ފޯނު ހިފައިގެން ފާހާނާ އަށް ނުވަންނަ މީހަކު މަދު
ފޯނު ހިފައިގެން ފާހާނާ އަށް ނުވަންނަ މީހަކު މަދު

ސްމާޓްފޯން ބޭނުންކުރާ ކޮންމެ މީހަކުވެސް ފޯނު ހިފައިގެން މަދުން ނަމަވެސް ފާޚާނާއަށް ވަދެފައި ހުންނާނެކަން ޔަގީނެވެ. ބައެއް ފަހަރު އެއީ ފާޚާނާގައި އިންނަ ވަގުތުކޮޅު ވެސް ބޭކާރުކޮށް ނުލުމަށް ކަމަށް ވެދާނެ އެވެ.

ސްމާޓްފޯން ވުޖޫދަށް އައުމުގެ ކުރިން ނޫސް މަޖައްލާ ހިފައިގެން ފާޚާނާއަށް ވަންނަ މީހުން ވެސް އުޅެ އެވެ. އެމީހުންނަށް ރަނގަޅަށް ފާޚާނާ ކުރެވެނީ ނޫހެއް ނުވަތަ މަޖައްލާއެއް ކިޔާލައިގެން ކަމަށް އެފަދަ މީހުން ބުނެ އެވެ.

ސްމާޓްފޯނަކީ ވެސް ނޫސް މަޖައްލާއަކަށް ވަކި ދޫކުރާ އެއްޗެއް ނޫނެވެ. ސަބަބަކީ ފޯނުން ކިޔާލެވޭ ޚަބަރުތަކާއި އާޓިކަލްތައް އަދި ވާހަކަތައް މިހާރު ވަރަށް ގިނަވީމަ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފާޚާނާއަށް ފޯނު ވެއްދުމެކޭ ފާޚާނާ ތަށި އަތަށް ނަގައިގެން އުޅުމެކޭ އެއްވަރެވެ. އެހާވެސް ގިނަ ބެކްޓީރިއާތައް ފޯނުގައި އުނގުޅި ފޯނުގެ ޒަރިއްޔާއިން ތިމާގެ އަތާއި ހަށިގަނޑަށް ފޯރާނެކަމަށް ސާފުތާހިރުކަމަށް ތަންކޮޅެއް ބޮޑަށް ސަމާލުކަން ދޭ މީހުން ބުނެ އެވެ.

ނަމަވެސް މިޒަމާނުގައި ފޯނު އަތުން ދޫކޮށްލުމަކީ ކާކަށް ކުޅަދާނަ ކަމެއް ހެއްޔެވެ؟

ފޯނު ހިފައިގެން ފާޚާނާއަށް ވަންނަ މީހުންގެ އަދަދާއި އެ މީހުން ފާޚާނާ ތެރޭ ތިބެގެން ފޯނުން ކުރާ ކަމެއް ބެލުމަށް ދާދިފަހުން އެމެރިކާގެ ނިއު ޔޯކްގެ ކްލައުޑް އޮންލައިން ސާވިސް މީޑިއާ އިން ސާވޭއެއް ކޮށްފައި ވެ އެވެ. މިސާވޭގައި އެތައް ހާސް މީހުންނަކާ ސުވާލުކުރި އެވެ.

މި ސާވޭއިން ދެއްކި ގޮތުގައި އެމެރިކާ މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން ފާޚާނާގައި ސްމާޓްފޯން ބޭނުންކުރެ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ފާޚާނާގައި އިނދެ ޗެޓްކޮށް ފޭސްބުކާއި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޕޯސްޓްތައް ފޮނުވަމުން ދާކަމަށް ސާވޭއަކުން ވަނީ ހާމަވެފަ އެވެ.

ސާވޭގެ ސުވާލުތަކަށް ޖަވާބު ދިން މީހުންގެ 12 ޕަސެންޓް ބުނެފައި ވަނީ ފާޚާނާގައި ފޯނުން ބަރަހަނާ މަންޒަރުތައް ބަލާ ކަމަށެވެ. ފާޚާނާއަށް ފޯނު ހިފައިގެން ވަންނަ މީހުންގެ 25 ޕަސެންޓް ބުނި ގޮތުގައި އެމީހުންގެ އަތުން ފާޚާނާ ތަށި ތެރެއަށް ފޯނު ވެއްޓިފައިވެ އެވެ. އައިފޯން ގެންގުޅޭ މީހުންނަށް ވުރެ އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުން އަތުން މާގިނައިން ފާޚާނާ ތެރެއަށް ފޯނު ވެއްޓިފައިވާކަން މި ސާވޭގައި ފާހަގަ ކޮށްފައިވެ އެވެ.

ސާވޭގައި ސުވާލުކުރި 59 ޕަސެންޓް މީހުން ބުނި ގޮތުގައި ފާޚާނާގައި އިނދެގެން ޓުވިޓާ، ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްފައިވެ އެވެ.

މީގެ ތެރެއިން 83 ޕަސެންޓް ފިރިހެނުން ފާޚާނާގައި އިނދެގެން ޑޭޓިން އެޕްސް ބޭނުންކުރާ ކަމަށް ބުނިއިރު ފާޚާނާ ތެރޭގައި ސެލްފީ ނެގުމާއި ފޮޓޯނެގުން ފަދަ ކަންތައް ކުރާކަމަށް ބުނެފައިވަނީ ހަމައެކަނި އަންހެނުންނެވެ.

އެހެންވެ ފާޚާނާއަށް ފޯނު ވެއްދުމަކީ ނުތާހިރުކަމެއް ކަމަށް ގިނަ ބަޔަކަށް އެނގުނަސް އެކަން ނުކޮށް ނުތިބޭނެކަން މި ސާވޭ އިން ހާމަވެ އެވެ.

މި ސާވޭން މިގޮތަށް ދެއްކި ނަމަވެސް މިހާރު ފާޚާނާގައި ފޯނު ބޭނުންކުރާ މީހުންގެ ނިސްބަތް އުޅޭނީ މިއަށް ވުރެ ވެސް މާ މަތީގައި ކަމަށް ގިނަބަޔަކު ގަބޫލު ކުރެ އެވެ.