންގެ އަޑު ހުރީ ކުރެހިފަ އެވެ.

ސަބާގެ ސުވާލުތައް އޮއްބާލަން އަހަރެން ބޮލުގައި ރިއްސާ ވާހަކަ ބުނީމެވެ. އޭނަ އަހަރެން ކައިރިއަށް އަންނަ ވާހަކަ ބުނުމުން ދެކޮޅެއް ނުހަދަމެވެ. ސަބާފަދަ އެކުވެރިއެއްގެ އޯގާތެރިކަމަށް އަހަރެން ހުރީ ބޭނުންވެފަ އެވެ.
ސަބާ ލަސްވެގެން ކޮންމެވެސް އެއްޗެއް ކާން ގޮސް ފްރިޖް ކައިރީ ހުއްޓާ ބެލްޖަހާ އަޑު އިވެން ފެށި އެވެ.

އަނެއްކޮޅުން ސޯފާމަތީ އޮތް ފޯނު ރިންގް ވަނީ އެވެ. އެއްފަހަރު ދޮރަށް އަނެއްފަހަރު ފޯނަށް ނަޒަރެއް ދީފައި އަހަރެން ދިޔައީ ދޮރާ ދިމާއަށެވެ. ދޮރު ހުޅުވާލުމާ އެކު ކުރިމަތީ ހުރި މީހަކު ފެނިފައި ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ.

ނުނިމޭ