14 އެޕްރީލް 2018 - 13:38

ސިވިލް ސާވިސްއާ ގުޅޭ މައްސަލަތައް ހައްލު ކުރުމުގައި، މިހާރު އަމަލުކުރަމުން އަންނަ ސިވިލް ސާވިސްގެ ގާނޫނުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނުގައި، ބައެއް ކަންކަން ބަޔާންކޮށްފައިވާ ގޮތުން، ބައެއް މައްސަލަތައް ހައްލުކުރަން ދަތި ކަމަށެވެ. އެހެންވެ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި ކޮމިޝަނާ ދެމެދު ބައެއް މައްސަލަތައް ހައްލުނުކުރެވި ދިގުލައިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނާ ހެދި ހައްލުކުރަން އުނދަގޫވި އެއް މައްސަލައެއްގެ ގޮތުގައި ޝަމީމް ދެއްކެވީ، ޕާމަނަންޓް ސެކްރެޓަރީން އައްޔަންކުރުމެވެ. ސާކް ސަރަހައްދުގައި، އިއުލާނުކޮށްގެން ޕީއެސް އިން އައްޔަންކުރާ ގައުމަކަށް މި ވަނީ ރާއްޖެ ކަމަށާއި އިންޑިޔާ އަދި ސްރީލަންކާ ފަދަ ގަައުމުތަކުގައި އެ މަގާމަށް މީހުން އައްޔަންކުރަނީ، އެ މިނިސްޓްރީއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނާއި ހުނަރު ލިބިފައިވާ މީހުން ކަމަށް ވިދާޅުވި އެވެ.
"..ހާއްސަ ހާލަތެއްގައި މެނުވީ އާއްމުކޮށް ހުޅުވާލައިގެން ވަޒީފާތަކަށް މުވައްޒަފުން ނަގަނީ ފެށޭ ފަށަލައިގައި އޮންނަ މަގާމުތަކަށް. މިހެންވުމުން، ކެރިިއާ ބޭސްޑްކޮށް މުވައްޒަފުންގެ ކުރިއެރުން ލިބުމަށް ވެސް، އެތައް ތަނެއް މަގުފަހިވެގެންދޭ. އަދި ރަނގަޅު ތަޖުރިބާކާރު ފަންނުވެރި މުވައްޒަފުން އޮފީހުގައި ދެމެހެއްޓުމަށް ވެސް މިފަދަ އުސޫލުތަކުގެ ސަބަބުން މަގުފަހިވެގެންދޭ. އެހެންކަމުން މިހާރު އަމަލުކުރަމުންދާ ގާނޫނަށް އިސްލާހު ގެނައުމަކީ ބޭނުންތެރި ކަމެއް ކަމުގައި 10 އަހަރުގެ ތަޖުރިބާއިން ދަލީލު ދައްކާ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދާރީ ގަވާއިދުތަކާއި އުސޫލުތައް ދުވަހެއް ދުވަހަކަށް އިތުރުވެ، ކަންކަން ކުރުމަށް ދިގު އިޖުރާއަތްތަކެއް ހޭދަކުރަންޖެހޭ ގޮތަށް ބިއުރޮކްރަސީ ފުޅާވަމުން ދިއުމަކީ ވެސް، ސިވިލް ސާވިސްގެ ހިދުމަތް ހަލުއިކޮށް ކުރިއަރުވަން ދިމާވާ ގޮންޖެހުމެކެވެ. އަދި ގަވާއިދާ ހިލާފު ކަންކަން ހިންގުން ހުއްޓުވުމަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން، އިދާރީ ގިނަ މަސައްކަތްތަކެއް މަދު މުވައްޒަފުންގެ ތެރޭގައި ފުނިޖެހިގެންދާ ގޮތް ދިމާވެ ކަންކަން ނިންމުމަށް ދިގުލައިގެން ދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ބެސްޓް ޕްރެސްޓިސްތައް ދިރާސާކުރާއިރު، މިހާރު ފެންނަނީ އިދާރީ ކަންކަން މަދުކޮށް، ދިގު މަރުހަލާތައް ކުރުކޮށް، އަވަހަށް ކުރެވޭ ގޮތަށް ނިޒާމުތަކަށް އިސްލާހު ގެނެެމުންދާ ތަން. ހުއްދަ ނަގަންޖެހޭ އަދި ސޮއި ހޯދަންޖެހޭ ފޯމުތައް ނުވަތަ ލިއެކިޔުންތައް އިތުރުވަނީކީ ނޫން. އެހެންކަމުން އިދާރީ އަދި މާލީ ހިންގުމުގެ އުސޫލުތައް ވެސް، 10 އަހަރަށް ފަހު މުރާޖައާ ކުރަންޖެހޭ މުހިއްމު ކަމެއް ކަމުގައި ބެލެވޭ،" ޝަމީމް ވިދާޅުވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި، ޖަމިއްޔާތަކާއި ކައުންސިލްތަކާއި އެކި އޮފީސްތަކުން 180 މީހުން ބައިވެރިވި އެވެ. މި ކޮންފަރެންސްގައި ސިވިލް ސާވިސްގެ މަސައްކަތްތަކާއި އެކި ތީމްތަކަށް ޕޭޕަރުތައް ހުށަހަޅައި ހިޔާލުތައް ވެސް ހުށަހަޅާނެ އެވެ.