15 އެޕްރީލް 2018 - 06:33

ދީޕިކާ ޕަދްކޯނާއި ރަންވީރް ސިންގްގެ ކައިވެނީގެ ވާހަކަ ވަރަށް ގަދައަށް ދެކެމުން އަންނަނިކޮށް، އެ ދެ ތަރިން އަނެއްކާ ވެސް އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ.
މި އަހަރު ރިލީޒްކުރި "ޕަދްމާވަތު" ގައި ދީޕިކާ އާއި ރަންވީރަށް އެކުގައި ސްކްރީން ހިއްސާކޮށްލަން ނުލިބުނު ނަމަވެސް، ސަންޖޭ ލީލާ ބަންސާލީގެ ރާމް-ލީލާ (2013) އަދި ބަޖިރާއޯ މަސްތާނީ (2015) ގައި ދެ ތަރިން ވަނީ އެ މީހުންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ދައްކުވައި ދީފަ އެވެ. އަދި މިއީ މިހާރު ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ވެސް މެ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އަށް މަނީޝް ޝަރްމާ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމަކަށް ރަންވީރާއި ދީޕިކާ މިހާރު ވަނީ ސޮއިކޮށްފަ އެވެ. އަދި ފިލްމާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވިޔަސް، މީގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރަންވީރާއި ދީޕިކާ އެކުގައި ސްކްރީނުން ބަލައިލަން ބޭނުންވާ ފޭނުންނަށް ހަމަ ގައިމު ވެސް މި ފިލްމް ވަރަށް ހާއްސަ ވާނެ އެވެ. މަނީޝްއަކީ ރަންވީރް ބޮލީވުޑަށް ނުކުތް ފިލްމް ބޭންޑް ބާޖާ ބާރާތު (2010) ގެ ޑައިރެކްޓަރެވެ. އޭގެ ފަހުން މަނީޝްގެ ލޭޑީޒް ވާސަލް ރިކީ ބަލް (2011) ގައި ވެސް ރަންވީރް ވަނީ މަސައްކަތްކޮށްފަ އެވެ.
އެކަމަކު މަނީޝްގެ އާ ފިލްމްވެގެން ދާނީ އޭނާއާ އެކު ދީޕިކާ މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ. އޭނާ އެންމެ ފަހުން ގެނެސް ދިން ޝާހްރުކް ހާން ލީޑް ރޯލް ކުޅުނު ފޭން (2016) އެވެ.
ރަންވީރާއި ދީޕިކާ އާ ފިލްމަކަށް ސޮއިކުރި، ރަންވީރްގެ ޝެޑިއުލް މިހާރު އޮތީ ވަރަށް ފުލްކޮށެވެ. އޭނާ ސޮއިކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި ރޯހިތު ޝެޓީގެ "ސިމްބާ" އާއި ކަބީރް ހާންގެ "83" ހިމެނެ އެވެ. ރަންވީރް "83" ގެ މަސައްކަތް ފަށާނީ އަންނަ ޑިސެމްބަރު 28 ގައި ރިލީޒް ކުރަން ނިންމާފައިވާ "ސިމްބާ" ގެ މަސައްކަތް ނިންމުމަށް ފަހު އެވެ. އޭނާ މިހާރު ވަނީ ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" ގެ މަސައްކަތް ނިންމައިފަ އެވެ.
"ޕަދްމާވަތު" އަށް ފަހު، ދީޕިކާ މަސައްކަތް ފަށަން ކުރިން އޮތީ ވިޝާލް ބަރަދްވާޖް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެކަމަކު އޭގެ ބަތަލު، އިރްފާން ހާން ބޮޑު ބައްޔަކަށް ފަރުވާ ހޯދަން ޖެހިގެން ފިލްމް މިހާރު ވަނީ ތާރީހެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ދީޕިކާ އެންމެ ފަހުން ވައިއާރްއެފްގެ ފިލްމެއްގައި މަސައްކަތް ކުރީ 2008 ގަ އެވެ. އެއީ ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރާ އެކު ކުޅުނު "ބަޗްނާ އޭ ހަސީނޯ" އެވެ. ވައިއާރްއެފްގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ 2016 ގައި ގެނެސް ދިން "ބޭފިކްރޭ" ގެ ބަތަލަކީ ރަންވީރެވެ.